ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިލަމްގެ ފާޑުކިޔުން ސަރުކާރަށް: ”ހަދިޔާއަކަށް ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުން ގޯސްވެގެން އުޅުނު ބޭފުޅުން ކޮބައިތޯ؟“

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވި އަލީ ރަޝީދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް، ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް މަނީ ލޯންޑްރިންގެ މައްސަލައިގެ ރިޔާސަތު ފަހުން ބެލެހެއްޓެވި އަލީ ރަޝީދު ހުސެއިން އައްޔަކޮށްފައިވާތީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް އެކަމަށް ފާޑުވިދާޅުވެއްޖެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުން ކޯޓުތަކުގެ ގާނޫޏަށް ގެނައި ބަދަލާއި އެކު ސުޕްރީމް ކޯޓުގެ ބެންޗުގައި ހަތް ފަނޑިޔާރަކު ތިއްބަވަން ޖެހޭނެއެވެ. އެހެން ނަމަވެސް ކޯޓުގައި ބެންޗު ހަމަނުވެ، ފަސް ފަނޑިޔާރުން ތިއްބަވާތާ ވަނީ އަހަރެއްވެފައި ވަނިކޮށް އަލީ ރަޝީދު ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކޮށްފައިވަނީ އިއްޔެއެވެ.

ސުޕްރީމް ކޯޓަށް އައްޔަން ކުރުމުގެ ކުރިން އަލީ ރަޝީދު ހުންނެވީ، ކްރިމިމަލް ކޯޓުގެ ހިންގެވުމާއި ހަވާލުވެވަޑައިގެންނެވެ. ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލާ ޝަރީއަތްތައް ކުރިޔަށްދިޔައިރު ރިޔާސަތުގައި ހުންނެވީ އޭރު ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމްއެވެ. މައްސަލައިގެ ހުކުމް އިއްވުމަށް ފަސް ގަޑިއިރަށް ވެވެފައިވަނިކޮށް ހައިލަމް މަގާމުން ސަސްޕެންޑުކޮށްފައިވަނީ ނަސްރުގެ ދުވަހާއި ގުޅުވާ ވައިބާ ގްރޫޕަކަށް ފޮނުވި ފޮޓޯއެއްގެ މައްސަލައިގައެވެ. ހައިލަމް ސަސްޕެންޑްކުރީ ނަސްރުގެ ދުވަހުގެ ތަހުނިޔާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނުޖަހައި ދަމާފައި ގެންދާ ފޮޓޯގެ ސްކްރީންޝޮޓު ލީކުވުމުންނެވެ. މި މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަށްފަހު ހައިލަމް ސަސްޕެންޑު ކުރުމާއި ގުޅިގެން އެ ކޯޓު ހިންގުމާ ހަވާލުކޮށްފައި ވަނީ އަލީ ރަޝީދު އެވެ.

އަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްޔަން ކުރުމުން ހައިލަމް އެކަމަށް ފާޑުވިދާޅުވިއިރު، ވައިބާ ގްރޫޕަށް ލީ ފޮޓޯގެ މައްސަލަ ޖޭއެސްސީން ބަލަމުން ދަނިކޮށް އިސްތިއުފާ ދެއްވުމަށްފަހު ހައިލަމް އާއްމު ކުރި ބަޔާނެއްގައި ވަނީ އޭރު ރައީސް ޔާމީންގެ ޝަރީއަތް ވަކި ގޮތަކަށް ކުރިޔަށް ގެންދިއުމަށް ސަރުކާރުގެ ތެރެއިމން ބަޔަކު ބާރު އަޅާ ނުފޫޒު ފޯރުވިކަން އަލީ ރަޝީދަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

މި ތުހުމަތުތަކާއި ގުޅިގެން ފަނޑިޔާރުންގެ ގާނޫނާއި ހިލާފުވެ، އަލީ ރަޝީދު ރާއްޖޭގެ މީޑިއާއަކަށް އިންޓަވިއުއެއް ވެސް ދެއްވިއެވެ. އަދި ވަނީ އެކަން ދޮގު ކުރައްވާފައެވެ. ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ގޮތުން، ސިޔާސީ މީހަކު ނުވަތަ މީޑިއާ ގައި ދައްކާ ވާހަކަ އަކަށް ފަނޑިޔާރުން ރައްދު ދިނުމަކީ މަނާ ކަމެކެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ބެހޭ މާއްދާގެ ހ. ގެ 11 ގައިވާގޮތުން މިފަދަ ގޮތަކަށް ފަނޑިޔާރަކު ސީދާ މީޑިއާގައި ވާހަކަދެއްކުމަކީ މަނާކަމެއްގެ ގޮތުގައި ބުނެފައިވަނިކޮށް، ގާޒީ އަލީ ރަޝީދު ވަކި މީޑިއާއަކަށް ދިން އިންޓަވިއުއެއްގެ މައްސަލައިގެ ވާހަކަ ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ވެސް ދެކެވުނެވެ.

ރައީސް ޔާމީނަށް ހުކުމް އިއްވި ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ދެއްކެވި ވާހަކަތަކަށް ގާޒީ އަލީ ރަޝީދު ވިދާޅުވީ ގާނޫނުގައި މަނަލީ ސިޔާސީ މީހަކު ދައްކާ ވާހަކައަކަށް ރައްދު ދިނުމާއި ހިނގަމުންދާ މައްސަލައަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމާއި އިންޓަވިއު ދިނުން ކަމަށެވެ. ގާޒީ ވިދާޅުވީ ސިޔާސީ މީހަކަށް ރައްދު ނުދެއްވާ ކަމަށާއި ހިނގަމުންދާ މައްސަލައާ ބެހޭ ގޮތުން ވާހަކަ ނުދައްކަވާ ކަމަށާއި އަދި އޭނާ މީޑިއާގައި ވިދާޅުވީ އޭނާއާ ބެހޭ ގޮތުން އެހެން ގާޒީ އަކު ކުރެއްވި ތުހުމަތަކަށް، އެ މިންވަރަށް ކަމަށެވެ.

މައްސަލައިގައި ހައިލަމް މީގެ ކުރިން ވެސް އަލީ ރަޝީދަށް ފާޑުވިދާޅުވެފައި ވެއެވެ. އަދި އަލީ ރަޝީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރި ހަބަރު ރީޓްވީޓު ކުރައްވާ ހައިލަމް ވަނީ އެ މަގާމަށް އެ ނޫން ބޭފުޅެއް ހަމަ ނެތީ ތޯ ސުވާލު އުފައްދާފައެވެ. ހައިލަމް ވަނީ ރާއްޖޭގެ ހައިކޯޓުގައި ވެސް ތަޖުރިބާކާރު ފަނޑިޔާރުން ނެތީ ތޯ ވިދާޅުވެފައެވެ. އަދި މީގެ ކުރިން ފަނޑިޔާރުންނަށް ޕްރޮމޯޝަންތައް ދޭ ވާހަކަ އާއި، އެކަން ގޯސްކޮށް ވާހަކަ ދެއްކި ބޭފުޅުން މިއަދު ކޮބައިތޯ ހައިލަމް ސުވާލު އުފެއްދިއެވެ.

އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ވެސް ވަނީ މި މައްސަލައިގައި ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔާފައެވެ. އަދި މިއީ ގާޒީ އަލީ ރަޝީދަށް ދިން ޕްރޮމޯޝަނެއް ތޯ އާއި، ރައީސް ޔާމީނަށް ހުކުމް ކުރުމުގެ ހަދިޔާއަކީ އެއީތޯ އިދިކޮޅުން ވަނީ ބުނެފައެވެ. ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވަނީ މިއީ ޑީލްއެއްގެ ދަށުން ދިން ”ހަދިޔާއެއް“ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި މީގެއިން ވެސް އެނގިގެން ދަނީ މި ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވާފައިވާ މިންވަރު ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

ދިވެހި ރާއްޖޭގެ ވެރިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަޑައިގެންފައިވަނީ، ޝަރުއީ ކޯޓުތައް އިސްލާހުކޮށް އެ ކޯޓުތަކުގައި ހުކުމް އިއްވަން ތިބޭ ފަނޑިޔާރުންނަކީ ނުފޫޒުން އެއްކިބާވެފައިވާ ބަޔަކަށް ހަދާނެކަމުގެ ވައުދާއި އެކުއެވެ. އަދި އެ ހުކުމްތަކަކީ ވަކި ބަޔަކު ބުނާހާ ގޮތަކަށް ނެރެވިގެންވާނެ ހުކުމެއް ނޫން ކަމާއި، ހުކުމްތަކުގެ ”ހަދިޔާތަކެއްގެ“ ގޮތުން މަތީ ކޯޓުތަކަށް ޕްރޮމޯޓު ކުރާ ކުރުމަށް ވެސް ހުއްޓުމެއް ގެންނާނެކަމުގެ ވައުދާއި އެކުއެވެ.
އަދުލު އިންސާފު ގާއިމް ކުރުމުގެ ނަމުގައި ރާއްޖޭގެ ގިނަ ފަނޑިޔާރުންތަކާއި، އިސް މެޖިސްޓްރޭޓުންތަކެއް މައްސަލަ ބަލާ މަގާމުން ސަސްޕެންޑުކޮށް އަދި ބައެއް ފަރާތްތައް މަގާމުން ވަކިކޮށްފައިވެއެވެ. ހާއްސަކޮށް ދިވެހި ރާއްޖޭގެ އެންމެ މަތީ ކޯޓު ސުޕްރީމް ކޯޓުގެ މުޅި ބެންޗު ވެސް ބަދަލު ކުރިއެވެ. އަދި ޝަރުއީ ދާއިރާ އިސްލާހުކޮށް، އިންސާފު ގާއިމުކޮށްދިނުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ.

ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، މީގެ ކުރިން އެއްވެސް ހިންގުންތެރިކަމެއް ނެތް ކަމަށް އެމްޑީޕީން ގަބޫލު ކުރާ ޖޭއެސްސީއަށް ބޮޑެތި ބާރުތަކެއް ދިނުން ހިމެނެއެވެ. އަދި އިންސާފުވެރި ފަނޑިޔާރު ގެއެއް ގާއިމްކުރުމަށްޓަކާ، ފަނޑިޔާރުންނާއި ގުޅޭގޮތުން ކުރެވޭ ތުހުމަތުތަކަށް، ނުވަތަ ފެންމަތިވާ ސުލޫކީ މައްސަލަތަށް ބަލާ ފިޔަވަޅު އެޅުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: