އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން މަނާކުރި ނަމަވެސް ރާއްޖެ އަށް އެކަމުގައި ދައްޗެއް ނާންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފިޔާ އެކްސްޕޯޓުކުރުން މަނާކުރިކަން އިންޑިއާ ސަރުކާރުން އިއްޔެ ހާމަކޮށްފައިވަނީ އެޤައުމުގައި އެންމެ ގިނައިން ފިޔާ ހައްދާ ދެކުނުގެ ސަރަހައްދުތަކަށް މީގެ މަހެއްހާ ދުވަސްކުރުން ކުރި ވިއްސާރައިގައި ފިޔަ ދަނޑުތައް ހަލާކުވުމުގެ ސަބަބުން ފިޔާގެ އަގު އުފުލިފައިވާތީއެވެ. މިއާއެކު ހުރިހާ ބާވަތެއްގެ ފިޔާ އެކްސްޕޯޓްކުރުން އިންޑިއާ ސަރުކާރުން ވަނީ މަނާކޮށްފައެވެ.
ފޮރިން މިނިސްޓްރީން ބުނީ އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރުން މަނާކުރި ނަމަވެސް ޚާއްސަ ހުއްދައެއްގެ ދަށުން، ނިމިދިޔަ މަހު އިންޑިއާއިން އައުކޮށްދީފައިވާ ކޯޓާއާއި އެއްގޮތަށް، މެދުނުކެނޑި އަދި ދަތިކަމެއް ނެތި ރާއްޖެއަށް ފިޔާ އެކްސްޕޯޓް ކުރެވޭނެ ކަމަށެވެ.
ރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ޒަރޫރީ ބާވަތްތައް އެތެރެކުރުމަށް އިންޑިއާ ސަރުކާރުން ދީފައިވާ ކޯޓާ އައުކުރިކަން އެޤައުމުން ހާމަކޮށްފައިވަނީ މީގެ މަހެއްހާ ދުވަސްކުރިން އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާ ދެބޭފުޅުން ބޭއްވި ޑިޖިޓަލް ވީޑިއޯ ކޮންފަރެންސެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.

