ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެސީއެއްގައި ސަލާމަތީ ޚިދުމަތްތަކުގެ ދައުރު

ހަތެއް ފެބްރުއަރީ ދެހާސް ބާރަވަނަ ދުވަހު، ޖުމްހޫރީ މައިދާނުގައި، ސިފައިންނާއި ފުލުހުންނާއި ދެމެދު ހިނގި ކުރިމަތިލުން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަލާމަތީ ޚިދުމަތްތައް އުފެދުނުކަމަށް ބެލެވެންފެށީ 21 އޭޕްރީލް، 1892 ގައެވެ. ނަމަވެސް އޭގެ އެތަކެއް ޤަރުނު ކުރީންސުރެވެސް، ދިވެހި ސަލާމަތީ ޚިދުމަތްތައް ވަނީ އުފެދިފައެވެ. ތާރީޚުން އެނގޭ ގޮތުގައި ސަލާމަތީ ޚިދުމަތްތަކުން ދިވެހިރާއްޖޭގެ މިނިވަންކަން ދިފާޢުކޮށް އެތަކެއް ހަނގުރާމަތަކެއް ކޮށް ނަޞްރު ހޯދާފައިވާކަން އެނގެން އެބަ އޮތެވެ. 1932 ގައި ޤާނޫނު އަސާސީ އުފެދިގެން އައިއިރު ސަލާމަތީ ޚިދުމަތްތަކުގެ (ފުލުހުންނާއި ސިފައިން) ދައުރު ވަރަށް ރަގަޅަށް ބަޔާންވެފައި އެބައޮތެވެ. ނަމަވެސް ދެބައި އެއްވެ ހިނގި ދުވަސްވަރެއް ދިޔަކަންވެސް އެނގެން އެބައޮތެވެ.

ދެހާސް ތިންވަނަ އަހަރު ސެޕްޓެމްބަރ 19 އަދި 20 ގައި ކ. މާފުށީ ޖަލުގައި ދިމާވި އިންސާނީ ކަރާމާތާއި ޙައްގުތައް ޙިމާޔަތް ކޮށްނުދެވުނު ޙާދިސާއާއި ގުޅިގެން، އެކަން ދިމާވީ އެދެ މުވައްސަސާ ވަކިން ނޯންނާތީ ކަމަށް ދައްކާ ފުލުހުންނާއި ސިފައިން ދެބައި ވަކިކޮށްލުމަށް ނިންމާ 2004 ވަނައަހަރު ސެޕްޓެމްބަރ 24 ގައި ދެބައިވަކިކޮށް ދެ މުވައްސަސާ އަކަށް އެ ދެތަން ބަދަލުކޮށް ހިންގާން ފެށިއެވެ. އަދި މިކަމުން ދިވެހި ފުލުހުންނަށް އިހުނަށް ވުރެބޮޑަށް މިޞްރާބަށް ފުލުހުންގެ މަސައްކަތް އަނބުރާލުމަށް ރަނުގެ ފުރުޞަތު ލިބުނެވެ.

ހިތާމަޔަކީ ސަލާމަތީ ޚިދުމަތްތަކަކީ ހަމަހަމަ ބައެއްގެ ގޮތުގައި މިނާ ގޮތަށް އޭރުގެ ސިޔާސީ ފަރާތްތަކުން ހަމަޖެއްސުމެވެ. އިނާޔާތްތަކާއި އެހެނިހެން ވަޞީލަތްތައް ހޯދައިދިނުމުގައި ދުނިޔެވީ އެހެން ޤައުމުތަކުގެ ތަޖްރިބާއަށް ނުބަލާ ޤައުމަށް ބޭނުންވެފައިވާ ގޮތަށް ވުރެން ސިޔާސީ ފިކުރަކަށް ބިނާ ކުރަން ޖެހުމުން ކުރަން ޖެހިފައިވާ ހިތާމަ މިއަދު ކުޑަ އެއްނޫނެވެ. ޤާނޫނުގައި ވަކިގޮތަކަށް ލިޔެވިފައި އޮތަސް ދެބައި މީހުންނަކީ އެއް ދުރުމި އަކުން ބަލަންޖެހޭ ބައެއް ކަމަށް ދެކެވެން ފެށުމެވެ. މިހެން މިކަން ދިމާވުމުން މިއަދު ޑިމޮކްރެސީއަށް އަހުލުވެރިވުމުގައި އަދި ކަންކަން ދިމާވުމުގައި ހުރި މައްސަލަތައް ކުޑައެއްނޫނެވެ.

ނަވާރަ ސަތޭކަ ފަސްދޮޅަސް އަށަކުން ފެށިގެން ދިވެހިރާއްޖެ ޖުމްޙޫރިއްޔަތަކަށް ބަދަލުވިޔަސް ރާއްޖެ ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރެސީ އަކަށް ބަދަލުވުމުގެ މަލަމަތި ފެންނާން ފެށީ 2004، 2005 ހިސާބުގަ އެވެ. ޑިމޮކްރަސީ ތަޢާރަފުވެ އެކަމުގެ ތެރެއަށް ވަދެވި، ފަރިތަ ކުރެވެމުން ދާ ދުވަސްވަރެއްގައި، ސަލާމަތީ ޚިދުމަތްތަކުގެ ދައުރަކީ ކޮބާކަން ވަރަށް ރަނގަޅަށް ސާފުވެ އެނގެން އެބަޖެހެއެވެ. މި ގޮތުން ކޮންމެ ޤައުމެއްގައި ވެސް މުހިންމީ މިފަދަ އިންޤިލާބީ ދުވަސްވަރެއްގައި ޑިމޮކްރަސީއެއް އައުމުގެ ކުރީން އެބަދަލަކަށް ތައްޔާރުވުމެވެ. ތަންފީޒީ އިދާރާތަކުގެ ބޭނުމަކީ ބޭރުގެ އެންމެހާ ނުފޫޒުތަކާއި، ތުރާތަކާއި އަދި އެންމެހާ ކުށްތަކުން ދިވެހި ރައްޔިތުން ސަލާމަތްތެރިކޮށް ދިނުމާއި ބޭރުގެ އެންމެހާ ނުރައްކާތައް ހުއްޓުވުމެވެ. އެތެރޭގެ ހަމަނުޖެހުންތައް މައިތިރި ކުރުމެވެ. ސުލްޙާ މަސަލަސްކަން ޤާއިމް ކުރުމެވެ. ކުރިމަގަށް ތައްޔާރުވެތިބުމެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ވޯޓްލުމުގެ ޙައްޤު ސަލާމަތީ ޚިދުމަތްތަކަށް ލިބުމަކީ ހެދުނު ވަރަށް ބޮޑު ގޯހެކެވެ. ނަމަވެސް ސަލާމަތީ ޚިދުމަތްތަކަށް އަދި ތަންފީޒީ ބާރުތަކަށް ވޯޓްލާން ފުރުޞަތު ދިނުމަކީ ދުނިޔޭގައި އަލަށް ތަޖްރިބާ ކުރިކަމެއް ނޫނެވެ. ރާއްޖެ ނޫނަސް ކިތަންމެ ޤައުމެއްގައި ސަލާމަތީ ޚިދުމަތްތަކުން މިކަންވަނީ ކޮށްފައެވެ. ޒަމާންތަކަކަށް ވޯޓްލާފައެވެ. މައްސަލަތަކެއް ދިމާވެގެން އުޅޭ ވާހަކައެއް ނީވެއެވެ. އެބައި މީހުންނަކީ ހުރިހާ ކަމެއްވެސް ވަކި އަޚްލާގެއްގެ ތެރޭން ކުރާބަޔަކެވެ. ނަމަވެސް ތިމާގެ އަޚްލާގާއި އެތިކްސް އާއި ސުވާލު އުފެއްދުމެއްނެތި ވޯޓުލުން ނުބައިވާނެގޮތެއް އެއީ ކޮންގޮތެއްތޯއެވެ؟

ޤާނޫނުއަސާސީއަށް، ޤާނޫނަށް ތަބާވާ އަދި ތަބާވާނެ ދަރީންތަކެއް މިފަދަ މުވައްސަސާތަކުގައި އިޚްލާޞްތެރި ކަންމަތީ ތިބެގެންނޫނީ، އެއްވެސް ހެޔޮ ބަދަލެއް އެއްވެސް ޤައުމަކަށް ގެނެވިފައެއް ނެތެވެ. ކޮންމެ ޑިމޮކްރެސީއެއް ހަރުވެ ފައްކާވެގެން ދާންދެން ޤައުމުގެ ސަލާމަތާއި، ރައްކާތެރިކަން އަދި މަސްލަޙަތު ދެމެހެއްޓުމަށް ސަލާމަތީ ޚިދުމަތްތަކުން ސަމާލުކަންދީގެން ނޫނީ މިފަދަ ބޮޑުބަދަލެއް ގެނައުމަކީ ފަސޭހަކަމެއް ނޫނެވެ. މިއަދު އެޒިންމާ ނެގޭނެ ބަޔަކަށް ތިބީ ތަންފީޒީ ބާރުތައް ކަމަށް ވީހިނދު، ދާޚިލީ ފިތުނަގަނޑަކަށް ނުދާނެހެން، މިފަދަ ވެއްޓެއް ޤާއިމުކުރުމަށް އެންމެ ހަރުދަނާކޮށް ތިބެންވީބަޔަކީ، އަސްކަރިއްޔާ އާއި ފުލުހުންނޫނީ ނުވާނެއެވެ. އަދި މިކަން ކޮށްދޭން ވާނީ ޤައުމު ބޮޑު އަނދަވަޅަކަށް ނުފައިބާނެ ހެންނެވެ. ސިޔާސީ ގޮތުން ބަދަލަކަށް ދާ މިފަދަ ދުވަސްވަރެއްގައި، މިކަންކޮށް ދެވޭނީ ހަރުދަނާކަންމަތީ ދާނެގޮތަށް ވިސްނުމާއި ފިކުރުދިމާކޮށް ތިބެވިގެންނެވެ.

ރައްޔިތުންގެ ބާރު ހިފަހައްޓާ ދިނުމަށްޓަކާ ތަންފީޒީ އިދާރާތަކުން ދެ ކަމަކަށް ބަލަންޖެހޭ ނެއެވެ. ފުރަތަމަ ކަމަކީ އަސްކަރިއްޔާގެ ތެރެ އަދި ތަންފީޒީ އިދާރާތަކުން ސިޔާސި ފިކުރު ފޮހެލުމެވެ. ހަމަ އެހެންމެ ފުލުހުންނަކީވެސް މިފަދައިން ސިޔާސީ ފިކުރުން އެއްކިބާވެ ތިބެން ޖެހޭނޭ ބައެއްކަމުގައި ވާންޖެހުމެވެ. ނަމަވެސް މިއަދު މިފެންނަނީ އެ މުވައްސަސާތަކުގެ މަސައްކަތުގެ ހަރުދަނާކަން ގެންނަންވީ ގޮތަށް ނުގެނެވުނުތަނެވެ.

ޑިމޮކްރެސީ ގެނައުމަށް ވޭތުވެދިޔަ އަހަރުތަކުގައި ކުރެވުނު މަސައްކަތުގައި ވެސް އަސްކަރީން ސިޔާސީވުން ރަނގަޅު ނުވާކަމުގެ ހެއްކަކީ މޭޖަރ ޖެނެރަލް ރިޓަޔާރޑް މޫސާ ޢަލީ ޖަލީލްގެ ޑިފެންސް މިނިސްޓަރުކަމުގައި 02 ފެބްރުއަރީ 2015، ގައި ވިދާޅުވެފައިވާ ބަސްފުޅެކެވެ. ”ސިފައިން ތިބެންޖެހޭނީ ސިޔާސީ ކަންކަމުން ދުރުވެ“ ކަމުގައެވެ. އަދި 18 ނޮވެމްބަރ 2015 ގައި އޭރުގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ސިފައިންނާއި ބައްދަލުކުރެއްވި ފުރަތަމަ ފަހަރު ވިދާޅުވި ވާހަކަފުޅަށް ނަޒަރު ހިންގާލާނަމެވެ. އާދަމް ޝަރީފް ވެސް ވިދާޅުވީ ”ސިޔާސީ ކަންކަމުން ސިފައިން ދުރުވެ ތިބުމަށް، އަދި އެއްވެސް ލަޝްކަރެއްގައި އެލަޝްކަރުގެ އޮފިސަރުން ސިޔާސީ ނުވާހާ ހިނދަކު ދަށުފަންތި އަކަށް ސިޔާސީ ވެގެނެއް ނޫޅެވޭނެ“ މި ދެ މިނިސްޓަރުންގެ ވާހަކަފުޅަށް ވިސްނާލިޔަސް ކޮންމެވެސް ގޯހެއް އުޅޭކަން ސާފެވެ. ހަމަ އެގޮތަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވި ވާހަކަފުޅަށްވެސް ޖެހިލާނަމެވެ. އެކަމަނާ ވިދާޅުވީ ”ސިފައިން، ސިޔާސީ ނުފޫޒުން އެއްކިބާކޮށް އަސްކަރީ ރޫހާ އެއްގޮތަށް ބައްޓަން ކުރަން ސިފައިންގޭގެ އިސްވެރިން ބުރަކޮށް މަސައްކަތް ކުރޭ: ކަމަށެވެ. ދެން ވިދާޅުވީ ”އެކަމަނާގެ ވާޖިބަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ސިފައިން ބޯލަނބާތޯ ބެލުން“ކަމަށެވެ. ތިން ވަޒީރުންގެވެސް ވާހަކައިން ފުންމާނައެއް ނެނގެއެވެ.

ދެން އޮތީ ފުލުހުންގެ ވާހަކައެވެ. ފުލުހުންގެ ތެރޭގައި ސިޔާސީ ކުލަވަރު ޖެހިފައިވާ މިންވަރާއި ކޮރަޕްޝަން އޮތް މިންވަރު ހާމަކޮށްދެއްވީ އޭރުގެ ގައުމުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނެވެ. ޚާއްސަކޮށް މަތީ ފަޑީގައި ތިއްބެވި ވެރިން ކޮރަޕްޝަނުގައި ޖެހިފައިވާ މިންވަރު އެމަނިކުފާނު ހާމަކޮށްދެއްވިއެވެ. އެއަށްފަހު މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު 09 ޖޫން 2020 ގައި ދެއްކެވި ވާހަކައަށް ނަޒަރު ހިންގާލާނަމެވެ. އެމަނިކުފާނު ވިދާޅުވީ ”މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ ބައިވެރިން ކަމަށް ތުހުމަތު ކުރެވޭ ފުލުހުންތަކެއް މަގާމުތަކުގައި އެބަ ތިބި، އެ މައްސަލަ ރަނގަޅަށް ތަހުގީގު ކުރެވޭނީ އެ ފުލުހުން ސަސްޕެންޑް ކޮށްގެން“ ކަމަށެވެ. ދެ ރައީސެއްގެ ފަރާތުންވެސް އިވިފައި މިވަނީ އާދައިގެ ވާހަކަތަކެއް ނޫނެވެ. ޤައުމަށް ދިމާވެދާނެ އެންމެހާ މުޞީބާތް ތަކަށް ދުރާލާ ތައްޔާރުވެ ތިބުމާއި، ބޮޑެތި ކާރިސާތައް އާންމު ޙާލަތަށް ގެނައުމަށް ފަސޭހަކަމާއެކު އަދި ހުޝިޔާރު ކަމާއިއެކު ތައްޔާރުވެ ތިބުމަކީ ސަލާމަތީ ޚިދުމަތްތަކުގެ ދައުރެވެ. އެތެރެ އާއި ބޭރުން އައިސްފާނެ ކޮންމެ ބައިބައި ވުމެއް އަދި ބައިބައި ކުރުމެއް ހަމައަކަށް އަޅުވާލުމަށް އެކުވެރިކަމުގެ ސިޔާސަތެއްގެ ދަށުން ދިފާޢީ އޮނިގަނޑެއް ރޭވުމަކީ މުހިންމު ކަމެއްކަމުގައި ދެކިގެންނެވެ. މިކަން ކުރުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢު ދެކެމުން އަންނަ ގޮތްތަކަށް ވެސް ބެލިގެންނެވެ. މިފަދަ ޙާލަތެއްގައި އެ ބޭނުންވާ ފުރިހަމަ ބަދަލު އަތުޖެހެންދެން ކެތްތެރިކަމާއިއެކު ދެމިތިބުމާއި އަދި އެންމެހައި ރައްޔިތުންގެ އިތުބާރާއި އެއްބާރުލުން މިކަމުގައިވެސް ހޯދައި ލިބިގެން އަދި ރަނގަޅު ތަޞައްވަރެއް ބިނާ ކުރެވިގެން ނޫނީ މިފަދަ ކަންކަމަކީ ފުރިހަމަކުރެވޭނެ ކަމެއް ކަމުގައި ނުދެކެމެވެ.

ދިވެހިން މިއަދު ދެކެން ބޭނުންވަނީ ކޮންކަހަލަ ތަޞްވީރެއްތޯ އާއި އަދި އެ ތަޞްވީރުގެ އަޞްލު ނުގެއްލޭނީ ކޮން ކަހަލަ ޚާއްޞަ ސިފަތަކެއް ހުރެގެންކަން އެބަ ދެނެގަންނަން ޖެހެއެވެ. ރައްޔިތުންގެ އެދުމާއި އެއްގޮތް ކަމެއް ނުވަތަ ކަންތައްތަކެއް ފަރުމާ ކުރެވި ތަރައްޤީ ކުރެވެން ޖެހެއެވެ. މިއަދު ދިވެހީން އެންމެ ބޭނުންވެފައި ވަނީ ކޮންފަދަ ހައްގުތަކަކާއި ރައްކާތެރިކަމެއްކަން ދެނެގަނެ އެކަންވެސް ޔަޤީންކޮށް ކަށަވަރު ކޮށްދޭންވެސް އެބަޖެހެއެވެ. މިކަން ކުރުމަށް ހީލަތާއި މަކަރުން ދުރުވެތިބެ ދެފުށް ފެންނާނެހެން އެންމެހާ މުޙިންމު ކަންކަން ރާވާ ހިންގަދީގެން މެނުވީ މިހާރު ރައްޔިތުން ސަލާމަތީ ޚިދުމަތްތަކުގެ މަސައްކަތް ބަލައެއް ނުގަންނާނެއެވެ.

ޑިމޮކްރެސީ އެއްގައި އެންމެ މުޙިންމު ކަމެއްދެނީ އިންސާނީ ޙައްގުތައް ހޯދައި ދިނުމަށެވެ. ރައްޔިތަކަށް ލިބޭ ހައްގުތަކުގެ ބޭރުން އަސްކަރިއްޔާގެ މީހަކަށް ނުވަތަ ފުލުހަކަށް ވީތީ އެބައިމީހުންގެ މަސައްކަތާއި ގުޅިގެން ލިބިދޭ ހައްގުތައް އިތުރަށް ފުޅާވެގެންދެއެވެ. މީގެއިތުރުން އެމީހުންގެ މަސައްކަތުގައި ލިބިދޭ ރައްކާތެރިކަން ކަށަވަރުވެ ލިބިދެއެވެ. ހުދުމުޚްތާރު ވެރިކަމެއްގައި ނުލިބޭނޭ ކިތަންމެ ޙައްގުތަކެއް ލިބިދޭނެ ފުރުޞަތު އިތުރުވެގެންދެއެވެ. އަދި ހުދުމުޚްތާރު ވެރިކަމެއްގައި ފެންނަ، ޤާނޫނަކަށް ބެލުމެއްނެތި، އިންޞާފެއްނެތި، ނިންމާ ނިންމުންތަކާއި ޚިލާފަށް، ޑިމޮކްރެސީއެއްގައި ޙައްޤުތައް ލިޔެވި ބަޔާންވެ ސާފުވާގޮތަށް އޮތުމާއި، އިންސާފުގެ ތިލަފަތް ހަމަވާގޮތަށް ލިބިދޭފުރުޞަތު އޮތްކަން ކަށަވަރު ވެއެވެ. އެއީ މަގާމުގެ ކުރިއެރުންކަމުގައި ވިޔަސް އަދި ހޯދައިދޭ ތަމްރީނުކަމުގައި ވިޔަސް ތަފާތު ކުޑާވާނެހެންނެވެ. ނަމަވެސް ހިތާމަޔަކީ މިފަދަ ޤަވާއިދުތައް ހުރެ އެއިން އެއްވެސް ކަމަކަށް ޙުރުމަތްތެރިކޮށް ނުހިތާ ހިނގަން އުޅޭތަން ހުދުމުޚްތާރު ވެރިކަމުގައި ފެންނަހެން ފެނުމެވެ. މީގެ ބޭރުން ބަލާލާއިރު ޤާނޫނު ތަންފީޒުކުރުމުގައި ރައްޔިތުންގެ ޙައްގުތައް ގެއްލިގެން ނުދާނޭހެން މަސައްކަތް ކޮށްދިނުމަކީ ވަރަށްވެސް މުޙިންމު ކަމެކެވެ. އެފަދަ ޙައްޤުތައް ގެއްލޭނެހާ އެންމެހާކަންތައްތަކުގައި ޖަވާބުދާރީވުމެއް އޮންނަން ޖެހޭކަން ދެކިގެންނެވެ. އަދި މިއަދުގެ ދުނިޔޭގެ މިފަދަ މުވައްސަސާތަކުގެ ފުރިހަމަ ބޭނުންހިފަން ފުރުޞަތު ހުޅުވިގެން ދާއިރު މިއަދު މިރާއްޖޭން މިފެންނަނީ އެކަން ގެއްލިފައިވާ މަންޒަރެވެ.

ޑިމޮކްރެސީއެއްގައި އަސްކަރިއްޔާ އަދި ފުލުހުން ޒިންމާކުރެވޭނެ ފުރުޞަތު ބޮޑުވެގެން ދެއެވެ. އަދި މިކަމުގެ ސަބަބުން ކުރިޔާއި ޚިލާފަށް އެ ތަންފީޒީ އިދާރާތައް ކުރިޔަށް ހިނގާދިޔުމަށް ފަސޭހަވެގެން ދެއެވެ. އެހެނިހެން ވުޒާރާތައްވެސް ޒިންމާ ކުރުވިފައިވާ ފަދައިން ދިފާއީ ވުޒާރާ ޒިންމާ ކުރުވުމުގައި ހަރުދަނާ މިންގަޑުތަކެއް ގެންގުޅެން ޖެހެއެވެ. ރައްޔިތުންގެ ބައިވެރިކުރުން މަތިކުރުމުން އަސްކަރިއްޔާގެ ދައުރު ނުރަނގަޅު ހާލަތުން އާންމު ހާލަތަކަށް އަވަހަށް ބަދަލު ކުރުމަށް، ހުރިހާގޮތަކުންވެސް އަވަސް ވެގެން ދެއެވެ. ސިޔާސަތުތައް ކަނޑައެޅުމާއި، ޒިންމާދާރުކުރުވުމުގައި ރައްޔިތުންނަށް ދައުރެއް ޑިމޮކްރެސީގައި އޮންނަންވާނެއެވެ. ނަމަވެސް މިކަންކަން ރަނގަޅަށް އޮޅުން ނުފިލާ އޮވެ، ފެންނަނީ ސަލާމަތީ ޚިދުމަތްތަކަށް މައިކްރޯ މެނޭޖްމަންޓް އަކީވެސް ސިޔާސީ މީޙުންގެ ދައުރެއް އެކުލެވޭތަނެއް ކަމުގައި ވާތަނެވެ. ވުމާއިއެކު، ހިނގާ ކަމަކުން ބައިބައިވުމެއް އައިސްދާނެ ކަމަށް ބެލިގެން ޒިންމާދާރު ކުރުމުގައި ވަކި މިންގަޑު ތަކަކަށް ބަލައިގެންދާން ޖެހޭކަން ނުވިސްނާ ހެދޭ ޤާނޫނުތަކުގެ ސަބަބުން އެތަކެއް ހުރަސްތަކަކާ ކުރިމަތިލާން ޖެހިދެއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ބޮޑެތި ކުށްތަކުން އެގައުމުތަކުން ރައްޔިތުން ސަލާމަތް ކުރުމަށް ޚާއްޞާ ޤާނޫނުތައް ހަދާ ތަންފީޒީ ބާރުތަކުން އެކަންކަމާއި ރައްޔިތުން ދުރުކުރަމުންދާ އިރު މިއަދު ރާއްޖޭގައި މިފެންނަނީ ވަކި ބަޔަކަށް އަނިޔާވެރި ވުމަށް ޤާނޫނުތައް ހަދައި ތަންފީޒުކުރާ ތަނެވެ. މިފަދަ ޤާނޫނަކަށް އިޞްލާޙް ހުށަހެޅިނަމަވެސް އެއީ ބަލަންނުޖެހޭ މައްސަލައެއްގެ ގޮތުގައި ތަޅުމުން ބޭރުކޮށްލާ ތަނެވެ. ނުވިތާގައި ފުލުހުންގެ އިދާރާއިންވެސް ވަކި ބައެއްގެ މަސްލަޙަތު ޙިމާޔަތްކޮށްދިނުމާއި އެކު ޝަރުޢީ ކޯޓުތަކުންވެސް އެއްވެސް ބެލުމެއްނެތި އަވަސް އަރުވާލާ ރޭހެއްގައި ބައިވެރިވެގެން އުޅޭ ފަދައިން، މިފަދަ ކުށްކުރާ ފަރާތްތަކަށް ހިތްވަރު ލިބޭނޭހެން، މައްސަލަތައް އެމީހުންނަށް ފަހިވާނޭހެން އިޚްލާޞްތެރިކަމެއްނެތި ނިންމާލާތަން ފެނިގެންދަނީ މަދެއް ކޮށެއް ނޫނެވެ.

މިއަދު ސަލާމަތީ ޚިދުމަތްތަކުގެ ދާއިރާގެ އިޞްލާހުތައް ގެންދަންވާނީ އެފަރާތްތަކުގެ ކުރިއެރުމަށް ބޭނުންވާ އިޞްލާޙްތައް ފާސްކޮށްދިނުމުގައި ފަހިވާނެހެން އެބައިމީހުންނަށް އެމީހުންގެ މަސައްކަތްތައް އެންމެ ފުރިހަމަކޮށް ގެންދިޔުމަށް ބޭނުންވާ އެންމެހާ ބިލްތައް ފާސްކޮށްދީގެންނެވެ. އެކަށީގެންވާ ބަޖެޓެއްގެ އެންމެހާ ކަންތައްތަކާއި ޤާނޫނުތައް ހަދާދިނުމާއި އަދި ސަލާމަތީ ޚިދުމަތްތަކުގެ ޖަވާބުދާރީވުމެއް މިފަދަ ކަންކަން ހުއްޓުވުމުގައި އޮންނަން ޖެހޭނެކަމާއިމެދު ޤަބޫލުކުރެވިގެންނެވެ.

ހުދުމުޚްތާރު ވެރިކަމުގެ ކަސްތޮޅުން ނުކުތުމަށް ލިބުނު ފުރުޞަތުގައި ހައްގުތައް ރައްކާތެރިކޮށް ނުދެވި މިއަދު މިދަނީ އޭގެ މަގުން ކައްސާލަމުންނެވެ. މިފަދަ މުވައްސަސާތަކުގައިވެސް ފެންނަނީ އިންޞާފު ފަސްއަޅާފައި މަގޭ ގޮތް ކުރިޔަށް ނެރި ކުރިޔަށްދާތަނެވެ. ދެފުށްފެންނަ ގޮތަށް އޮންނަ ކަމަށް ކީނަމަވެސް ދެފުށުންކުރެ ފުށެއް ނުފެންނަތަން މިހާރު މިއަންނަނީ ފެންނަމުންނެވެ. ހުރިހާ ކަމެއްވެސް ފޮރުވައިގެން އޮޅުވާލައިގެން ގެންދަން ނިންމައިގެންނެވެ. ޑިމޮކްރެސީ ގެ އަޞްލުތަކާއި ޚިލާފަށެވެ. ޑިމޮކްރެސީއެއްގައި ކުރިޔަށް ދާންވާނީ މީޑިޔާތަކުގެ ބޭނުންވެސް ފުރިހަމައަށް ހިފައިގެންނެވެ.

ކަންމިހެންއޮތްއިރުވެސް ފެންނަނީ ދެފުށްފެންނަ ސިޔާސަތުތަކަށް ތަރްޙީބު ދޭންޖެހޭ ވަގުތެއްގައި މީޑިޔާތަކަށް ބިރުދެއްކުމުގައި އަރުވާޖަހައިގެން ތިބޭ ތަނެވެ. އަބަދުވެސް ފިޔަވަޅު އަޅާނެ ވާހަކަ ގޮވަނީއެވެ. ނަމަވެސް ޒިންމާދާރުކަމާއެކު އެއްކަމެއްވެސް ބަލާނެ ވާހަކައެއް ނުގޮވެއެވެ. އަދި ނުގޮވާތާ ކަހާތަން ހިރުވާލަން ނުކެރި ފަސްޖެހިގެން ތިބޭތަން ފެންނަލެއް މަދެއް ނޫނެވެ. ރައްޔިތުންނަށް މީޑިޔާ މެދުވެރިކޮށް ދެ ދުވަހު އެކައްޗެއް ނުކިޔޭ ޙާލުގައި ތިބެގެންނެވެ. ރައްޔިތުން އެނގެން ބޭނުންވާ އެންމެހާ ކަންކަން ބަޔާން ނުކޮށްދީ ތިބޭތަން ވަނީ މިއަދު އައިސްފައެވެ. ކޮންމެއަކަށް މިއަދު މިއަންނަނީ ހުރިހާ ކަމެއްވެސް ފަތިފުށުން ޖެހިފަތިންދަމުންނެވެ. ޑިމޮކްރެސީ ދަނީ އެއް ދުވަހުން އަނެއްދުވަހަށް ވަޅުޖެހި ފަސް އެޅެމުންނެވެ. ހެދޭ ނެހެދޭއެއްވެސް ނޭގިތިބެގެންނެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: