ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިން މުޖުތަމަޢަށް ނުކުންނައިރު، އެ ކުދިންނަކީ ރައްޔިތުން ބަލައިގަންނަ އަދި މުޖުތަމަޢަށް ފައިދާހުރި ބަޔަކަށް ހެދުމަށް ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ޚާއްސަ ކަވަރޭޖުގައި ވާހަކަދައްކަވަމުން ގީލާ ވިދާޅުވީ، އިޖުތިމާޢީ ދާއިރާއަކީ އާބާދީގެ އެކި ގިންތިތަކަށް އަމާޒުކޮށްގެން ގިނަގުނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ ދާއިރާއެއްކަމަށާއި އެގޮތުން، ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރުވެސް 100 އަށް ވުރެ ގިނަ ކުދިން ތިބިކަން ފާހަގަކުރައްވައި، އޭގެ ތެރެއިން 23 ކުއްޖަކު ނޭޝަނަލް ސާވިސް ޕްރޮގްރާމްގެ މަރުހަލާތައް ފުރިހަމަކުރަމުންދާ ކަމަށް ގީލާ ވިދާޅުވިއެވެ.
މި ޕްރޮގްރާމަކީ އެ ކުދިން މުޖުތަމަޢަށް ނުކުންނައިރު ބޭނުންތެރި، އަދި އެހެން މީހުން ބަލައިގަންނަ ބަޔަކަށް ހެދުމަށްޓަކައި މި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށާއި މީގެއިތުރުން، އެހީތެރިކަމަށް ބޭނުންވެފައިވާ ކުދިންނަށް އާއިލީ ވެށި ހޯދައިދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން، މިހާތަނަށް 124 ކުއްޖަކަށް އާއިލީ މާހައުލެއް ހޯދައިދެވިފައިވާ ކަމަށްވެސް މިނިސްޓަރ ގީލާ ހާމަކުރެއްވިއެވެ.
ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ޤާއިމުކުރެވިފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތައް (އެފްސީއެސްސީ) މެދުވެރިކޮށް، ކައުންސެލަރުންނާއި ސޯޝަލް ވޯކަރުންގެ އެހީތެރިކަމާއެކު އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށާއި، ކުޑަކުދިންނާއި، އަޅާލާނެ ފަރާތެއް ނެތް އިސްރަށްވެހިންނަށް ދައުލަތުން ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެމުންދާ ކަންވެސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އިސްރަށްވެހިންނަށް ޚާއްޞަކޮށްގެން ހިންގާ ނާދީގެ ޚިދުމަތް އަތޮޅުތެރެއަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި ތަންތަން މެދުވެރިކޮށް އެ ފަރާތްތަކަށް އާމްދަނީ ހޯދޭނެ ގޮތްތަކާއި، ފެހުމާއި އަތްތެރި މަސައްކަތް ފަދަ ހުނަރުތައް ދަސްކޮށްދެމުންދާ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމުގެ ގޮތުން، މިހާތަނަށް 460 އަށް ވުރެ ގިނަ ފަރާތަކަށް ވަޒީފާގެ ފުރުޞަތު ހޯދައިދެވިފައިވާ ކަމަށާއި، އިތުރު 1200 އެއްހާ މީހުންގެ ޕްރޮފައިލް ހަދައި ވަޒީފާ ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާކަންވެސް ހާމަކުރެއްވިއެވެ.
އާއިލާތަކުގެ ހާލަތު ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ”ހާލު ކިހިނެއް؟“ ޕްރޮގްރާމްގެ ދަށުން، މިހާތަނަށް 17 އަތޮޅެއްގެ 21،000 އަށް ވުރެ ގިނަ ގޭބިސީއަށް ޒިޔާރަތްކޮށް މަޢުލޫމާތު އެއްކުރެވިފައިވާ ކަމަށާއި މި ހުރިހާ މަސައްކަތްތަކަކީވެސް މުޖުތަމަޢުގެ އެކި ގިންތިތަކުގެ ރައްޔިތުންނަށް ދިމާވާ އިޖުތިމާޢީ މައްސަލަތަކަށް އެދެވޭ ހައްލެއް ހޯދައިދީ، އެންމެން ބައިވެރިކޮށްގެން ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.

