ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި ޑޮލަރުގެ މައްސަލައިގައި އިތުރު ތަހުގީގުތައް ހިންގުމުގެ ބަދަލުގައި، މި ވަގުތު ބޭނުންވަނީ މާލީ ނިޒާމަށް ވިޔަފާރިވެރިންގެ އިތުބާރު ހޯދުންކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ”ސަންގު“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އިތުރު ތަހުގީގުތަކެއް ހިންގަވާ ވާހަކަ ދެއްކެވުމުން އެ ފައިސާ ގެންގުޅޭ ފަރާތްތަކުގެ މެދުގައި ބިރުވެރިކަން އުފެދޭނެ ކަމަށެވެ. އެގޮތުން އެކައުންޓުތައް ބަލައި، ފައިސާގެ ފަހަތުން ދުވަން ފެށުމުން ފައިސާގެ ވެރިން އެ ފައިސާ އެ މީހުންނަށް ގަބޫލު ކުރެވޭ އެހެން ރައްކާތެރި ތަންތަނަށް ބަދަލުކުރާނެކަމަށާއި، މި ވަގުތު ގަވަރުނަރު ބަސްމަދުކުރައްވައި، މާލީ ނިޒާމަށް އިތުބާރު ހޯއްދަވައިދެއްވުން މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު 23 ރުފިޔާއަށް ވުރެ މައްޗަށް އުފުލި، ތަކެތީގެ އަގު ބޮޑުވެގެން ދިޔައީ ސަރުކާރަށް ދަރަނި އަލުން އެކުލަވައިނުލެވި، ދަރަނި އަދާކުރުމުގެ ހަރުދަނާ ސިޔާސަތެއް ތަންފީޒު ނުކުރެވުމުންކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއި ސަޕްލައި ޗެއިނަށް އައި ހީނަރުކަމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ލޮޅުމެއް އައި ނަމަވެސް، އަސްލު މައްސަލައަކީ އެއީ ނޫން ކަމަށެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން ފުރަތަމަ ވެރިކަމާ ހަވާލުވެ ވޯލްޑް ބޭންކާއި އައިއެމްއެފްއާ އެކު ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ ޕްރޮގްރާމަކަށް ދިއުމަށް ވާހަކަ ދެއްކި ނަމަވެސް، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އާންމުންނަށް އުނދަގޫތަކެއް ވެދާނެތީ އެ މަގުން މަސައްކަތް ކޮށްފައި ނުވާކަމަށެވެ.
މީގެއިތުރުން، ’ޑެޓް-ޓޫ-ނޭޗާ ސްވޮޕް‘ ނުވަތަ ތިމާވެއްޓާ ގުޅުވައިގެން ދަރަނި އަލުން އެކުލަވާލުމަށް ކުރި މަސައްކަތްތަކާއި، ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އިން ދަރަންޏާ ގުޅޭގޮތުން ދެއްކި ވާހަކަތަކުން ވެސް އެއްވެސް ނަތީޖާއެއް ސަރުކާރަށް ނެރެވިފައި ނުވާކަމަށް ވިދާޅުވިއެވެ.
އެއާއެކު ދަރަނި އަދާކުރަން ޖެހުނު ވަގުތު، ކެޕިޓަލް މާކެޓުން އިތުރު ދަރަންޏެއް ނުލިބުމުން، ރާއްޖޭގެ އެތެރޭގައި ހުރި ހުރިހާ ޑޮލަރެއް ހޭދަކުރަން ޖެހުނީ ދަރަނި އަނބުރާ ދެއްކުމަށްކަމަށާއި، ބާޒާރުން ޑޮލަރު މަދުވެ އަގު އުފުލުނީ އެ ސަބަބާ ހުރެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ އެހެން ގޮންޖެހުންތަކަށް ރައީސް ނަޝީދު ވިދާޅުވީ، ވިޔަފާރި ބަނދަރު ތޮއްޖެހުމުގެ ސަބަބުން ބޯޓުފަހަރުން މުދާ ނުބޭލި، އަލުން އެނބުރި ކޮޅުނބަށާއި ސިންގަޕޫރަށް ކޮންޓެއިނަރުތައް ގެންދަން ޖެހުމުން ވިޔަފާރިވެރިންނަށް ލޮޖިސްޓިކްސްގެ ގޮތުން ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ. އަދި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ދަތުރުފަތުރާއި، ކަރަންޓާއި، އުފެއްދުންތެރިކަމުގެ ހަރަދުތައް އިތުރުވެ، ތަކެތީގެ އަގު އުފުލިފައިވާކަމަށް ވެސް ވިދާޅުވިއެވެ.
މިއީ މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު މީގެ ތެރެއަށް ވަންނަނީ ގާތްގަނޑަކަށް 10 އިންސައްތައަށްކަމަށާއި، ބާކީ ހުރިހާ ކަމަކީ ސަރުކާރުގެ ނާގާބިލުކަމާއި ރަނގަޅު ސިޔާސަތެއް އެކުލަވާލައި ތަންފީޒު ނުކުރެވުމުގެ ނަތީޖާކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވީ، ކާކުގެ އެކައުންޓެއްގައިތޯ ޑޮލަރު ހުރީ ބަލައި، އިތުރު ތަހުގީގުތަކެއް ހިންގަވައިގެން ޑޮލަރުގެ މައްސަލަ ހައްލުކުރަން ގަވަރުނަރު މަސައްކަތް ކުރެއްވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. ތަހުގީގުތަކުގެ ވާހަކަ ދައްކަން ފެށުމުން ފައިސާ ގެންގުޅޭ މީހުން، ރައްކާތެރިކަން ހޯދުމަށް ފައިސާ ބޭރުކޮށްލާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ތަނުގެ ގަވަރުނަރު އެ ފައިސާ ފަހާ ދުވަން އުޅެން ފެށީމާ އެ ފައިސާގެ ވެރިޔާ ވަރަށް ގާތް އެ ފައިސާ އެހެން ތަންތަނަށް ގެންދިއުން. ގަވަރުނަރު އަނގަމަޑުން ލައިގެން ހުންނެވުން އެއީ ވަރަށް ބޭނުންތެރިކަމެއް
ނަޝީދު އިތުރަށް ވިދާޅުވީ މި ނާޒުކު ދަނޑިވަޅުގައި ބޭނުންވަނީ އިތުރު ތަހުގީގުތަކެއް ނޫންކަމަށާއި، ރާއްޖޭގެ މާލީ ސިޔާސަތުގެ މައްޗަށް ވިޔަފާރިވެރިންގެ އިތުބާރު ގާއިމުކުރުން ކަމަށެވެ. އަދި ރާއްޖޭގައި ޑޮލަރު ބެހެއްޓުމުން އެ ފައިސާ ނުގެއްލޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވިޔަފާރިވެރިންނަށް ލިބެންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

