ވެރިކަމުގައި ހުންނަވައިގެން މަނީ ލޯންޑާރ ކުރެއްވިކަމުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފަސް އަހަރު ދުވަހަކަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ރައީސް ޔާމީނަށް އިއްވާފައިވާ ފަސް އަހަރުގެ ހުކުމް ހައިކޯޓަށް ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފުކޮށްފައިވާއިރު، ކަފާލާތުގެ ދަށުން މިނިވަން ކުރެވެން ނެތް ކަމާއި އަދި ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި މިހާރު މި މައްސަލައިގެ އަޑުއެހުންތައް ވެސް ނިމި، ހުކުމަކާއި ހިސާބަށް ވަނީ އާދެވިފައެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލުމުގެ ކުރިން، ފުލުހުން ވަނީ އެކި ފަހަރު މަތީން އެމަނިކުފާނުގެ އެކައުންޓަށް ބޮޑެތި އަދަދުތަކުން ފައިސާ ވަދެފައިވާކަމުގެ ތުހުމަތުކޮށްފައެވެ. އެގޮތުން ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި އަދަދުތަކުން އެކައުންޓަށް ފައިސާ ޖަމާކޮށް، އެ ފައިސާއިން މުއާމަލާތްކޮށްފައިވާކަމަށް ވެސް ރައީސް ޔާމީނަށް ވަނީ ތުހުމަތުކޮށްފައެވެ. މައްސަލަ ތަހުގީގު ކުރަން ފަށާ އޭރު މީޑީއާތަކަށް އާއްމު ކުރި ބަޔާނެއްގައި ބުނެފައިވަނީ އެއީ އެމެރިކާ ޑޮލަރާއި ދިވެހި ފައިސާ ހިމެނޭ ގޮތަށް، 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ އަދަދެއް ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ލިބުނު ފައިސާ އެމަނިކުފާނުގެ ނަމުގައި ހުރި އެކައުންޓަކަށް ޖަމާވެފައި ވާތީ، ދެ ޓްރާންސެކްޝަނަކާ ގުޅޭ ގޮތުން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުވެސް ކުރިއެވެ. އަދި ހަމަ އެ ދުވަހު ރައީސް ޔާމީންގެ އެކައުންޓް ފްރީޒްކޮށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކޮށްފައިވާ ކަމަށެވެ. އަދި އެކައުންޓުތައް ފްރީޒް ކުރީ ގަވާއިދާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގެވި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.
ފްރީޒުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރަކުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓެވެ. އަދި ”ގޮތް ނޭނގޭ“ ކަމަށް ބުނާ އެ ޓްރާންސެކްޝަންތަކުގެ މައްސަލައިގައި، ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ތުހުމަތުކޮށް ޝަރީއަތް ފެށިއެވެ.
ރައީސް ޔާމީންގެ ބޭންކް އެކައުންޓުތައް ފްރީޒް ކޮށްފައި ވަނިކޮށް ހައި ކޯޓުން މިދިޔަ އަހަރުގެ މާޗް މަހު ވަނީ އެ އަމުރު ބާތިލްކޮށް، އެކައުންޓްތައް ދޫކޮށްލިއެވެ. އަދި އެކައުންޓު ދޫކޮށް ކޯޓުން ބުނެފައިވަނީ އެއީ އެއީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބަޔާންކުރާ އިޖްރައާތު ފުރިހަމަ ނުކޮށް ނެރުނު އަމުރެއް ކަމަށެވެ. މި މައްސަލަ ހޫނެވެ، ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮޮށްފަ އެވެ.
މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އެ ކޯޓުގެ އޭރުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުން މައްސަލައިގެ އަޑުއެހުންތައް ބޭއްވިއެވެ. އަދި ބެންޗު ބަދަލުވުމުގެ ކުރިން އޮތީ މައްސަލައިގެ ހުކުމަކާއި ހިސާބަށް ވެސް އާދެވިފައެވެ. އެހެން ނަމަވެސް އޭގެ ފަހުން ސުޕްރީމް ކޯޓުގެ މުޅި ބެންޗު ބަދަލުވިއެވެ. އަދި މިހާރު މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއް ސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި ފައިސާ ލޯންޑަކުރި މައްސަލައިގަ އެވެ. އިސްލާމިކް ބޭންކްގައި ހުރި ޔާމީންގެ ޑޮލަރު އެކައުންޓަކަށް ދެ ޗެކަކުން އެސްއޯއެފުން ފައިސާ ޖަމާކުރީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާއަރާފައި ވަނިކޮށެވެ.
Sangu News | Your News. Zero lies straight to your eyes. ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ވެސް ވާހަކަ ދެކެވުނެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ ހިޔާނާތާއި ގުޅިގެން ލުތްފީގެ ބަޔާން ނަގާފައިވާނީ އެއްވެސް ނުފޫޒެއް ނެތި ކަމަށެވެ.
ލުތްފީ ފުލުހުންނަށް ދިން ބަޔާނާއި އޭގެ އޯޑިއޯ ރެކޯޑިންވެސް ފުލުހުންގެ އަތުގައި ރައްކާކުރެވިފައި ހުންނާނެކަން ރިޔާޒް ވަނީ ފާހަގަކުރައްވާފައެވެ. މައްސަލައިގައި ލުތްފީ އާއި ސުވާލު ކުރިއިރު، އެއް މިލިއަން ޑޮލަރުގެ މައްސަލައެއް ހިނގައިދިޔައިރު އެކައުންޓު ފްރީޒް ނުކުރީ ކީއްވެެގެންތޯ އަހާލުމުން އޭނާ ބުނެފައިވަނީ އޭރުން ގެއްލުމަކަށް ދާނެ ކަމަށް ބުނި ކަމަށެވެ. އަދި ”އޭރުން ފްރީޒް ވަނީ ތިމަންނާ“ ކަމަށް ލުތްފީ ބުނި ކަމަށެވެ. ރިޔާޒް ވިދާޅުވީ، ލުތްފީ އެ ޖަވާބު ދިންއިރު ތަހުގީގީ ޓީމްވެސް އެވަގުތު ހާޒިރުވެ ތިބި ކަމަށެވެ.
އެ މައްސަލާގައި ދެ ފަރާތުގެ ވާހަކަތަކަށް ފަހު ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ އަޑުއެހުންތައް އެއްކޮށް ނިމުނީ ކަމަށާއި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.
Sangu News | Your News. Zero lies straight to your eyes. އެކައުންޓުތައް ފްރީޒް ކުރި މައްސަލައިގައި ގާނޫނީ ބޮޑެތި ސުވާލުތަކެއް އުފައްދާއިރު، ފަނޑިޔާރުންގެ ބެންޗުން ވެސް ވަނީ ދައުއުލަތާއި އަދި ފުލުހުންނާއި ވެސް ސުވާލުތައް އަމާޒުކޮށްފައެވެ. މައްސަލައިގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލާފައެވެ. ދެން އޮންނާނީ ހުކުމް ކުރުމެވެ.
މައްސަލައިގައި މުޅި މިލްކިއްޔާތު އެކީ ފްރީޒް ކުރެވިދާނެ ކަމަށް ގަބޫލު ކުރައްވަންތޯ ފަނޑިޔާރުން ދައުލަތާއި ސުވާލު ކުރައްވާފައި ވެއެވެ. އަދި އެ ސުވާލުގެ ޖަވާބުގައި ދައުލަތުން ބުނެފައިވަނީ ގާނޫނުގައި ވާ ގޮތުން ކުށް ކުރާ މީހާ އެ ލޯންޑާރ ކުރާ މުދަލަކާއި، ފައިސާ ދައުލަތަށް ނެގޭނެ ކަމަށެވެ. އެހެން ކަމުން އެފަދަ އަމުރަކަށް އެދެވޭނެ ކަމަށް ބުންޏެވެ.
އެހެން ނަމަވެސް ފަނޑިޔާރުން ވަނީ އަމުރު ނެރުމަށް އެދުމުގައި ބެލި ކަންތަކާއި މެދު ފުލުހުންނާއި ވެސް ސުވާލުކޮށްފައެވެ. އަދި އެސަޓައިން ކުރި މިންވަރު ބެލިންތޯ ސުވާލު ކުރިއެވެ. ފުލުހުން ތަކުރާރުކޮށް ބުނީ އަމުރަކަށް އެދުނީ ހިނގާފައި ހުރި މުއާމަލާތްތަކެއްގެ ސަބަބުން ކަމަށެވެ. އަދި ލިބެން ނުޖެހޭ އާމްދަނީ އެއް ވެސް ލލިބިފައިވާތީ ކަމަށެވެ. އެހެން ނަމަވެސް މީގެއިން އެއްވެސް ވާހަކައެއް އަމުރުގައި ނެތްއިރު ފަނޑިޔާރުން ވަނީ އެކަމާއި މެދު ސުވާލުކޮށްފައެވެ. އެހެން ނަމަވެސް ފުލުހުން ބުނީ އޭރު ހަމައެކަނި މައްސަލަ ގުޅެނީ އެއް މިލިއަން ޑޮލަރާއި ކަމަށެވެ. އަދި އެކައުންޓް ފްރީޒް ކުރުމަށް އެދިފައިވާނީ މައްސަލައިގެ ތަހުގީގެ ކުރީކޮޅުކަމަށް ވިދާޅުވިއެވެ.
މިއަދުގެ އަޑު އެހުމުގައި ވެސް ފުލުހުންނާއި މި ސުވާލު ކުރެވުނެވެ. އަދި މައްސަލަ ތަހުގީގު ކުރި ފުލުހަކު ވިދާޅުވީ މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވޭ ފައިސާގެ އަދަދު 100 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. މީގެ ތަފްސީލުތައް ކްރިމިނަލް ކޯޓަށް ފުލުހުން ހުށަނާޅައެވެ. ހަމައެކަނި ހުށަހެޅީ ބޭންްކް ސްޓޭޓްމެންޓުގެ ކޮޕީއެކެވެ. އަދި އަމުރަކަށް އެދުނު ފޯމުގައި އެކަން ބަޔާންކޮށްފައި ނެތެވެ. އެއާއި އެކު ބެންުން ވަނީ އެ ވާހަކަ އިތުރަށް ދެން ނުދެއްކުމަށް އަންގާފައެވެ.
މި މައްސަލައިގައި ރައީސް ޔާމީން ވެސް ވާހަކަ ދެއްކެވިއެވެ. އަދި ވިދާޅުވީ އެކައުންޓްގައި 100 މިލިއަން ރުފިޔާ ހުރުމަކީ ފުލުހުން ކަންބޮޑުވާން ޖެހޭ މައްސަލައެއް ނޫން ކަމަށެވެ. އެއް މިލިއަން ޑޮލަރުގެ ފައިސާ ހުރީ އޭސީސީ އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ފުލުހުން 100 މިލިއަން އަކާއި ބެހޭ ގޮތުން ސުވާލެއް ވެސް ނުކުރާ ކަމަށެވެ. ހަމަ އެއާއި އެކު އެއް އެކައުންޓުން އެހެން އެކައުންޓަކަށް ފައިސާ ބަދަލު ކުރުމަކީ އެ ފައިސާގެ އަސްލު އޮޅުވާލައި، ފައިސާ ފޮރުވަން އުޅުނީ ކަމަށް ބެލެވޭނެ ގޮތެއް ނޫން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ބޭންކް އެކައުންޓު ފްރީޒް ކުރަން ވާނީ މޯނީޓަރިންގެ އަމުރެއް ނެރެގެންކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވެސް ބުނެފައިވާއިރު ދައުލަތުން ބޭންކިން ގެ މި މާއްދާ އާއި ހަވާލާދީ ދައްކަވާ ވާހަކައިގައި އެސެޓު ގެއްލިދާނެތީ، އެސެޓު ރިކަވާ ކުރުމުގެ ފުރުސަތު ހޯދުމަށް ކަމަށެވެ. އެހެން ނަމަވެސް ބޭންކިން ގާނޫނުގެ 41 ވަނަ މާއްދާގައި އެސެޓު ފްރީޒް ކުރުމަށް ކަނޑަނާޅާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އޭގެއިން ހުއްދަ ދެނީ ބޭންކު އެކައުންޓުގައި ހުންނަ މައުލޫމާތުތައް ސާފު ކުރުމަށް ކަމަށެވެ. ހަމައެއާއި އެކު އެ މާއްދާގެ ދަށުން އެކައުންޓު ފްރީޒް ނުކުރެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީންގެ އެކައުންޓް ފްރީޒް ކުރުމުގެ އަމުރަކަށް ދައުލަތުން އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގައި ބުނާ މޮނިޓަރިންގެ އަމުރެއް ނެތި ކަަމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް ދައުލަތުން ބުނާ ގޮތުން ފްރީޒް ކުރުމުގެ އަމުރު ނެރުނީ އެ ގާނޫނުގެ 72 ވަނަ މާއްދާގެ (ބ) ގައި ވާ އިސްތިސްނާ ހާލަތެއް ބޭނުންކޮށްގެންނެވެ.

