ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޮނިޓަރިންގ އަމުރެއް ނުނެރި، ރައީސް ޔާމީންގެ އެކައުންޓު ފްރީޒް ނުކުރެވޭނެ: ވަކީލު

ހައިކޯޓުގެ އަޑުއެހުމަށް ރައީސް ޔާމީން ހާޒިރު ކުރި ދުވަހު/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

މޮނިޓަރިންގ އަމުރެއް ނުނެރި އެކައުންޓު ފްރީޒް ނުކުރެވޭނެކަމަށާއި، އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ވެސް ހިލާފުކަމެއް ކަމަށް މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވަކީލުން ވިދާޅުވެއްޖެއެވެ.

ގިނަ އަދަދެއްގެ ފައިސާ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މައްސަލައިގައި ރައީސް ޔާމީނާއި ސުވާލު ކުރުމަށް އެކި ފަހަރުމަތީން ފުލުސް އޮފީހަށް ވެސް ހާޒިރު ކުރިއެވެ. ”ކެމްޕޭނަށް“ ހޯއްދެވި ފައިސާއާއި ގުޅޭ ތަފްސީލު ހޯދުމަށް ފުލުސް އޮފީހަށް ހާޒިރު ކުރުމަށްފަހު ފުލުހުން އެންމެފަހުން ރައީސް ޔަމީންގެ ނަމުގައި ހުރި އެކައުންޓުތައް ފްރީޒް ވެސް ކުރިއެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް މިދިޔަ އަހަރުގެ މާޗް މަހު ހައި ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށް، އެކައުންޓްތައް ދޫކޮށްލައިފަ އެވެ. އަދި އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އެ ކޯޓުގެ އޭރުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުން މައްސަލައިގެ އަޑުއެހުންތައް ބޭއްވިއެވެ. އަދި ބެންޗު ބަދަލުވުމުގެ ކުރިން އޮތީ މައްސަލައިގެ ހުކުމަކާއި ހިސާބަށް ވެސް އާދެވިފައެވެ.

މިހާރު މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒް ވިދާޅުވީ ވާހަކަ ދައްކަން ޖެހިފައި ވަނީ ނުލިބޭ ޑޮކިއުމަންޓުތަކެއްގެ މައްޗަށް ކަމަށެވެ. އެގޮތުން ދައުލަތުން ކޯޓު އަމުރަށް އެދި ހުށަހެޅި އެއްވެސް ލިޔެކިއުމެއް ލިބިފައި ނުވާކަމަށް ޝިޔާޒްގެ ވާހަކަ ފައްޓަވަމުން ފާހަގަ ކުރެއްވިއެވެ.

ޝަރުއީ މަރުހަލާގެ ތެރެއަށް ވަންނަ ކޮންމެ ލިޔެކިއުމެއް ވެސް ތުހުމަތު ކުރެވޭ މީހާއަށް ލިބެން ޖެހޭއިރު، މި މައްސަލައިން ދިފާއުވުމަށް ވާހަކަ ދައްކަންޖެހިފައި ވަނީ ވަކި، ވަކި ނުކުތާތަކެއް އޭގައި ހުންނާނެކަމަށް ދެކިގެން ކަމަށް ޝިޔާޒް ވިދާޅުވިއެވެ. ޝިޔާޒް ވިދާޅުވި ގޮތުން މައްސަލައިގައި ހުށަހެޅި ބޭންކް ސްޓޭޓްމެންޓަކީ ކޮބައިކަމާއި، އަދި އެސްޓީއާރު އަކީ ކޮބައިކަން ވެސް އެނގޭނެ ގޮތެއް ނެތެވެ.

ޝިޔާޒް މިހެން ވިދާޅުވުމާއި އެކު، ދައުލަތުން އޭނާއަށް ރައްދު ދީ ބުނެފައިވަނީ ދަށު ކޯޓަށް އެސްޓީއާރް ހުށަހަޅާފައި ނުވާނެ ކަމަށެވެ. އަދި ދައުލަތުން ދަށު ކޯޓަށް ހުށަހަޅާފައި ވާނީ، ބޭންކް ސްޓޭޓްމެންޓަކާއި، މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ސިޓީއެއްކަމަށެވެ. އަދި ރައީސް ޔާމީންއަށް ލިޔެކިއުންތައް ލިބިފައި ނުވާތީ، ވަކީލުން އެކަން ފާހަގަކުރުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ މިއަދު އެ ހުރިހާ ލިޔެކިއުމެއް ހަވާލުކުރުމަށް ވިދާޅުވެވަފައެވެ.

ދައުލަތުން އެސްޓީއާރް އާއި ގުޅޭގޮތުން ދެއްކެވި ވާހަކައަށް ޝިޔާޒް ވިދާޅުވީ، ދައުލަތުން ހުށަހެޅީ އެސްޓީއާރަކާއި ގުޅޭ ސިޓީއެއްކަމަށް ބުނާއިރު އެއާއި އެކު އެސްޓީއާރު ވެސް އޮންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި އެއީ ދައުލަތުން ހުށަހަޅާފައިވާ ލިޔެކިއުންތަކާއި އެކު ބޭންކް އެކައުންޓުތަކުގެ ސްޓޭޓްމެންޓާއި، އެމްއެމްއޭގެ ސިޓީއެއްކަމަށް ބަޔާން ކުރާއިރު އެމްއެމްއޭގެ ސިޓީއާއި އެކު އެސްޓީއާރު ވެސް ފޮނުވިކަމަށް ޝިޔާޒް ވިދާޅުވިއެވެ.

ޝިޔާޒްގެ ވާހަކައަށް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވީ މަނީ ލޯންޑްރިން އެންޑް ޓެރަރިޒަމް ފައިނޭންސް އެކްޓްގެ ދަށުން އެސްޓީއާރްއަކީ ދޫކުރުން ހުއްދަ ކުރެވިފައިވާ ލިޔެކިއުމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެއާއި ބެހޭ ގޮތުން ފުލުސް އޮފީހުން ދޫކޮށްފައި އޮތް ސިޓީއެއް ނުވަތަ ދައުލަތުން ފާހަގަކުރާ ސިޓީއިން ފުދޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ރައްދުގައި ޝިޔާޒް ވިދާޅުވީ އެ ގާނޫނުގައި ބަޔާން ކުރާ ގޮތުން އެސްޓީއާރުގައި ބަޔާން ކުރާ ކަމެއް، މައްސަލައަކުން ދިފާއުވުމަށް އެނގެން ޖެހޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެއާއި އެކު ފަނޑިޔާރު ސުއޫދު ވަނީ، އެ ކޮންޓެންޓު ވަކީލުންނަށް ފޯރުކޮށް ދިނުމަށް ދައުލަތަށް އަންގާފައެވެ.

ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޝިޔާޒް އިތުރަށް ވިދާޅުވީ އެމްއެމްއޭގެ ސިޓީގައި ބަޔާންކޮށްފައި އޮތީ ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުތަކުގެ ތެރެއިން، އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާ ފައިސާއަކާއި ބެހޭ ގޮތުންނެއް ނޫން ކަމަށެވެ. އެގޮތުން އެސްޓީއާރު ނުވަތަ ސިޓީގައި ބަޔާންކޮށްފައި އޮތީ ރައީސް ޔާމީންގެ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓަކުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދެމެދު ހުޅުވާފައިވާ އެކައުންޓަށް ޖަމާކުރެވުނު އެއް މިލިއަން ޑޮލަރާއި މެދު ހުށަހަޅާފައިވާ ކަންތަކެއް ކަމަށެވެ.

”އެހެން ކަމުން މިކަންތައް ބެލުމަށްޓަކާ ފޮނުވާފައިވާ ލިޔެކިއުމަކަށް ބިނާކޮށް އިސްތިއުނާފު ރައްދުވާ ފަރާތުގެ، އެހެން ބޭންކް އެކައުންޓެއް… އެޔާއި ނުވެސް ގުޅޭ ބޭންކް އެކައުންޓުތަކެއް ފްރީޒް ކުރުމަށްޓަކާ އަމުރު ނެރުއްވާފައި އޮތް އޮތުން އެއީ އިސްލާމިކް ބޭންކުގައި ހުރި އެކައުންޓެއްގެ މުއާމަލާތު ކުރުން ހުއްޓުވުމަށްޓަކާ ހުށަހަޅާފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކާއި ބެހޭ ގޮތުން އެމްއެމްއޭއިން ހުށަހަޅާފައިވާ ލިޔުމެއް“ ޝިޔާޒް

މީގެ އިތުރުން ޝިޔާޒް ވިދާޅުވީ ދިވެހި ރާއްޖޭގެ ހައި ކޯޓުން ވެސް ނިންމާފައި އޮތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ ލިޔެކިއުންތަކަކީ އެއީ އެއްވެސް ހާލަތެއްގައި އިސްލާމިކް ބޭންކް އެކައުންޓާއި ގުޅުމެއް ހުރި ލިޔެކިއުންތަކެއްގެ ގޮތުގައި ނޫން ކަމަށެވެ. އަދި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓުގެ އާދަޔާ ހިލާފު އެއް މިލިއަން ޑޮލަރުގެ މުއާމަލާތް ހިންގުމުގެ ހައިސިއްޔަތާއި މެދު ސުވާލު އުފެދޭކަމަށް ބުނެފައިވާ ކަމަށެވެ. އަދި މިކަން ބަލަން ޖެހޭ ކަމަށް ބުނެފައިވާ ސިޓީ އާއި އެކު ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އަށް އެކައުންޓެއް ކަމަށް ޝިޔާޒް ފާހަގަކުރެއްވިއެވެ. އަދި އެ އަށް އެކައުންޓާއި ގުޅުވާލަނީ ކިހިނެއްކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ބުނެދެވިފައި ނުވާ ކަމަށް ޝިޔާޒް ވިދާޅުވިއެވެ.

ޝިޔާޒް ވިދާޅުވީ ކޯޓުތަކާއި ބެހޭ އެންމެ އަސާސް އެއް ކަމަކީ ކަމާއި ނުގުޅޭ، ލިޔެކިއުމެއް ހުށަހަޅައިގެން މީހެއްގެ މުއާމަލާތްތަކެއް ހުއްޓުވާލާފައި އޮތުން ކަމަށާއި، މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ވެސް ހުއްދަވެގެން ވާ ކަމެއް ނޫން ކަމަށް ރައީސް ޔާމީންގެ ވަކީލު ވިދާޅުވިއެވެ. ކޯޓު އަމުރުތައް ނެރުމުގައި ވެސް އަމަލު ކުރަން ޖެހޭނީ، ޖިނާއި އިޖުރާއަތުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތީން ކަމަށް އޭނާ ވިދާޅުވިއެވެ.

މޮރިޓަރިންގ އަމުރެއް ނުނެރި އެކައުންޓު ފްރީޒް ނުކުރެވޭނެ ކަމަށާއި، ހަމައެކަނި ދައުލަތަށް ލިބޭ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް މީހެއްގެ އެކައުންޓް ފްރީޒް ކުރާނަމަ އެކަން ކުރަން ޖެހޭނީ 72 ވަނަ މާއްދާގައި ބަޔާން ކުރާ އުސޫލުގެ ދަށުން ކަަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: