މިނިސްޓްރީތަކާއި ސަރުކާރުގެ އެހެން އޮފީސްތަކުގެ ބިޑް ކޮމިޓީތަކަށް ސިޔާސީ ނުފޫޒު ފޯރުވުން ކުޑަކުރުމަށްޓަކައި އެ ކޮމިޓީތަކުގައި މިނިސްޓްރީތަކުގެ ސިޔާސީ ބޭފުޅުންނަށް ނުތިއްބެވޭނެ ގޮތް ހަމަޖެއްސެވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވަނީ ވިދާޅުވެފައެވެ. އެފަދަ ވިސްނުންފުޅެއް ގެންގުޅުއްވާ ކަމަށް މިނިސްޓަރު ވިދާޅުވެފައި މިވަނީ، ކޮވިޑް-19 އަށް ސަރުކާރުން ކުރި ޚަރަދުތަކުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެތައް ކަމެއް ހިނގާފައިވާކަމުގެ ތުހުމަތު ކުރެވިފައިވާ ދަނޑިވަޅެއްގައެވެ.
ބިޑު ކޮމިޓީތަކުގައި ސިޔާސީ މަޤާމުގައިތަކުގައި ތިއްބަވާ ބޭފުޅުން ނުހިމަނާ އެކަމުގައި އަމަލު ކުރެވޭނެ ގޮތްތަކާ މެދު ވިސްނުން ގެންގުޅުއްވާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއިރު، އޭގެ ސަބަބުން ރަނގަޅު ނަތީޖާއެއްވެސް ނުކުންނަންޖެހޭނެއެވެ. ސަބަބަކީ ބިޑް ކޮމިޓީތަކުގައި ސިޔާސީ ބޭފުޅުން ނުވަތަ ސިވިލް ސާވިސްގެ މުވައްޒަފުން ތިއްބަސް އަމަލު ކުރަންޖެހޭނެ ގޮތް މާލިއްޔަތު ގާނޫނާއި މާލިއްޔަތު ގަވައިދުގައި މިހާރުވެސް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާތީއެވެ.
މައްސަލަ ނުކުންނަ ހިސާބަކީ، ވަކި ބަޔަކު ބިޑު ކޮމިޓީތަކުގައި ތިބުމެއް ނޫނެވެ. މައްސަލައަކީ އެ ކޮމިޓީތަކުގައި އިޚުލާސްތެރިން މަދުވުމެވެ. ކަމެއްކުރިކަން އެނގުމުން ފިޔަވަޅު ނޭޅުމެވެ. މިހާރުވެސް ބިޑު ކޮމިޓީތަކުގައި ސިޔާސީ ބޭފުޅުންނަށް ފުރުސަތު ނުދޭ މިނިސްޓްރީތައްވެސް އެބަހުއްޓެވެ. އަނެއްކޮޅުން ކޮން ބަޔަކު ތިއްބަސް ބިޑް ކޮމިޓީތަކުގެ މެމްބަރުންނަށް އެ މިނިސްޓްރީއެއްގެ ވަޒީރުގެ ނުފޫޒު ފޯރާ ވާހަކައަކީ އަލަކަށް އިވޭ އަޑެއް ނޫނެވެ.
ބިޑްކޮމެޓީން ސިޔާސީ ބޭފުޅުން ދުރުކުރިޔަސް ނުކުރިޔަސް މާބޮޑު ބަދަލުތަކެއް އަންނާނެ ކަމަކަށް ގަބޫލު ނުކުރެވެއެވެ. ސަބަބަކީ މިގައުމަކީ އިޚުލާސްތެރީން މަދު މަކަރާއި، ޚީލަތްތެރިންނާއި ޚިޔާނާތެރިން ގިނަ ތަނަކެވެ. އެކަންކަމަކީ ބޮޑު ފެޝަނަކަށް ވެފައިވާ ގައުމެކެވެ. ސިވިލް ސަރވިސް މުވައްޒަފުންގެ ތެރޭގައި ވެސް އެފަދަ ކަންކަން ނިސްބަތުން ބޮޑު ގައުމެކެވެ. އޮފީސްތަކާއި ކުންފުނިތަކުގެ ގިނަމީހުން އެންމެ މަތިން ފެށިގެން އެންމެ ދަށްމަގާމުވެސް މިކުޅިވަރުގައި ތަފާތެއްނެތެވެ. ލިބޭއެއްޗަކަށްވުރެ ބޮޑަށް ޚަރަދުކުރަންޏާ އެބައި ފޫބައްދަންވެސް ޖެހޭ މިކަހަލަ ގޮތަކަށެވެ.
ބިޑް ކޮމެޓީ ގައި ސިޔާސީ މީހުން ނުތިބޭ ގޮތަށް ހެދުން އެއީ އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް އަތުވެދާނެ ކަމެކެވެ. އެކަމަކު މުޅި ހައްލު އޮތީ ސަރުކާރާއި އަދި ދައުލަތުގެ ޕްރޮކިއުމެންޓް ސިސްޓަމާއި ގުޅިފައެވެ. ސަރުކާރުގެ ވެސް އަދި ދައުލަތުގެ ވެސް، ނެޝަނަލް ކޮމްޕެޓެޓިވް ބިޑިންގ ސިސްޓަމްގެ ގޮތުގައި ރެގިއުލޭޝަންސް ތަކެއް ތައްޔާރު ކުރެވިފައެއް ނެތެވެ. މިކަމަކީ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓުން ކުރަން ޖެހޭނެ ކަމެކެވެ. ރާއްޖޭގައި ހުރިހާ ކަމެއް ބޮއްސުން ލައިގެންދަނީ އެހެންވެއެވެ.
ބިޑް ކޮމެޓީގައި ސިޔާސީ މީހުން ތިބުމުގެ ތަޖްރިބާ ރައްޔިތުންނާއި ވިޔަފާރިވެރިން ކޮށްފިއެވެ. މިނިސްޓަރުގެ މަންދޫބެއްގެ ގޮތުގައި ސްޓޭޓް މިނިސްޓަރު ނުވަތަ ނައިބު މިނިސްޓަރ އިން ދުވަސްތައް ދެކެފިއެވެ. ބިޑް ކޮމިޓީގައި ހިނގާ ކަންތައްތަކުގައި ބައިވެރި ނުވާނެ ކަމަށް ވިދާޅުވެ ހިނގާ ކަންކަން ފޮރުވަނީއެވެ. އެކަމަކު ކުއްލިއަކަށް ކޮމިޓީގައި އިންނަވާ މިނިސްޓަރު ބޭނުންފުޅުވެޔޭ މިވެނިކުންފުންޏަކަށް ތިޔަ މަސައްކަތްދޭން އެހެންވެސް ބުނަނީއެވެ. އެންމެ ފަހުން ބިޑް ކޮމިޓީގެ ޗެއާމަނަށްވެސް އެގޮތަށް ނިންމަން މަޖުބޫރުވަނީއެވެ.
ސިޔާސީ ބޭފުޅުން އެއްވެސް ޒިންމާއެއް ނަގަންނުޖެހޭ ގޮތަށް ހެދުން ރަނގަޅެއްނޫނެވެ. މަދު މުސާރަ ލިބޭ ސިވިލް ސާރވިސް މުވައްޒަފުންގެ ބޮލަށް ހުރިހާ ޒިންމާއެއް ކަނޑާލުންވެސް ރަނގަޅެއްނޫނެވެ. ސިވިލް ސަރވިސް މުވައްޒަފުންނަށް ހުރިހާކަމެއް ކުރަން އަންގަނީ ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނެވެ. އެކަމަކު މި ވީހާ ތަނަށް ސީޔާސީ ބޭފުޅުން އެއްވެސް ޒިންމާއެއް ނަގަންޖެހިފައެއް ނެތެވެ.
ބިޑް ކޮމެޓީ ތައް އިސްލާހު ކުރާއިރު ފުރަތަމަ އޯވަރހޯލް ކުރަންވީ ސަރުކާރުގެ މިނިސްޓްރީތަކެވެ. އެއަށްފަހު ކުންފުނިތެކެވެ. އެހެން ނޫން ނަމަ މިހާރު ތިޔަ ހައްދަވަން އުޅުއްވާ ގޮތުން މާ ގޯސްވާނެއެވެ. ސަބަބަކީ، ބިޑް އިޢުލާނުކުރާ ހިސާބުން އެއިރެއްގައި ވެރިކަމުގައި އޮންނަ ޕާޓީއެއްގެ އެކްޓިވިސްޓުންނާ ’ގުޅުން‘ ހުންނަ ކުންފުނިތައް އެކްޓިވޭޓްވާން ފަށައެވެ. ދެން ބިޑް ކޮމިޓީތަކުގައި ތިބޭނީ ހުސް ނިކަމެތި ސިވިލްސާވިސް މުވައްޒަފުންނެވެ. ސިޔާސީ ބޭފުޅަކު އޭރުން ނީންނަވާނެއެވެ. މިހާރުވެސް ވާގޮތަކީ ޕާޓީގެ އެމްޕީ ނުވަތަ ޕާޓީގެ މިނިސްޓަރުންނަށް ވުރެ ބާރުގަދަ އެކްޓިވިސްޓުންވެސް ބިޑް ކޮމިޓީތަކުގެ މެންބަރުންނަށް ގުޅުމެވެ.
އެހެން ކަމުން ތިޔައީ މުޅިން ރަނގަޅު ވިސްނުމެއް ކަމަކަށް ނު ފެނެއެވެ. ސަބަބަކީ ވަރަށް ގިނަ ފަހަރު ތިޔަ ތަންތާނގައި ތިބޭ ފަރާތް ތަކަކީ އިދިކޮޅަށް ކުޅޭ ފަރާތް ތަކަށް ވެ ފައިއޮތުމެވެ. އެގޮތުން ޖެއްސުން ކުރުމާއި ވަގު ހެދުމުގައި ކުރީސަފުގައި އެވެރިން ވެސް ތިބެއެވެ. ބައެއް މިނިސްޓްރީތަކުގެ އިސް ސަފުގައި ކަނޑަ އެޅިގެން ކޮރަޕްޓް މީހުން އުޅޭކަން ގައިމެވެ. އަދި ތިޔަ ކަމުގައި އޮތް ހަމަ އެކަނި ޙައްލަކީ ﷲ އަށް ބިރުވެތި ވުމެވެ. ޚިޔާނާތްތެރި ނުވުމެވެ. ވައްކަން ނުކުރުމެވެ.
ސިޔާސީ މަޤާމްތަކުގަ ތިއްބެވި ބޭފުޅުން ކޮރަޕްޓް ކަމުން މަސައްކަތަކަށް ވާކަހަލަ އެއްވެސް މަސައްކަތެއް ހަވާލު ކުރެވޭކަށް ނޯވެއެވެ. އެކަމަކު ރައްޔިތުންގެ ޓެކްސް ފައިސާ އާއި ދައުލަތަށް އެހެން ގޮތް ގޮތުން ލިބޭ އާމްދަނީން ރައްޔިތުންނަށް މަންފާ ކުރާނެ ކަމެއް ނުކޮށް ވެރިކަން ދެމެހެއްތުމަށްޓަކައި އެ ބޭފުޅުންނަށް ބޮޑު މުސާރދޭން ޖެހެއެވެ. އަނެއްކާ މާލީ ޒިއްމާދާރު ވެރިޔާ ކިޔާފައި ބޮޑު މުސާރަ ދީފައި މީހަކު ލުމުން އޭނަވެސް މަސައްކަތް ކުރަނީ ވަޒީފާ ދިން މީހާ ރުއްސަން ނޫނީ އަމިއްލަ ޖީބު ބޮޑު ކުރާށެވެ. އެހެންވެ ދަންނަވަން ޖެހެނީ މައްސަލައަކީ ބިޑް ކޮމިޓީތަކުގައި އިޚުލާސްތެރިން ނުތިބުން ކަމަށެވެ.

