ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ ވޯޓާ ގުޅޭގޮތުން ކެންޑިޑޭޓުންގެ ވިސްނުން ސާފުކުރަން ނަޝީދު އެދިވަޑައިގެންފި

އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމާ މެދު، އެމްޑީޕީގެ ގައުމީ މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުން ދެކޭ ގޮތް ސާފުކުރުމަށް އެ ވޯޓަށް ގޮވާލައި ބާއްވާ މުޒާހަރާގައި ބައިވެރިވާ ކެންޑިޑޭޓުން އެކަން އެންގުމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ރަސްމާލެ މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާ މެދު ދެކޭ ގޮތް ޕާޓީގެ އާންމު މެމްބަރުންނަށް ސާފުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބާއްވާ މުޒާހަރާގައި ބައިވެރިވާ ކެންޑިޑޭޓުން ޕާޓީގެ އޮފީހަށް މެސެޖުކޮށް އެކަން ހިއްސާކުރުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. އަދި އެ ވަގުތު މާލޭގައި ނޫޅުއްވާ ބޭފުޅުން ވެސް އެކަން އަންގައިދިނުމަށް ނަޝީދު އެދިވަޑައިގެންފައިވެއެވެ.

ދެތިން ފެކްޝަނަކަށް ބެހިފައިވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ. މި އިންތިހާބުގައި ރައީސް ނަޝީދު ތާއީދުކުރައްވަނީ ”ބޮޑު ބަދަލު“ ފެކްޝަނަށެވެ.

ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގުމަށް ސަރުކާރުން މަސައްކަތްކުރާ ތަރައްގީގެ މަޝްރޫއަށް ރައީސް ނަޝީދު ތާއީދު ކުރައްވައެވެ. އެމަނިކުފާނު ފާހަގަކުރައްވާ ގޮތުގައި މިއީ ރައްޔިތުންނަށް އެތައް ފައިދާއެއް ލިބެން އޮތް ރަނގަޅު މަޝްރޫއެކެވެ. ވަކި ސިޔާސީ ވިސްނުމެއްގައި މި މަޝްރޫއާ ދެކޮޅު ހެދުމަކީ ރައްޔިތުންނަށް އޮތް މަންފާއަށް ހުރަސްއެޅުން ކަމަށާއި، މިކަމުގައި އޮތް އެންމެ އިންސާފުވެރި މަގަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ގޮތެއް ނިންމުން ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވައެވެ.

ރަސްމާލެ މަޝްރޫއާ ދެކޮޅަށް އެމްޑީޕީން ވަކިން މުޒާހަރާއަކަށް ތައްޔާރުވަމުން އަންނައިރު، އެ ޕާޓީގެ މެމްބަރުން މިހާރު ވެސް ދަނީ އިދިކޮޅު އެހެން ޕާޓީތަކުން ބާއްވާ އެއްވުންތަކުގައި ބައިވެރިވަމުންނެވެ. އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓަކާ ނުލައި ރަސްމާލެ މަޝްރޫއު އެއްވެސް ފަރާތަކާ ހަވާލުކޮށްފިނަމަ، ސީދާ ހަރަކާތަށް ނުކުމެ މަގުމަތީ މުޒާހަރާ ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ މި މަހުގެ 1 ވަނަ ދުވަހު ގަރާރެއް ފާސްކޮށްފައެވެ.

އެ ގަރާރުގައި ސަރުކާރަށް ގޮވާލާފައިވަނީ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ހަމައަށް ރަސްމާލެ މަޝްރޫއުގެ އެއްވެސް އަމަލީ މަސައްކަތެއް ކުރިއަށް ނުގެންދިއުމަށެވެ. އަދި އިދިކޮޅު ޕާޓީގެ މި ޑިމާންޑަށް ސަރުކާރުން އިޖާބަ ނުދީފިނަމަ، އިދިކޮޅު އެހެން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާ ގުޅިގެން ވަރުގަދަ އިހުތިޖާޖުތަކެއް ކުރިއަށް ގެންދިއުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: