ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތަރު އުދަރެސް ފެނުޖެހުމުން، ދެން އޮތީ ރައްޔިތުން ފެލާލުން!

މާލޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ ބަލާ އާފާތް ރާއްޖެއަށް ލައްވާލީ ކުއްލިއަކަށް ނޫނެވެ. މުޅި ދުނިޔެއަށް ފެތުރުގަތް މި ބަލި މަޑުކަން ރާއްޖެއަށްވެސް ފޯރާނެކަމުގެ ރަނގަބީލު ދިޔައީ އިންތިހާއަށް އަޅަމުންނެވެ. ދުރާލާ މި ބަލި މަޑުކަމަށް ތައްޔާރުވުމުގެ ފުރުސަތު އެތައް ގޮތަކަށް ރާއްޖެއަށް ލިބިގެންދިޔައެވެ. އެކަމަކު އެ އިންޒާރުތަކަށް ބީރު ކަންފަތެއްދީ އާދައިގެ ހުމަކަށް މި ބަލި މަޑުކަން ދެއްކުމަށް ސަރުކާރުން އިސްކަން ދިނެވެ. އެންމެ ނުރައްކާތެރި ހާލަތަށްވެސް ސަރުކާރު އޮތީ ތައްޔާރަށް ކަމުގައި ބުނަމުން، ރާއްޖޭގެ ބޯޑަރު ބަންދުކުރަން އިންކާރު ކުރިއެވެ.

އެންމެފަހުން ކޮވިޑް-19 ގެ ބަލާ އާފާތުގެ ބިޔަ ރާޅު، އިތާ މުތްތަކެއް ފަދައިން ގަތާލެވިފައިވާ ރާއްޖޭގެ ގޮނޑުދޮށްތަކަށް ބިންދާލިއެވެ. ފުރަތަމަ އެތިފަހަރުވެސް ބިންދާލީ، ރަންބިސް އަޅާ ކުކުޅުގެ ގޮތުގައި ސިފަކުރާ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ރިސޯޓެއްގެ ދޮންވެލި ގަނޑު މައްޗަށެވެ. އެހިސާބުން އެ ނުރައްކާ މުޅި ގައުމަށް މިވަނީ ފެތުރިގެން ގޮސްފައެވެ. އެންމެފަހުން ހަދާނެ ނުހަދާނެ ގޮތެއް ނޭނގޭގިގެން ސަރުކާރުން ތެޅި ފޮޅިގަތެވެ. ހިންގުންތެރިކަމެއް ނެތި އަމާ ބުނީތީ ފަރަށްދާ އުސޫލުން ކަންތައްތައް ކުރަމުގެ ސަބަބުން ސަރުކާރު އަތަށް ގޮވިއެވެ.

ސަރުކާރުގެ ވާހަކަތައް އޭރުވެސް ހުރީ އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައެވެ. ޤައުމާއި މުޚާތަބު ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ރާއްޖެއަށް ކުރިމަތިވި ހާލަތަކީ “އިކޮނޮމިކް ކްރައިސިސް” އެއް ނޫން ކަމަށެވެ. ރޯގާއާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ލޮޅުންތައް އެރި ނަމަވެސް ރައްޔިތުންނަށް ދޭންވާ އަސާސީ ހިދުމަތްތައް މެދުނުކެނޑި ދެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް ނޫން ކަމަށްވެސް އޭރު އެމަނިކުފާނު ވިދާޅުވިއެވެ.

“ކޯވިޑް19 އަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް. ނަމަވެސް މިއީ ކަންބޮޑުވެ ހާސްވާންވީ ވަގުތެއް ނޫން. މިއީ ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާ އެކު، ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު” ރައީސް، މާޗް 12 2020

ރާއްޖެ އަށް ކޮވިޑް-19 އައުމާއި ގުޅިގެން، ޓޫރިޒަމަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ކުރިއަށް އޮތް ތިން މަސް ހިފަހައްޓާލެވިއްޖެ ނަމަ އޭގެ ފަހުން ޓޫރިޒަމް ވަރަށް ރަނގަޅު ވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މާޗު މަހުގެ 25 ވަނަ ދުވަހުއެވެ. އެކަމަކު އެދުވަހުން ފެށިގެން ގައުމުގެ ހާލަތު ދުވަހުން ދުވަހަށް ގޯހުން ގޯހުން ދިޔުން ނޫން ބަދަލެއް ނުފެނުނެވެ. ރައްޔިތުން ބިކަވުން ފިވައި ފެނުނު އެހެން މަންޒަރެއްވެސް ނެތެވެ. ގައުމަށް އާމްދަނީއެއް ވައްދާނެ ގޮތެއް ސަރުކާރަށް ނުފެނުނެވެ. ދައުލަތުގެ ޚަރަދު އިންތިހާއަށް ބޮޑެވެ. ކޮވިޑްގެ ކަންކަން މެނޭޖު ކުރުމުގައި ބޮޑުތަނުން ސަރުކާރު ފެއިލްވިއެވެ.

އިޤްތިޞާދީ ގޮތުންނާއި މާލީ ގޮތުން ސަރުކާރު ވެއްޓުނު އަދަވަޅުން އަރައިގަތުމަށް ހައްލަކަށް ފެނުނީ ރައްޔިތުން ޖޫރިމަނާކޮށް ރައްޔިތުންގެ ދައުލަތުގެ އާމްދަނީ ފޫބެއްދުމެވެ. އެގޮތުން ކޮވިޑް ކޮންޓްރޯލް ކުރުމުގެ ނަމުގައި އެކި ފިޔަވަޅުތައް އަޅައި ރައްޔިތުން ފެލާން ސަރުކާރުން ފެށިއެވެ. މާސް ނާޅާ އުޅޭ ނަމަ ޖޫރިމަނާ ކުރުމާއި، މަގުތީ ދުންފަތުގެ އިސްތިއުމާލު ކުރަން ހުރެއްޖެ ނަމަ ޖޫރިމަނާ ކުރަން ފެށިއެވެ. އަދި ވަގި ވަގުތެއްގެ ފަހުން ބޭރުގައި އުޅޭ ނަމަވެސް ޖޫރި މަނާ ކުރެއެވެ. އޭގެ ސަބަބުން ދައުލަތަށް މިލިއަނުން ފައިސާ ވަންނަން ފެށިއެވެ.

މިހާރު ސަރުކާރުން ކަންތައްތައް ކުރަނީ ކޮންމެހެން ރައްޔިތުންގެ ފައިދާއަކަށް ނޫނެވެ. ސަރުކާރުގެ އިސްވެރިން ހިންގާ ޖަރީމާތަށް ޖަޒީރާވަންތަ ގޮތުގައި އިތުރަށް ކުރަން ވެގެންނެވެ. ދިވެހިންގެ އުޅުމާއި ހާލަތާއި އިގްތިސާދު ނުދަންނަ ބަޔަކު ކަންކަން ކުރަން ތިބިމުން ފެނިގެންދާނީ ދެއުޅިއެއްނުވާ ނިންމުންތައް ނިންމަމުންދާތަނެވެ. މިރާއްޖޭގައި ވެސް އަދި ވެސް ބުއްދި އެއް ހުރި ބަޔަކު ތިބޭނެކަން ކަށަވަރެވެ. ވަކިން ހާއްސަކޮށް މީ ވައްކަމުގެ ވާ ހަކަތައް ފޮރުވަން ކުރާ ކަމެކެވެ. ޖޫރިމަނާ ކުރުން ނޫން ގޮތެއް މި ސަރުކާރަކަށް ނުފެނެއެވެ.

އިގްތިސާދު ހީނަރުވީމުން ހާލުގައި ޖެހޭނީ ނިކަމެތި ރައްޔިތުންނެވެ. އިގްތިސާދު ހީނަރުވެ ތޮޅިމިރުހަކަށް ވިއަސް ގޯތި ކުދިންނަށާއި ގޯތި ކުންފުނިތަކަށް ތިޔަދޭ ބަދަލު ހުއްޓާނުލާ ކުރިއަށް ގެންދިޔުމަކީ ސަރުކާރުގެ ނިޔަތާއި މެދު ސުވާލު އުފެދޭ ކަންކަމެވެ. ގޯތި ކުދިންނަށް ދީފައި ބާކީ އެއްޗެއް އޮތިއްޔާ ދަރަނި ފޮތުގައި ޖަހާފަވެސް ނަގާ ކާލާށެވެ.

ދުނިޔޭގެ ސިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި ކޮވިޑް ފެތުރެނީ ވެންޓިލޭޓް ނުވާ ބަންދު ކުރެވިފައި ހުންނަ ތަންތަނުގައެވެ. މިސާލަކަށް އޮފީސްތަކާއި ރެސްޓޯރަންޓް ފަދަ ތަންތަނުގައެވެ. ވައިގެ ތެރޭގައިވެސް ފެތުރެއެވެ. އެކަމަކު ނިސްބަތުން މަދެވެ. މަގުމަތީގައި ކާރު ނުވަތަ ސައިކަލް ދުއްވުމަކުން ކޮވިޑެއް ނުޖެހެއެވެ. މީހުންގެ މޫވްމަންޓް މަދު ކުރުމަކީ އެދެވޭ ނަތީޖާއެއް ނުކުންނާނެ ކަމަކަށް ނުބެލެވެއެވެ. އޮފީސްތަކާއި ސައި ހޮޓާތައް ބަންދު ކުރަނިކޮށް ނަތީޖާއެއް ފެނިދާނެއެވެ. ކަމެއް ކުރަން ހަމަ ކަމެއް ކުރުމަކީ ބޭކާރު ކަމެކެވެ.

އެންމެން ގޭގައި ބައިތިއްބާފައި، އެތައް އަމިއްލަ ވިޔަފާރިއެއް ފުނޑާލާފައި، އަދިވެސް ރެސްޓޯރަންޓުތަކަށް ދަތިކޮށް، ސަރުކާރުގެ ވެރިން މި ބަލަނީ އަމިއްލަ ޖީބު ބޮޑުކުރާށެވެ. ވެންޓިލޭޓަރެއް ނުގެނެވުނެވުނެވެ. ޓެސްޓު ކިޓު ހުސްވެއްޖެއެވެ. އެޗް.ޕީ.އޭ އިން ގައުމު ހިންގުމާ ހަވާލުވެ ގައުމު ފުނޑާލީއެވެ. ގައުމުގައި ރައީސަކު ހުރި ކަމުގެ އިހުސާސެއް ނުވެއެވެ. އެކަމަކުވެސް ހަތަރު އުދަރެސް ފެނުޖެހުމުން، ދެން އޮތީ ރައްޔިތުން ފެލާލުމެވެ.

މިސަރުކާރުގެ މުޢއްސަސާތަކުން އަމުރުނެރެނީ ޖުހާގެ ފަލްސަފާ ބަލައިގެނެވެ. އެޗްޕީއޭގެ ކުއްލި ބަދަލު އަންނަ ޤަވާއިދުތަށް ރައްޔިތުންނަށް މިވަނީ ތަކްލީފަކަށްވެފައެވެ. މިއީ ރައްޔިތުން ބިކަކޮށް ނިކަމެތި ކުރުމަށް ކުރާ ކަމެކެވެ. ރައްޔިތެއްގެ މުސާރައިން އެއްމެ ރުފިޔާއެއް ވެސް ބޮނޑެއް ނުވެއެވެ. ވީ ވަރަކީ ވަޒީފާ ގެއްލި ނޫނީ މުސާރަކޮޅު ނުލިބުމެވެ. އެކަމަކު ބަރާބަރަށް ކުލިދަށްކަން ޖެހެއެވެ. އޮންލައިންކޮން ހުރިހާކަމެއް ކުރަށްޖެހޭއިރު އިންޓަރނެޓް އެހާ އަގުބޮޑެވެ. ކަރަންޓާއި ފެންބިލުގެ ވާހަކަ ދައްކަން ހެޔޮނުވާނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ހެސްކިޔަފަ އަތްޖަހައި ކެމްޕޭނުކޮއްގެން ސިފުލާޔާ ފައިރޫޒުއާ ގެނައި ވެރިކަމުން ތި ދެމީހުން ކަރުބުޑުގަ ޒަހަހަރުގެ ހިތިރަހަ ލީކަންނަސީބެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: