މި ދުވަސް އެންމެ އަޑުހަރުކޮށް ދައްކަމުންދާ ވާހަކައަކީ ކޮވިޑާއި ގުޅިގެން ރާއްޖެއަށް ގެންނަން މަސައްކަތް ކުރާ ވެންޓިލޭޓަރުތަކުން ވައްކަން ކުރި ވާހަކައެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ނަމުގައި މަކަރާއި ހީލަތް ހެދި ވާހަކައެވެ. މިކަންކަން ފާޅާ އެރީ އޮޑިޓަރ ޖެނެރަލް ނެރުއްވި ހެލްތް މިނިސްޓްރީގެ ހާއްސަ އޮޑިޓް ރިޕޯޓުންނެވެ.
ކޮވިޑާއި ގުޅިގެން ހެލްތް މިނިސްޓްރީން ކުރި ހަރަދުތަކާއި، ކުރި މަސައްކަތްތަކުގެ ތަފްސީލުތައް އޮޑިޓު ރިޕޯޓުގައި ވަނީ ހިމަނާފައެވެ.
ދައުލަތުގެ މާލިއްޔަތު ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތުން ”ސިންގަލް ސޯސް ޕްރޮކިއުމެންޓު“ ގެ އުސޫލުން ތަކެތި ނުވަތަ ހިދުމަތް ހޯދުމުގައި ޕްރޮކިއުމެންޓު އަގު 35،000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ އެ ހިދުމަތް ހޯދުމުގައި އެ ފަރާތެއްގެ މާލީ އަދި ފަންނީ ގާބިލުކަން ބަލަން ޖެހޭނެއެވެ. އަދި ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭނެ ހުނަރާއި ޤާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ވަޒަންކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.
އެހެން ނަމަވެސް ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއި ވެންޓިލޭޓަރުތައް ގެނައުމަށް ހަވާލު ކުރިއިރު، އެ ކުންފުންޏަކީ މިފަދަ ބޮޑު މަސައްކަތެއް ކުރިޔަށް ގެންދެވޭނެވަރުގެ މަލީ ގާބިލުކަން ލިބިގެންވާ ކުންފުންޏެއްތޯ ހެލްތް މިނިސްޓްރީން ބަލާފައިނުވަކަން އޮޑިޓު ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެއާއި އެކު ދުބާއީގެ އެ ކުންފުންޏާއި އެކު މީގެ ކުރިން ސަރުކާރުން އެއްވެސް މުއާމަލާތެއް ހިންގާފައިނުވާއިރު، އެގްޒެކިއުޓާސްއިން މީގެ ކުރިން މެޑިކަލް އިކުއިޕްމެންޓުތައް ފޯރުކޮށްދީފައިވޭތޯ އާއި، ކުންފުނީގެ މަސައްކަތްތަކުގެ ތަޖުރިބާއަކީ ކޮބައިކަން ބަލާފައިނުވާއިރު އެ ކުންފުނީގެ ފަންނީ ގާބިލުކަން ބެލުމުގެ ގޮތުން އެއްވެސް ލިޔެކިއުމެއްގެ އެހީތެރިކަން ހޯދާފައިނުވާކަން ވެސް ރިޕޯޓުގައި ވާނީ ފާހަގަކޮށްފައެވެ.

ނޫސްވެރިން ވެސް މިކަމަށް ސުވާލު އުފައްދާއިރު އަމީން ތަކުރާރުކޮށް އޭރު ވެސް ވިދާޅުވި ބަސްފުޅަކީ އެއީއެވެ. އަދި އޭރު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވެސް ވިދާޅުވި ބަސްފުޅަކީ އެއީއެވެ. އެހެން ނަމަވެސް އެގްޒެކިއުޓާސް އަކީ ޑަބްލިއުއެޗްއޯ އާއެކު އެއްވެސް މުއާމަލާތެއް ކޮށްފައިވާ ކުންފުންޏެއް ނޫންކަމަށް އޮޑިޓް އޮފީހުގެ ރިޕޯޓުގައި ވެއެވެ. އަދި އެ އިދާރާއިން ގަބޫލު ކުރާ ވެންޓިލޭޓަރުތައް ސަޕްލައިކުރާ ކުންފުނީގެ ލިސްޓެއްވެސް ހިއްސާ ނުކުރާކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.
ހެލްތު މިނިސްޓްރީއިން ފިނޭންސް މިނިސްޓްރީއަށް އަދި ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީގައި އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް އަކީ ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން އެ ޖަމިއްޔާއިން ފޯރުކޮށްދިން ސަޕްލަޔަރުންގެ ލިސްޓުގައި ވަނީ ހިމަނާފައެވެ. އަދި މެމޯގައި ވެސް އެގޮތަށް ބަޔާންކޮށްފައިވެއެވެ.
ދަރުބާރުގޭގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރެއް ގާއިމްކޮށް، ނޫސްވެރިންގެ ބައްދަލުވުންތަކެއް ބާއްވަމުން ދިޔައިރު އެންމެ ސުވާލު އުފެދޭކަމަކަށް ވީ ވެންޓިލޭޓަރެއްގެ ވާހަކައެކެވެ. ޕޯޓަބަލް ވެންޓިލޭޓަރަކާއި، އަދި އެ ނޫންވެސް ވެންޓިލޭޓަރުތަކެއްގެ ވާހަކަތައް ދައްކަމުން ދިޔައިރު ބިޑު ޕްރޮސެސިންގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ނޫސްވެރިން އެދެމުން ދިޔައެވެ.
ކުންފުންޏަކާއި ޕްރޮޖެކްޓެއް ހަވާލު ކުރާއިރު ވަކި އުސޫލުތަކެއް އޮވެއެވެ. އެ ގައުމެއްގެ މާލިއްޔަތު ގާނޫނަށް އަމަލު ކުރުމާއި އެކު، ކޮރަޕްޝަނުން އެއްކިބާވުމަށް ހުރިހާ ޕްރޮސެސްއެއް ވެސް ކުރިޔަށް ގެންދަން ޖެހޭނީ އެ ގާނޫނާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ. މިއީ ލިޔެކިއުންތައް ފުރިހަމަވާން ޖެހޭ އަދި ކުރިޔަށް ގެންދާ ކޮންމެ ބައްދަލުވުމެއްގެ މީޓިން މިނިޓްސް ހަމައަށް ހުންނަން ޖެހޭނެ މަސައްކަތްތަކެކެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލައަށް ބަލާއިރު، ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބް ދެއްވަމުން މަބްރޫކް އަޒީޒް ވިދާޅުވީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލްއަކީ ”ލެޖިޓިމޭޓު ކުންފުޏެއް“ ކަމަށެވެ. މަބްރޫކްވެސް މި ވެންޓިލޭޓަރުތަކުގެ ވާހަކަތައް ދެއްކެވިއިރު ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ނަން ބޭނުން ކުރެއްވިއެވެ.
ދުބާއީ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެ ގެންނަ 75 ވެންޓިލޭޓަރަކީ ޑަބްލިއުއެޗްއޯގެ އިރުޝާދުގެ ދަށުން ގެންނަ ވެންޓިލޭޓަރުތަކެއް ކަމަށް ބުނެ ހެލްތް މިނިސްޓްރީން ފިނޭންސް މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާއިރު ހަގީގަތަކީ ދުބާއީ ކުންފުންޏެއް މެދުވެރިކޮށް ވެންޓިލޭޓަރުތައް ގެންނަން ޑަބްލިއުއެޗްއޯއިން އެއްވެސް އިރުޝާދެއް ދީފައި ނުވާ ކަމެވެ.
ނަމަވެސް ޑަބްލިއެޗްއޯގެ ފަރާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ފަރާތުން ވެންޓިލޭޓަރުތައް ލިބޭނެ ކުންފުންޏެއްގެ ނަން އަމިއްލަ ހައިސީއްޔަތުން އަމީނަށް ދެންނެވި ކަމަށް މި ސަރަހައްދުގައި ހުންނަ ޑަބްލިއުއެޗްއޯގެ އޮފީހުން ވަނީ ސިޓީއަކުން އަންގާފައެވެ. އެހެން ކަމުން ހެލްތް މިނިސްޓަރ އަމީން ދުބާއީ ކުންފުންޏެއް މެދުވެރިކޮށް ގެންނަ ވެންޓިލޭޓަރަކީ ޑަބްލިއުއެޗްއޯގެ އިރުޝާދުގެ މަތިން ގެންނަ ވެންޓިލޭޓަރު ކަމަށް ބުނެ އެކިއެކި ފަރާތްތަކަށް ސިޓީ ފޮނުވައި ވަނީ ހަގީގަތާއި އެއް ގޮތަށް ނޫންކަން މިހާރު ވަނީ ޔަގީންވެފައެވެ.
ދެން އޮތީ ވެންޓިލޭޓަރުތަކުގެ މައްސަލަ ތަހުގީގުކޮށް ނިމެންދެން މިނިސްޓަރ އަމީން އަމިއްލަފުޅަށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިވި ކަމަށް ބުނާ ވާހަކައެވެ. ހަގީގަތުގައި މިނިސްޓަރު އަމީން އަމިއްލަފުޅަށް މަސްއޫލިއްޔަތުތަކުން އެކަހެރިވެ ވަޑައިގަތީއެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް މިނިސްޓަރ އަމީން ހެލްތް މިނިސްޓަރުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރެއްވީއެވެ. ނުވަތަ ސަސްޕެންޑް ކުރީއެވެ. އެކަން ހާމަވީ ހެލްތް މިނިސްޓްރީ ވަގުތީ ގޮތުން ހިންގުން ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމްއާއި ހަވާލު ކުރެއްވިކަން ހާމަކޮށް ރައީސް އޮފީހުން އާންމު ކުރި ހަބަރުންނެވެ. އެގޮތުން ރައީސް އޮފީހުން އާންމު ކުރި ހަބަރުގައި ބުނެފައި ވަނީ ކޮވިޑުގެ ހަރަދުތަކާއި ގުޅޭ ގޮތުން އޮޑިޓަރ ޖެނެރަލް ނެރއްވާފައިވާ އޮޑިޓް ރިޕޯޓުތަކުގެ މައްސަލަ ތަހުގީގުކޮށް ނިމެންދެން ހެލެތް މިނިސްޓަރ އަބްދުﷲ އަމީން މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވާތީ ހެލްތް މިނިސްޓްރީ ވަގުތީ ގޮތުން ހިންގުން މިނިސްޓަރ އަސްލަމްއާއި ހަވާލު ކޮށްފައިވާ ކަމަށެވެ.
ކޮންމެއަކަސް މިނިސްޓަރ އަމީން ރައްޔިތުންނަށް އޮޅުވާލީ ޑަބްލިއުއެޗްއޯގެ ނަމުގައި އެކަންޏެއް ނޫނެވެ. ހަވާލު ކުރެވިފައިވާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރެއްވުމުން ވެސް އޮޅުވާލީއެވެ. ކަންކަމުގައި އޮޅުވާލިޔަސް މީ ހަމަ ފުކެއް ބޮޑުވަރެވެ.

