ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަވާއިދާ ޚިލާފަށް ޑޮލަރު ވިއްކި ތިން ކުންފުންޏެއް ޖޫރިމަނާކޮށް، ލައިސަންސް ބާތިލްކޮށްފި

ބްލެކް މާކެޓުގައި ބަޔަކު ޑޮލަރު ވިއްކަނީ: ބްލެކް މާކެޓުގައި ބިދޭސީން ޑޮލަރުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރޭ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ބޭރު ފައިސާ ގަނެވިއްކުމަށް ހެދިފައިވާ ގަވާއިދުތަކާ ހިލާފަށް އަމަލުކުރި ތިން ކުންފުންޏެއް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމަށްފަހު، އެ ތަންތަނަށް ދޫކޮށްފައިވާ ހުއްދަ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާތިލްކޮށްފިއެވެ.

އެމްއެމްއޭ އިން އާންމުކުރި ބަޔާނެއްގައި ބުނިގޮތުގައި، ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފުވުމުގެ ސަބަބުން މި ފިޔަވަޅު އަޅާފައި ވަނީ އެލްވީއާރު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، މޭޑް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން މައިޒޯން އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑަށެވެ.

މި ތަންތަނަށް ފިޔަވަޅު އަޅައި ޖޫރިމަނާކުރި އަދަދުތަކަށް ބަލާއިރު، އެލްވީއާރު އިންވެސްޓްމަންޓާއި މޭޑް މަނީ އެކްސްޗޭންޖް ކުރެން ކޮންމެ ކުންފުންޏެއް ވަނީ 250،000 (ދެ ލައްކަ ފަންސާސް ހާސް) ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި މައިޒޯން އެކްސްޗޭންޖް ވަނީ 500،000 (ފަސް ލައްކަ) ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

މީގެއިތުރުން، މި ތިން ކުންފުންޏަށް ބޭރު ފައިސާ މާރުކުރުމަށް ދީފައިވާ ހުއްދަ ބާތިލުކޮށް، ލައިސަންސް ވަނީ ބާތިލްކޮށްފައެވެ.

ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރު ގަނެވިއްކުމުގެ ވިޔަފާރި ހިންގަމުންދާ ފަރާތްތައް ހުއްޓުވުމަށްޓަކައި، ރެއިޑު އޮޕަރޭޝަންތައް ކުރިޔަށް ގެންގޮސްފައި ވެއެވެ.

އެގޮތުން ހުއްދަ ނެތި ފުޅާ ދާއިރާއެއްގައި ބޭރު ފައިސާގެ މުއާމަލާތް ހިންގާ ކަމުގެ ތުހުމަތުގައި، ފުލުހުން ވަނީ ބައެއް މަޝްހޫރު ކުންފުނިތަކުގެ އޮފީސްތައް ރެއިޑްކޮށް ބަލައި ފާސްކޮށްފައެވެ. މިގޮތުން ނައިޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް ފާސްކޮށްފައިވާއިރު، ގަވާއިދާ ހިލާފަށް މުއާމަލާތްތައް ހިންގި ކުންފުނިތަކުގެ މަނީ އެކްސްޗޭންޖްގެ ލައިސަންސް އެމްއެމްއޭ އިން ވަނީ ބާތިލުކޮށްފައެވެ.

މީގެ އިތުރުން، އާންމު ރައްޔިތުންގެ ފަރާތުން ލިބުނު މައުލޫމާތުތަކަށް ބިނާކޮށް، ފުލުހުންނާއި ކަމާބެހޭ އިދާރާތައް އެކުލެވޭ ޖޮއިންޓް ޓާސްކް ފޯހުން ވަނީ މާލޭގެ މަގުމައްޗާއި ބޭންކުތަކުގެ ޑޮލަރު އޭޓީއެމްތައް ކައިރީގައި ހާއްސަ ހަރަކާތްތަކެއް ހިންގާފައެވެ. މި އޮޕަރޭޝަންތަކުގައި، ގަވާއިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރު މާރުކުރާ ބިދޭސީންތަކެއް ވަނީ އަތުލައިގަނެ ހައްޔަރުކޮށްފައެވެ. އަދި އެފަދަ ނެޓްވޯކްތައް ވެސް އަތުލައިގަތެވެ.

މި މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވީ، ވިޔަފާރިކުރުމުގެ އެއްވެސް ހުއްދައެއް ނެތް ހަތް ފަރާތަކުން އެކަނިވެސް ވޭތުވެދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި 76 މިލިއަން ޑޮލަރު ކަޅު ބާޒާރުގައި ދައުރުކޮށްފައިވާ ކަމަށެވެ. އަދި ހުއްދަ ނެތި ފައިސާ މާރުކޮށްގެން ހޯދާ އާމްދަނީ ބޭނުންކުރުމަކީ މަނީ ލޯންޑަރިންގެ ކުށެއް ކަމަށް ބަލައި، އެފަދަ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: