ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރަސްމާލެ މަޝްރޫއާ ގުޅުވައިގެން އީގަލް ހިލްސް ކުންފުންޏާއެކު ކުރިއަށްގެންދަން ނިންމާފައިވާ ރެޒިޑެންސީ ޕްރޮގްރާމަކީ އުސޫލެއްގެ ގޮތުން ރާއްޖެއަށް ފައިދާހުރި ރަނގަޅު ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، ނަމަވެސް އެ މަޝްރޫއު ކުރިއަށްގެންދިއުމުގައި ސަރުކާރުން އިދިކޮޅު މައި ޕާޓީ، އެމްޑީޕީއާ މަޝްވަރާކުރަންޖެހޭކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ”ސަންގު ޓީވީ“ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، ރެޒިޑެންސީ ޕްރޮގްރާމާ މެދު އެމަނިކުފާނުގެ އަމިއްލަ ވިސްނުންފުޅަކީ އެއީ ރާއްޖެއަށް މަންފާކުރާނެ ކަމެއް ކަމުގައި ވިޔަސް، އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން އަބަދުވެސް ބުރަވެވަޑައިގަންނަވާނީ އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމާ ނިންމުމަށް ކަމަށެވެ. އަދި ރަސްމާލޭގައި އެ ޕްރޮގްރާމް މިހާރު ހިންގަން ރާވާފައިވާ ގޮތާމެދު އެމްޑީޕީގެ ގައުމީ މަޖިލީހުން ދެކޮޅު ހަދާފައިވާކަން ވެސް ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ރެޒިޑެންސީ ޕްރޮގްރާމަކީ ފަތުރުވެރިކަމުގެ ތެރެއިން އަންނަ އާ ބާވަތެއްގެ ކަމެކެވެ. މީގެ ކުރިން ގެސްޓްހައުސް ވިޔަފާރި ތައާރަފްކުރަން އުޅުނު ދުވަސްވަރު ވެސް އެކި ކަހަލަ ހިޔާލުތަކާއި ކަންބޮޑުވުންތައް ފާޅުކުރިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ރެޒިޑެންސީ ޕްރޮގްރާމަކީ ވެސް ރާއްޖޭގެ އިގްތިސާދަށް މުހިންމު ފުރުސަތަކަށް ވެދާނެ ކަމަށެވެ. އެހެންކަމުން، މިފަދަ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދާއިރު ސަރުކާރުން އެމްޑީޕީއާ ވާހަކަދައްކައި، ދެފަރާތުގެ މެދުގައި މަޝްވަރާކޮށްގެން ކަންކަން ހައްލުކުރުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، މި ޕްރޮގްރާމާ ގުޅިގެން މުޖުތަމައުގައި ފެތުރެމުންދާ ވާހަކަތަކަށް ވެސް ރައީސް ނަޝީދު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ރެޒިޑެންސީގެ ދަށުން ވަކި ބަޔަކު ނުވަތަ އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް އައިސް ވަޒަންވެރިވެދާނެކަމަށް ބުނެ ދައްކާ ވާހަކަތަކަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ވަޒަންވެރިވެ ދިރިއުޅެވޭނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުން އެކަމަށް ޖާގަދޭ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި ދެ ގައުމެއްގެ ރައްޔިތުކަން އޮންނަ މީހުންނާއި، ވަކި ކަހަލަ ފަރާތްތަކާ މެދު އަމަލުކުރާނެ އުސޫލުތައް ސާފުކޮށް ބަޔާންކުރެވި، ގާނޫނީ އޮނިގަނޑުގެ ތެރެއިން އެކަންކަން ހަމަޖެއްސިދާނެކަމަށް ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދަވާ ކަންކަމުގެ ތެރެއިން އުސޫލެއްގެ ގޮތުން ރަނގަޅު ކަންކަމުގައި އެމަނިކުފާނު ތާއީދު ކުރައްވާނެ ކަމަށާއި، ރެޒިޑެންސީ ޕްރޮގްރާމަކީ ރާއްޖޭގައި ހިންގަން ފެންނަ ރަނގަޅު ޕްރޮގްރާމެއް ކަމަށެވެ.

