ގދ. ތިނަދޫ، ޒިޔާދާ ނައީމްގެ ރޭޕް ކުރި ކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ އިބްރާހިމް ޝާހްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން އާދިއްތަ އޮންނާނެއެވެ.
ޝާހުގެ މައްޗަށް ކުރި ދައުވާތަކުގެ މައްސަލަ ދައުލަތުން ހައިކޯޓަށް ހުށަހެޅީ ކުރިމިނަލް ކޯޓުން ހުށަހެޅި ދައުވާ ސާބިތު ނުވާ ކަމަށް ނިންމުންނެވެ.
މި މައްސަލަ ކުރިއަށް ދަނިކޮށް ޒިޔާދާވަނީ އޭނާއަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި އެޑްމިޓްކުރެވި، ފަރުވާދެމުންދަނިކޮށް ނިޔާވެފައެވެ.
ޒިޔާދާގެ މަރާ ގުޅިގެން ޝާހުގެ މައްޗަށް ހަތަރު ދައުވާއެއް އުފުލިއެވެ. އެގޮތުން ރޭޕްގެ ދައުވާގެ އިތުރުން އޮރިޔާންކާޑް ގެންގުޅުމުގެ ދައުވާ އާއި މީހަކު މަރުވެ ދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދައުވާ އަދި މީހަކު މަރުވެދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ ހިމެނެއެވެ. މީގެ ތެރެއިން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ނޫން އެހެން ދެން ހުރި ދައުވާތަކުގެ ޝަރީއަތް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.
ކްރިމިނަލް ކޯޓުން މައްސަލަ ނިންމި ގޮތާއި ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ގެ ފަރާތުން ބުނެފައިވަނީ ޝާހުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނިންމީ ހުށަހެޅި ހެކިތަކަށް ރިއާޔަތް ކުރުމެއް ނެތި ކަމަށެވެ.
ޕީޖީއިން ނެރުނު ބަޔާނެއްގައި އޭރު ބުނެފައިވަނީ ޒިޔާދާ ނައީމް އައިޖީއެމްއެޗްގައި އެޑްމިޓްކުރެވި، ފަރުވާދެމުންގޮސް ޒިޔާދު ނިޔާވުމާ ހަމައަށް ޒިޔާދާ އެވާހަކަތައް ކިޔައިދީފައިވާ އެކި ފަރާތްތަކާއި ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ފަރާތްތައް ޝަރީއަތަށް ހާޒިރުކޮށް ނެގުނު ހެކިބަހަށާއި މެޑިކަލް ލިޔުންތައް ކޯޓަށް ހުށަހެޅި ކަމަށެވެ.

