ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތިން ސްކޫލެއް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާންގައި ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕްލޭންއާއި އެއްގޮތައް ކޮންޓްރެކްޓަރ ފައިނޭންސްގެ ޑިޒައިން އެންޑް ބިލްޑް އުސޫލުން 3 ސްކޫލް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަމުންދާކަމަށެވެ. މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
އެގޮތުން އެ ތިން ޕްރޮޖެކްޓުގެ ތެރެއިން ކޮންމެ ޕްރޮޖެކްޓެއްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 850،000 ރުފިޔާ (ނުވަތަ އެއާ އެއްވަރުގެ އަދަދެއް އެމެރިކާ ޑޮލަރުން) ދައްކަން ޖެހެ އެވެ. އެ ފައިސާ ދައްކަން ޖެހޭނީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހުގެ ތެރޭގަ އެވެ.
ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް 1500 ރުފިޔާ ނުވަތަ 100 ޑޮލަރުގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. ފައިސާ ބަލައިގަންނާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މި މަސައްކަތުގެ ބީލަން ހުޅުވުން އޮންނާނީ 20 އޮކްޓޫބަރު 2020 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

