ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުން، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ގާނޫނީ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ލިބެނީ އެންމެ 1.2 މިލިއަން ރުފިޔާކަމަށް ކޮމިޝަނުން ބުނެފި އެވެ.
ބަޖެޓު ކޮމިޓީގައި ވާހަކަދައްކަވަމުން އޭސީސީގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ނިލްފާ ވިދާޅުވީ، ކޮމިޝަނުގެ ހިންގުމުގެ އަސާސީ ހަރަދުތަކަށް ބަލައި ފިނޭންސް މިނިސްޓްރީއަށް ހުށަހެޅީ 53.9 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. ނަމަވެސް ފިނޭންސުން މަޖިލީހަށް ބަޖެޓު ފޮނުވި އިރު، އޭސީސީއަށް އެދިފައިވާ އަދަދަށް ވުރެ 6.4 މިލިއަން ރުފިޔާ މަދުކޮށް، ކަނޑައަޅާފައިވަނީ 47.5 މިލިއަން ރުފިޔާކަމަށް ފާހަގަކުރެއްވިއެވެ. އަދި މި ބަޖެޓުގެ ބޮޑުބައި ހޭދަވަނީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ އިތުރުން ކުއްޔާއި ޔުޓިލިޓީ ފަދަ ހިދުމަތްތަކަށް ކަމަށްވުމުން، ކޮމިޝަނުގެ މައިގަނޑު ހަރަކާތްތައް ހިންގުމަށް ބާކީވަނީ މުޅި ބަޖެޓުގެ އެންމެ 2 އިންސައްތަކަމުގައި އޭނާ ވިދާޅުވި އެވެ.
އެގޮތުން ލިބުނު ބަޖެޓު ބަހާލައިގެން ހަރަދުކުރަން ޖެހިފައިވާ ދާއިރާތަތައް ފާހަގަކުރައްވައި ނިލްފާ ވިދާޅުވީ، މުޅި ރާއްޖޭގައި ކުރިއަށްގެންދަންޖެހޭ ތަހުގީގު ދަތުރުތަކަށް ޖެހެނީ އެންމެ ދެ ލައްކަ ރުފިޔާ ކަމަށެވެ.
މީގެއިތުރުން ކޮރަޕްޝަން ހުއްޓުވުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކަށް ޖުމްލަ ދެ ލައްކަ ރުފިޔާ ކަނޑައެޅިފައިވާއިރު، މުވައްޒަފުން ތަމްރީނުކުރުމަށް ލިބެނީ 391،000 ރުފިޔާކަމަށް ވިދާޅުވި އެވެ. އަދި ބޭރުގެ މުއައްސަސާތަކާ އެކު އޮންނަ ގުޅުންތައް ދެމެހެއްޓުމަށް ކަނޑައެޅިފައިވަނީ 371،000 ރުފިޔާއެވެ. އެހެންކަމުން، މި ބަޖެޓުން މުއައްސަސާގެ އަސާސީ މަސައްކަތްތައް ހިންގުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.
މި ބައްދަލުވުމުގައި ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، ވޭތުވެދިޔަ 2022 އިން ފެށިގެން މިހާތަނަށް ކޮމިޝަނުން ކުރި ތަހުގީގުތަކަށް މުސާރައާއި އެހެނިހެން ހަރަދުތައް ހިމެނޭހެން 70 މިލިއަން ރުފިޔާ ހޭދަވި ނަމަވެސް، އެ ތަހުގީގުތަކުގެ އަލީގައި ދައުލަތަށް އަނބުރާ ހޯދުމަށް 206 މިލިއަން ރުފިޔާ ކަނޑައަޅައި އެކަން ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.
އޭސީސީގެ ދައުރަކީ މައްސަލަތައް ފުރިހަމައަށް ތަހުގީގުކޮށް ކަމާބެހޭ އިދާރާތަކަށް އެންގުންކަމަށާއި، ފައިސާ އަނބުރާ ހޯދުމަށް ކޯޓުތަކަށް ދިއުމުގެ ގާނޫނީ ބާރު އޭސީސީއަށް ނޯންނަކަމަށް ޝާމިލް ވިދާޅުވި އެވެ. އަދި އޮޑިޓް އޮފީހުގެ ރިޕޯޓުތަކުން ފާހަގަވާ ކަންކަމަށް ފިޔަވަޅު އެޅުމުގެ ބުރަ އޮތީ އޭސީސީއާއި ފުލުހުންގެ ބޮލުގައި ކަމަށްވުމުން، ތަހުގީގުތަކުގެ ފެންވަރު ދަށްވެއްޖެނަމަ އޮޑިޓްތަކުގެ އަސްލު ނަތީޖާ ގެއްލިގެންދާނެކަމަށް ޝަމިލް ވިދާޅުވި އެވެ.
މީގެއިތުރުން ދައުލަތުގެ އާ ޕޭ ފްރޭމްވޯކަށް މުސާރައިގެ އޮނިގަނޑު ބަދަލުކުރުމާ ގުޅިގެން މުވައްޒަފުންގެ މުސާރައަށް އެކަށީގެންވާ ރަނގަޅު ބަދަލެއް ނައުމަކީ ވެސް ކޮމިޝަނުން ކޮމިޓީއަށް ހުށަހެޅި ކަންބޮޑުވުމެކެވެ. އޭސީސީ ހިންގަމުން އަންނަނީ އަމިއްލަ މީހެއްގެ ގޭގައި ކުއްޔަށް ކަމަށްވާތީ، ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި، މިކަމަށް ހައްލެއް ހޯދުމަށް އައު އޮފީސް އިމާރާތެއް އެޅުމަށް ބަޖެޓެއް ބޭނުންވާކަން ވެސް އެ ކޮމިޝަނުން ފާހަގަކުރިއެވެ.

