ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމިގްރޭޝަން ބިލަކީ އަލްއައްބާރަށް ހާއްސަ ވިސާތަކެއް ދޭން އުޅޭ ހީލަތްތެރި ބިލެއް: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް ސަރުކާރުން އިސްލާޙު ގެނައުމަށް ހުށަހަޅާފައިވާ ބިލަކީ އީގަލް ހިލްސް ކުންފުނީގެ ޗެއަރމަން މުޙައްމަދު އަލައްބާރަށް ޚާއްސަ ލައިސެންސްތަކަކާއި ވިސާތަކެއް ދިނުމުގެ ހީލަތްތެރި ވިސްނުމެއްގައި ހުށަހަޅައިގެން މަސައްކަތްކުރަމުންދާ ބިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު ތުހުމަތުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ އިމިގްރޭޝަންގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަދައްކަވަމުން މައުރޫފު ވިދާޅުވީ، ދިވެހިރާއްޖޭގެ އިމިގްރޭޝަން ބިލަށް ބަޙުސްކުރަމުންދާ މި ދަނޑިވަޅަކީ ފަނާކުރަނިވި ތިން އަހަރު ދުވަހުގެ ވެރިކަމެއްގެ ނިމުން ފާހަގަކުރަމުންދާ ވަގުތެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުން މިދިޔަ ތިން އަހަރު ދުވަހު ހިތާމަކުރަމުން ދިޔައީ ދުވަހަކުވެސް ރައްޔިތަކު ހިތާމަ ނުކުރާ މިންވަރަށް ކަމަށާއި، ދަޢުލަތަށް ލިބުނު އާމްދަނީއަށް ވީގޮތެއް ރައްޔިތުންނަށް ސާފުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

”މިރާއްޖޭގައި އިމިގްރޭޝަނާއިބެހޭ މުޅި ނިޒާމުއޮތީ ވަރަށް ރަނގަޅަށް، ފުރިހަމަކޮށް ފައްކާކޮށް. މިހެން އޮއްވާ އަލްއައްބާރަށް ހާއްސަ ލައިސަންސްތަކެއް ހާއްސަ ވީސާތަކެއް ދިނުމުގެ ހީލަތްތެރި ވިސްނުމުގައި ހުށައަޅައިގެން މަސައްކަތް ކުރަމުންދާ ބިލެއްމިއީ. އަދި އެކަން ފޮރުވުމަށް އިޒްރޭލުގެ ޕާސްޕޯޓުގެ ވާހަކަ ބިލުގައި ބަޔާންކޮށްފައި އެބައިން“ މައުރޫފު ވިދާޅުވިއެވެ.

މެމްބަރު އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، މި ސަރުކާރާ ވެރިކަން ހަވާލުކުރުމުން އެކިއެކި ނަންނަމުގައި ރައްޔިތުންގެ މަޖިލީހަށް ބިލްތައް ހުށަހެޅި ނަމަވެސް، އޭގެ ތެރެއިން އެއްވެސް ބިލަކުން ދިވެހި ރައްޔިތަކަށް ވީ އެއްވެސް މަންފާއެއް ނެތެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން މައުރޫފު ވިދާޅުވީ، މި ބިލުގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުނުވާނެ ކަމަށެވެ. ރާއްޖެއަށް ގަވާއިދާ ހިލާފަށް އެއްވެސް ބިދޭސީއަކު އެތެރެނުވާ ކަމަށާއި، ބިދޭސީންނަށް އިހުމާލުވަނީ އެމީހުން ސްޕޮންސާކޮށްގެން ގެންނަ ދިވެހިން ކަމަށް އޭނާ ވިދާޅުވިއެވެ. ބިދޭސީންގެ ހައްގުތައް ނިގުޅައިގަނެ، މުސާރައާއި އުޖޫރަ ނުދީ ނިކަމެތިކޮށް ބޭތިއްބުމުން އެމީހުން ފިލައިގެންދާ ދިއުމަކީ ދިހަ އިނގިލީގެ ނިޝާން ނަގައިގެން ހައްލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، އަސްލު މައްސަލައަކީ އެމީހުންގެ ހައްގުތައް ނުލިބުން ކަމުގައި މެމްބަރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ރާއްޖޭގެ އިމިގްރޭޝަން ނިޒާމު މިހާރު ވެސް އޮތީ ވަރަށް ފުރިހަމައަށް ކަމަށާއި، އަލަށް އިމިގްރޭޝަނެއް ގާއިމުކުރަން ނޫޅޭއިރު މި ބިލުގެ ހަގީގީ މަގުސަދަކީ ވަކި ބަޔަކަށް ވިސާ ދިނުން ކަމަށް މައުރޫފު ވިދާޅުވިއެވެ. އެގޮތުން، މި ބިލުގައި އިޒްރޭލުގެ ޕާސްޕޯޓު މަނާކުރާ ވާހަކަ ހިމަނާފައިވަނީ އަސްލު ކަންކަން ފޮރުވުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ރަސްމާލެ މަޝްރޫއާ ގުޅުވައި މައުރޫފު ކަންބޮޑުވުން ފާޅުކުރައްވަމުން ވިދާޅުވީ، 99 އަހަރަށް އާކުރެވޭ ގޮތަށް އެ ސަރަހައްދުން ބިމާއި މުދާ ގަތުމުގެ ފުރުސަތު ޒަޔަނިސްޓުންނަށް ލިބިގެންދާނެ ކަމަށެވެ. އަދި ޒަޔަނިސްޓުންނަކީ ހަމައެކަނި އިޒްރޭލުގައި އުޅޭ ބައެއް ނޫން ކަމަށްވާއިރު، އެ ފަރާތްތަކަށް އެ ފުރުސަތު ބަންދުކުރެވޭނެ އެއްވެސް މާއްދާއެއް މި ބިލުގައި ނެތް ކަމަށް ވިދާޅުވިއެވެ.

އިމިގްރޭޝަންގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލަކީ ރައްޔިތުންނަށް އޮޅުވާލައިގެން، ޤާނޫނުގައި ހީލަތްތެރި މާއްދާތައް ހިމަނައިގެން ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވުމަށް މަގުފަހިކުރުމުގެ ބޭނުމުގައި ކުރިއަށްގެންދާ ކަމެއްކަމަށް މައުރޫފް ތުހުމަތުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: