ކޮންމެ މިނިސްޓްރީއަކަށް ކަނޑައެޅޭ ފަންނީ ވަކި ދާއިރާތަކަކުން ޚާއްސަ ކޮމިޓީތަކެއް އެކުލަވާލުމުގައި އަމަލުކުރާނެ އުސޫލެއް ކަނޑައަޅުއްވައި، އެ އުސޫލަށް އަމަލުކުރަން ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މި ނިންމެވުން ނިންމަވާފައިވަނީ މި ހިނގާ ނޮވެންބަރު 15 ވީ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، މި އުސޫލުގެ މައިގަނޑު މަޤްޞަދަކީ އެކި ފަންނުވެރި ދާއިރާތަކާ ގުޅުންހުރި މައްސަލަތަކާމެދު މަޝްވަރާކޮށް، ސިޔާސަތުތައް ބައްޓަންކުރުމާއި ތަންފީޒުކުރުމުގައި ފަންނީ ތަޢުލީމާއި ތަޖުރިބާގެ އަލީގައި މަޝްވަރާ ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. މިގޮތުން އުފައްދަވާ ”ފަންނީ ދާއިރާތަކުގެ ޚާއްޞަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް“ އެކުލަވައިލެއްވުމާއި އެ ތަންތަން ހިންގުމުގައި ޢަމަލުކުރާނެ ގޮތް މި އުސޫލުގައި ވަނީ ކަނޑައަޅުއްވާފައެވެ.
މި ނިންމެވުމާ އެއްގޮތަށް، ކޮންމެ ވުޒާރާއަކަށް ކަނޑައެޅޭ ފަންނީ ދާއިރާތަކުގެ ޚާއްޞަ ކޮމިޓީތަކެއް އެކުލަވައިލައްވައި، އެ ދާއިރާތަކުން ފަންނީ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ބޭފުޅުން އެ ކޮމިޓީތަކަށް އައްޔަންކުރައްވާ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ.
މީގެއިތުރުން، މި ކޮމިޓީތަކުގައި މެންބަރުން ކުރައްވާ މަސައްކަތަކީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި ބައްލަވައި، އެ މަސައްކަތަށް ވަކި އުޖޫރައެއް ނުދެއްވާ ގޮތަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
ފަންނީ ދާއިރާތަކުގެ ޚާއްޞަ ކޮމިޓީތަކާއި ފަންނީ މަޝްވަރާ މަޖިލިސް އެކުލަވައިލެއްވުމުގައި ޢަމަލުކުރައްވާނެ ތަފްޞީލީ އުސޫލު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

