ރާއްޖޭގެ ދަރަނި 73.9 ބިލިއަނަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން ޖޫން މަހުގެ ނިޔަލަށް އާންމުކޮށްފައިވާ ދައުލަތުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ އެތެރޭގެ ދަރަނި 36 ބިލިއަން ރުފިޔާ އަށް އަރާއިރު ބޭރުގެ ދަރަނި 37.7 ބިލިއަން ރުފިޔާ އަށް ވަނީ އަރާފައެވެ. އަދި ގެރެންޓީދީފައިވާ ދަރަނީގެ އަދަދު 16.6 ބިލިއަނަށް އަރަ އެވެ.
އޭގެ ތެރެއިން އެކްސްޓަރނަލް ޑެޓްގެ ގޮތުގައި ހުރީ 15.7 ބިލިއަން ރުފިޔާ ކަމަށާއި ޑޮމެސްޓިކް ޑެޓްގެ ގޮތުގައި ހުރީ 934 މިލިއަން ރުފިޔާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކައެވެ.
މީގެ އިތުރުން، ސެންޓްރަލް ގަވަމެންޓް ޑެޓްގެ ގޮތުގައި ޖޫން މަސް ނިމުނު އިރު 57.3 ބިލިއަން ރުފިޔާ ހުރި އިރު، އޭގެ ތެރެއިން އެކްސްޓަރނަލް ޑެޓްގެ ގޮތުގައި ހުރީ 22 ބިލިއަން ރުފިޔާ ކަމަށް ތަފާސްހިސާބުތައް ދައްކައެވެ. އަދި ޑޮމެސްޓިކް ޑެޓްގެ ގޮތުގައި ހުރީ 33.2 ބިލިއަން ރުފިޔާއެވެ.
ފިނޭންސްގެ ތަފާސްހިސާބުތަކުގައިވާ ގޮތުން ގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީ ހުރީ 108 ޕަސެންޓުގައެވެ.

