ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރިގެން ދިޔައިރު، ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުން ނުދައްކާ ހުރި ބިލުތަކުގެ ޖުމްލަ އަދަދު ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށާއި، މި ބިލުތައް ދެއްކޭނެ އެއްވެސް އިންތިޒާމެއް ބަޖެޓުގައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.
2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ކެމްޕެއިން ވެސް ކުރައްވަމުން ގެންދަވާ ޝަމްހީދު ”ސަންގު“ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު ކުރީ ސަރުކާރުން ނުދައްކާ ހުރި ބިލުތަކާއި އާސަންދައިގެ ބިލުތަކުގެ ވާހަކަ ވަރަށް ބޮޑަށް ދެއްކި ނަމަވެސް، ފާއިތުވި މަސްތަކުގައި އެ އަދަދުތައް ވަނީ ދެގުނައަށް އިތުރުވެފައި ކަމަށެވެ. އެގޮތުން ހަމައެކަނި ފިނޭންސް މިނިސްޓްރީގެ ތެރޭގައި ވެސް 7.5 ބިލިއަން ރުފިޔާގެ ނުދެއްކި ހުރި ބިލު އޮތްކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ހާމަވާކަމަށާއި، ދައުލަތުގެ ކުންފުނިތަކާއި އެހެނިހެން މިނިސްޓްރީތައް ހިމެނުމުން މި އަދަދު 15 ބިލިއަނަށް ވުރެ މައްޗަށް އަރާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މި އަހަރުގެ ބަޖެޓުގައި މި ފައިސާ ދެއްކޭނެ އެއްވެސް މަގެއް ފެންނަން ނެތުމުން، މި ދަރަނިތައް ވެސް ދާނީ ކުރިއަށް އޮތް ސަރުކާރަކަށް ވާރުތަވަމުންކަމަށް ޝަމްހީދު ވިދާޅުވި އެވެ.
ޝަމްހީދު ވިދާޅުވީ، ދުނިޔެއަށް ނުވަތަ މެދުއިރުމައްޗަށް ކުރިމަތިވާ ކާރިސާތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސާށް ހީނަރުކަން އަންނަކަމަށް ސަރުކާރުން ބުނި ނަމަވެސް، އަވަށްޓެރި އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގެ އިގްތިސާދު ދަށަށް ދިޔަ މިންވަރު މާ ބޮޑު ކަމަށެވެ. މީގެ މައިގަނޑު ސަބަބަކީ ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތުމާއި، އަމިއްލައަށް ދަހިވެތިވެގެން ޓެކްސްތަކާއި ފީތައް އިންތިހާއަށް ބޮޑުކުރުންކަމަށް ޝަމްހީދު ތުހުމަތުކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖެ އެތެރެވުމުގެ ކުރިން ވިސާ އާއި އެއާޕޯޓުގެ އެކި ޗާޖުތަކުގެ ގޮތުގައި ފަތުރުވެރިންގެ އަތުން 200 އާއި 400 ޑޮލަރާ ދެމެދުގެ އަދަދެއް ނަގަން ފެށުމަކީ ރާއްޖެއަށް އަންނަ މީހުންނަށް އޮތް ހުރަހެއްކަމަށާއި، ބައެއް ޓެކްސްތައް 400 އިންސައްތައަށް ބޮޑުކޮށްފައިވާކަމަށް ޝަމްހީދު ވިދާޅުވިއެވެ. ދަތި ދަނޑިވަޅުތަކުގައި އެއާޕޯޓް ޗާޖުތަކާއި ޓިކެޓުގެ އަގުތަކަށް ވަގުތީ ލުޔެއް ދިނުމުގެ ވިސްނުމެއް ސަރުކާރުގައި ނެތްކަމަށް ވެސް ޝަމްހީދު ފާހަގަކުރެއްވިއެވެ.
ޝަމްހީދު ވިދާޅުވީ، ފަތުރުވެރިކަމުގެ އޮފް ސީޒަނުގައި ގެސްޓްހައުސްތަކަށް ކަރަންޓު ބިލު ވެސް ނުދެއްކޭ ހާލަތަށް ކަންކަން ގޮސްފައިވާއިރު، އެ ފަރާތްތަކަށް ހިންގުމުގެ ހަރަދުން ވިޔަސް ނުވަތަ ލޯނެއްގެ ގޮތުގައި ވިޔަސް ސަރުކާރުން އެއްވެސް ލުޔެއް ދީފައި ނުވާ ކަމަށެވެ. އަދި އަތޮޅުތެރޭގެ ވިޔަފާރިތަކުން މާލެ ސަރަހައްދަށް ވުރެ 60 އިންސައްތަ ބޮޑު އަގެއް ކަރަންޓަށް ދައްކަންޖެހޭ މައްސަލަ ހައްލުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅި ނަމަވެސް، ސަރުކާރުން އެކަމަށް އެއްވެސް ސަމާލުކަމެއް ދީފައި ނުވާކަމަށް ވިދާޅުވިއެވެ.
ޝަމްހީދު އިތުރަށް ވިދާޅުވީ، މީގެ ކުރިން ކޮވިޑް-19 ގެ ދަތި ހާލަތުގައި އެމްޑީޕީގެ ސަރުކާރުން އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ފޯރުކޮށްދިން ފަދަ އެހީތެރިކަމެއް ނުވަތަ އިގްތިސާދީ ކާރިސާތަކުން އަރައިގަތުމަށް ބޭނުންވާ ފަދަ އެކަށީގެންވާ ސިޔާސަތެއް މި ސަރުކާރުގެ ނެތް ކަމަށެވެ.

