މަދު ފުލުހުން ކުރާ ކަމެއްގެ ސަބަބުން ރައްޔިތުންގެ ހިތުގައި ފުލުހުންނާ މެދު ނުތަނަވަސްކަން އުފެދޭ ކަމަށާއި އެއީ ހިތާމަކުރާ ކަމެއްކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާން މިހެން ވިދާޅުވީ ހުޅުމާލޭގައި މިއަދު ހުޅުވި ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ އާއިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޢިމާރާތް ހުޅުއްވައިދެއްވީ މިނިސްޓަރ ޢިމްރާންއާއި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އިހުތިރާމަށް ޓަކާ، މުއައްސަސާގެ ކަރާމަތާ ޝަރަފަށްޓަކާ ކޮންމެ ފުލުހަކު މަސައްކަތް ކުރަންޖެހޭކަމަށެވެ.
މިނިސްޓަރ ޢިމްރާން ވިދާޅުވީ މަދު ފުލުހުން ކުރާ ކަމެއްގެ ސަބަބުން ރައްޔިތުންގެ ހިތުގައި ފުލުހުންނާ މެދު ނުތަނަވަސްކަން އުފެދުން އެއީ ހިތާމަކުރާ ކަމެއްކަމަށެވެ. އެހެންކަމުން އެފަދަ ކަމެއް އެއްވެސް ފުލުހެއްގެ ފަރާތުން ކުރިމަތިވިޔަ ނުދިނުމަށް ހުރިހާ ފުލުހުންނަށް އިލްތިމާސްކުރެއްވިއެވެ.
މިނިސްޓަރ ޢިމްރާން ވިދާޅުވީ އިންސާނީ އުއްމަތަށް ބޭނުންވާ އެންމެ މުހިއްމު އެއް ބަހާއަކީ އަމާންކަންކަމަށެވެ.ފުރަތަމަ ސިފައަކީ އިޤްޠިޞާދީ ފުދުންތެރިކަމާއި، ތަނަވަސްކަންކަމަށެވެ. އަދި ދެވަނަ ސިފައަކީ ފުދުންތެރިކަމާއި އަމާންކަންކަމަށެވެ.
މިއަދުގެ ދުނިޔޭގައި އަމާންކަން ކަށަވަރުވަނީ ފުލުހުން ކުރާ މަސައްކަތުގެ ސަބަބުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.ސަރުކާރުން ފުލުހުންނާމެދު ކުރާ އުއްމީދު ބޮޑުކަމަށާއި، ފުލުހުންގެ ވަޞީލަތްތައް ޤާއިމްކުރަން ސަރުކާރުން އިސްކަންދެއްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަމަންއަމާންކަމާއި، ރައްކާތެރިކަން ކަށަވަރުކޮށް ބިރުވެރިކަން ނައްތާލަން ކުރާ ފުލުހުން ކުރައްވާ މަސައްކަތް ބަލައިގަންނަވާ ކަމަށާއި، މިދިޔަ 17 މަސްދުވަހަށް ބަލާއިރު ލޭ އޮހޮރުވުމާއި، ތަޅާފޮޅުން މަދުވުމަކީވެސް އޭގެ ހެއްކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ހުޅުމާލޭގައި ފުލުހުންގެ މިފަދަ ފުރިހަމަ ސްޓޭޝަނެއް އިމާރާތް ކުރެވިގެން ދިއުމަކީ ފުލުހުންގެ ޒިންމާ އަދާކުރުމަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.ހުޅުމާލޭގެ އާބާދީ އިތުރުވެ، ޚިދުމަތްތައް ގިނަވެ، ރައްޔިތުންގެ ހަރަކާތްތައް ފުޅާވެފައިވާތީ ހުޅުމާލޭގައި ފުލުހުންގެ ޚިދުމަތް ފުޅާކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި އެކަމުގައި ރައްޔިތުންނާ ގުޅިގެން އިތުރަށް މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ޚިދުމަތް ދިނުންދިވެހި ފުލުހުންގެ މަސައްކަތް މުސްތަޤިއްލި ވަކި މުއްސަސާއެއްގެ ގޮތުގައި ކުރިއަށް ގެންދާތާ 16 އަހަރު ފުރުމަކީ ވަރަށް އުފާވެރި ދުވަހެއްކަން ފާހަގަކުރައްވާ، އެމަނިކުފާން ވަނީ ދުވަހުގެ ތަހުނިޔާ ދިވެހި ހުރިހާ ފުލުހުންނަށާއި ފުލުހުންގެ އާއިލާތަކަށް ދަންނަވާފައެވެ.

