ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ރިއަލް އެސްޓޭޓްގެ ބިލު ބަލައިނުގަތުމަށާއި އެ ބިލު ފާސްނުކުރުމަށް އެދި ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ފައިސަލް ނަސީމް އަދި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމްގެ ފަރާތްޕުޅުން ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ހުށަހަޅުއްވައިފިއެވެ.
މަޖިލީހުގެ އިދާރާއަށް މި ސިޓީ ހުށަހެޅުއްވުމަށްފަހު، އެ އިދާރާގެ ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ، ރަސްމާލެ މަޝްރޫޢުގެ މައްސަލައަކީ މުޅި ރާއްޖޭގެ އެންމެހައި ރައްޔިތުންގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލަ ކަމަށެވެ. އަދި މި ބިލު ފާސްކޮށްފިނަމަ އޭގެ ސަބަބުން ލިބޭނީ ހުސް ގެއްލުން ކަމަށް ފާހަގަކުރައްވައި، ބިލު ބަލައިނުގަތުމަށް މަޖިލީހުގެ ރައީސަށާއި އަދި މެޖޯރިޓީ އަދި މައިނޯރިޓީ ލީޑަރަށް އިލްތިމާސްކުރައްވާ ކަމަށް ވިދާޅުވިއެވެ.
ފައިސަލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދުރާލާ އެއްބަސްވުމެއް ހެދުމަށްފަހު އެއީ ޞައްޙަ ކަމެއްގެ ގޮތުގައި ދެއްކުމަށްޓަކައި ފަހުން ޤާނޫނެއް ހެދުމަކީ އެއްވެސް ޑިމޮކްރެޓިކް މުޖުތަމަޢަކުން ބަލައިގަންނާނެ ކަމެއް ނޫނެވެ.
”އެހެންވީމާ މިކަންވެސް އަޅުގަނޑުމެން ޤަބޫލުކުރަނީ މިއީ ބާޠިލް ކަމެއްގެ ގޮތުގައި. މި މަސައްކަތަކީވެސް، މިކަމަކީވެސް، ހަމަ ފެށުމުގައިވެސް ހުރިހާ އެންމެންވެސް ބުނަމުން މިގެންދަނީ ބާޠިލް އެއްޗެއްގެ ގޮތުގައި. މީގައި މާ ކަންބޮޑުވާ ކަމެއް އެބައޮތް. އަޅުގަނޑުމެންނަށް އެނގިފައިވާ ގޮތުގައި މި ބިލު ފަރުމާކުރުމަށްޓަކައިވެސް މިކަން ކުރި ބަޔަކުވެސް ނޭނގެ. އެކިއެކި އަޑުތައް މި އިވެނީ،“ ފައިސަލް ވިދާޅުވިއެވެ.
ރައްޔިތުންގެ ނުރުހުން މިކަމުގައި ވަރަށް ބޮޑަށް އޮތްކަން ހާމަކުރައްވަމުން ފައިސަލް ވިދާޅުވީ، ސަރުކާރުން މި މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ބޭނުންނުވާ މައިގަނޑު ސަބަބަކީވެސް ވޯޓު ނަގައިފިނަމަ ރައްޔިތުން މިކަމަށް ’ނޫނެކޭ‘ ބުނާނެކަން އެނގޭތީ ކަމަށެވެ. އަދި މިހާރުން މިހާރަށްވެސް މި މަސައްކަތް ހުއްޓާލަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މައްސަލައިގައި ވާހަކަދައްކަވަމުން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މި ބިލުގެ މައްސަލަ ފެންމަތިވުމާއެކު ވަރަށް ބޮޑެތި މަސައްކަތްތަކެއް ފަށްޓަވާފައިވާ ކަމަށެވެ. މިހާރު މަޖިލީހަށް ބިލު ބަލައިގެންފައިވީ ނަމަވެސް، އެ ބިލު ކުރިއަށް ނުގެންގޮސް ތަޅުމުން ބޭރުކޮށްލަން ޖެހޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
”މިސާލަކަށް މާލޭގެ މަގުތައް ޕާކިންގ ޒޯން ހަދާފައި ބަހާލި ވައްތަރަށް މުޅި ޤައުމު ބަހަމުން ބަހަމުން މި ގެންދަނީ،“ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ވިދާޅުވިއެވެ.
މީގެއިތުރުން، ދަޢުލަތުގެ ތިން ބާރުގެ ތެރެއިން ސަރުކާރާއި ރައްޔިތުންގެ މަޖިލީހަކީ ވަކި ދެ ބާރެއްކަން ހަނދާންކޮށްދެއްވަމުން އާޒިމް ވިދާޅުވީ، ސަރުކާރުން ފޮނުވާހާ އެއްޗެއް ލޯމަރާލާފައި މަޖިލީހުން ފާސްކުރަން ނުޖެހޭނެ ކަމަށެވެ. މަޖިލިސް މެންބަރުންނަކީ ރައްޔިތުންގެ ޙައްޤުގައި ވަކާލާތުކުރުމަށް ތިބި ބައެއް ކަމަށާއި، ސަރުކާރުގެ އަޅުންތަކަކަށް މެންބަރުން ވެގެން ނުވާނެ ކަމަށްވެސް އާޒިމް ވަނީ ވިދާޅުވެފައެވެ.

