ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްވެގެން އަންނައިރު، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކާއި އިންސާނީ ކަރާމާތް ކަށަވަރުވާ ގޮތަށް ގާނޫނު ބައްޓަންވެގެން ދިއުމަކީ އުއްމީދެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު ޝަމްހީދު ވިދާޅުވީ، އިންސާނީ ކަރާމާތަކީ އެންމެންވެސް ލޯބިކުރަންޖެހޭ އަސާސެއް ކަމަށާއި، އަމިއްލަ ހަޔާތުގައި ރާއްޖެއިން ބޭރުގައި ކިޔަވައި އަދި މަސައްކަތް ކުރަން އުޅެންޖެހުމުން އެފަދަ ހައްގުތަކުގެ މުހިންމުކަން ވަރަށް ބޮޑަށް އިހުސާސް ކުރެއްވޭ ކަމަށެވެ. އަދި މިހާރު ރާއްޖޭގައި ބިދޭސީންނާމެދު އަމަލުކުރެވެމުންދާ ގޮތާމެދު ކަންބޮޑުވެ، ލަދުގަންނަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބިދޭސީން ޑީޕޯޓްކޮށްލުމުގައި އަމަލުކުރާ ގޮތަށް އަލިއަޅުއްވާލައްވަމުން ޝަމްހީދު ވިދާޅުވީ، އެމީހުންގެ އެއްވެސް ބާރެއް ނެތް ކަންކަމުގައި ކުށްވެރިންނަށް ހަދައި، އެމީހުންނަށް ރާއްޖެއިން ލިބެންޖެހޭ އެއްވެސް ހައްގެއް ހުރިތޯ ބަލައިވެސް ނުލައި ހަފުތާއެއްގެ ތެރޭގައި ފޮނުވާލަމުންދާ ކަމަށެވެ.
”އެބައިމީހުން އެއްވެސް ބާރެއް ނެތި، އެމީހުންނަކީ ގާނޫނީ ގޮތުން ކުށްވެރިންކަމަށް ހަދައި، ކޮއްޓަކަށް ލައި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފޮނުވާލާއިރު، އެމީހުންނަށް މި ޤައުމުން ލިބެންޖެހޭ އެތައް ހައްގެއް ހުރިތޯ ބަލައިވެސް ނުލާ،“ ޝަމްހީދު ވިދާޅުވިއެވެ.
ޝަމްހީދު އިތުރަށް ވިދާޅުވީ، ގިނަ ފަހަރަށް ބިދޭސީ މަސައްކަތްތެރިޔާ ކުށްވެރިވަނީ ސްޕޮންސަރު ވިސާ ފީ ނުދައްކައި އޮތުމުން ކަމަށާއި، ނަމަވެސް އެ ނިޒާމުގެ ތެރޭގައި ޕޯޓަލް އެކްސެސް ފަދަ އެއްވެސް ބާރެއް ބިދޭސީ މީހާއަށް ނޯންނަ ކަމަށެވެ. އެހެންކަމުން، މި ނިޒާމު އިސްލާހުވެގެން އަންނައިރު، ރާއްޖެ އެތެރެވުމަށްފަހު މެޑިކަލް އިންޝުއަރެންސް ނެގުމާއި، ވިސާ ފީ ދެއްކުން ފަދަ ކަންކަން ކުރުމުގެ ގާނޫނީ ޒިންމާއާއި ބާރު ބިދޭސީ މަސައްކަތްތެރިޔާގެ އަތްމައްޗަށް ދޫކޮށްލަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސްޕޮންސަރަކީ ހަމައެކަނި އެހީތެރިވެދޭ ފަރާތެއްގެ ގޮތުގައި ހަމަޖެއްސުމަކީ މި ނިޒާމުން އޭނާ ދެކެން ބޭނުންވާ މައިގަނޑު ބަދަލު ކަމުގައި ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ އިމިގްރޭޝަން ސޮފްޓްވެއާގެ މައްސަލައިގައި ވެސް ޝަމްހީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައިނަލްއަގުވާމީ ގޮތުން ބްލެކްލިސްޓް ކުރެވިފައިވާ ކުންފުންޏެއް ކަމަށްވާ ”ބެސްޓިނެޓް“ އާ މި މަސައްކަތް ހަވާލުކޮށްފައިވާ ކަމަށާއި، މިކަމާ ގުޅިގެން މަޖިލީހަށް ގަރާރެއް ވެސް ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި އެއްބަސްވުން 25 އަހަރަށް ދެމިގެންދާއިރު، ދިވެހި ދައުލަތަށް ލިބެން އޮތް އެތައް ބިލިއަން ޑޮލަރެއް ގެއްލިގެންދާ ކަމަށާއި، ވިސާ ފީއާއި މެޑިކަލް ފީ ޑޮލަރުން މި ކުންފުންޏަށް ދައްކަން ޖެހުމުން ރައްޔިތުންނަށް އެއިން އެއްވެސް ފައިދާއެއް ނުލިބޭ ކަމަށްވެސް ޝަމްހީދު ތުހުމަތު ކުރެއްވިއެވެ. އަދި މާލިއްޔަތު ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން މިފަދަ ބޮޑެތި މައްސަލަތައް މަޖިލީހުން އެކަށީގެންވާ ގޮތެއްގައި ނުބެލޭތީ ހިތާމަކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ވާހަކަ ނިންމަވާލައްވަމުން ޝަމްހީދު ތަކުރާރުކޮށް ވިދާޅުވީ، އިމިގްރޭޝަންގެ ގާނޫނަށް ގެނެވޭ އިސްލާހުތަކަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަކީ ހައްގުތަކެއް ލިބިގެންވާ އިންސާނުންކަން ގަބޫލުކޮށް، އެމީހުންގެ އިންސާނީ ކަރާމާތް ދަމަހައްޓައި، އަސާސީ ހައްގުތައް ފުރިހަމައަށް ކަށަވަރުކޮށްދޭ ގާނޫނަކަށް ވާންޖެހޭނެ ކަމަށެވެ.

