ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ އެކައުންޓު ފްރީޒް ކުރި މައްސަލަ: އަމުރު ނެރުމުގައި ބެލި ކަންތަކާއި މެދު ބޮޑެތި ސުވާލުތަކެއް!

ތަހުގީގަށް ސުވާލު ކުރުމަށް ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރި ވަގުތު - ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މުސާރަ އާއި ނުބައްދަލު އާމްދަނީއެއް ލިބިވަޑައިގަތްކަމުގެ ސުވާލެއް ތަހުގީގުގެ ތެރެއިން ނުކުރާ ކަމަށާއި، މޮނީޓަރިންގެ އަމުރެއް ނުނެރުނު ސަބަބާއި މެދު މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސުވާލު އުފައްދަވައިފިއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ދައުވާ އުފުލި މައްސަލަ ކުރިޔަށް ގެންދާއިރު ވަރަށް ގިނަ ހައްގުތަކެއް ގެއްލިގެން ގޮސްފައިވާ ކަމަށެވެ. އެސްޓީއާރަކީ ސިއްރު ޑޮކިއުމެންޓެއް ނޫން ކަމަށާއި، މިއީ ދައުލަތުގެ ވަރަށް ގިނަ ފަރާތްތަކަކަށް ދާ ލިޔެކިއުމެއްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ދައުވާއެއް އުފުލި ކުރިޔަށް ދާއިރު މިއީ އާއްމު އުސޫލުން ލިބެން ހުންނާނެ މައުލޫމާތުތަކެއް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

އެސްޓީއާރު އާއި ބެހޭ ގޮތުން ރައީސް ޔާމީން ވާހަކަދެއްކެވީ ޝަރީއަތް ފެށިގެން ދިޔައިރު ވެސް އެއްވެސް ލިޔެކިއުމެއް ލިބިފައި ނުވާތީ އެވެ. އަދި މައްސަލައިގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް ވިދާޅުވީ ދައުލަތުން ކޯޓު އަމުރަށް އެދި ހުށަހެޅި އެއްވެސް ލިޔެކިއުމެއް ލިބިފައި ނުވާ ކަމަށެވެ. ޝަރުއީ މަރުހަލާގެ ތެރެއަށް ވަންނަ ކޮންމެ ލިޔެކިއުމެއް ވެސް ތުހުމަތު ކުރެވޭ މީހާއަށް ލިބެން ޖެހޭއިރު، ކުރިޔަށް ދާ މި މައްސަލައިން ދިފާއުވުމަށް ވާހަކަ ދައްކަންޖެހިފައި ވަނީ ވަކި، ވަކި ނުކުތާތަކެއް އޭގައި ހުންނާނެކަމަށް ދެކިގެން ކަމަށް ޝިޔާޒް ފާހަގަ ކުރައްވާފައިވެއެވެ.

މި މައްސަލައިގައި ރައީސް ޔާމީން ވިދާޅުވީ އެންމެ ފަހުން ސުޕްރީމް ކޯޓުގައި ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި ލިޔެކިއުންތަކަށް “މަތި މަތިން ބަލާލުމުގެ” ފުރުސަތު ދިން ކަމަށެވެ. އެހެން ކަމުން އެއީ އެހާ ސިއްރު ޑޮކިއުމެންޓެއްނަމަ އެފަދަ ފުރުސަތެއް ވެސް ނުދިނީސްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ލިޔެކިއުންތައް ނުލިބި މައްސަލައިގެ އަޑުއެހުންތައް ކުރިޔަށް ދިއުމަކީ އެއީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ ނިގުޅައިގަނެވޭ ހައްގެއް ކަމަށާއި، މީގެއިން ވެސް ދޭހަވަނީ މައްސަލަ އެއް ހަސްމަށް ބަރުވެފައިވާ މިންވަރު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ލިޔެކިއުންތައް ފުރިހަމަ ނުވުމުގެ ސަބަބުން މައްސަލައިގައި ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ވެސް ނުލިބޭކަމަށް ރައީސް ޔާމީންގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ބޭންކް އެކައުންޓު ފްރީޒް ކުރަން ވާނީ މޯނީޓަރިންގެ އަމުރެއް ނެރެގެންކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވެސް ބުނެފައިވާއިރު ދައުލަތުން ބޭންކިން ގެ މި މާއްދާ އާއި ހަވާލާދީ ދައްކަވާ ވާހަކައިގައި އެސެޓު ގެއްލިދާނެތީ، އެސެޓު ރިކަވާ ކުރުމުގެ ފުރުސަތު ހޯދުމަށް ކަމަށެވެ. އެހެން ނަމަވެސް ބޭންކިން ގާނޫނުގެ 41 ވަނަ މާއްދާގައި އެސެޓު ފްރީޒް ކުރުމަށް ކަނޑަނާޅާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އޭގެއިން ހުއްދަ ދެނީ ބޭންކު އެކައުންޓުގައި ހުންނަ މައުލޫމާތުތައް ސާފު ކުރުމަށް ކަމަށެވެ. ހަމައެއާއި އެކު އެ މާއްދާގެ ދަށުން އެކައުންޓު ފްރީޒް ނުކުރެވޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

“އެކައުންޓު ފްރީޒް ކުރާނަމަ އެކަން ކުރެވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެއްގޮތަކަށް ވެސް މޮނީޓަރިން އަމުރެއް ނުނެރެ މިކަން ކުރާކަށް ހުއްދައެއް ނުދޭ” ރައީސް ޔާމީން

މޮނީޓަރިން އަމުރާއި ގުޅިގެން ވަގުތުތަކެއް ގެއްލި ދަތިތަކެއް އަންނާނެކަމަށް ދައުލަތުން ބުނާއިރު ކިތަންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެސް ކޯޓު އަމުރެއް ނެރެވިދާނެ ކަމަށެވެ. އަދި އެމަނިކުފާނަކީ ވެސް އާއްމު ފަރުދެއް ކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ މޮނީޓަރިންގެ ބޭނުނަކީ ހައްގުތައް ރައްކާތެރިކޮށް ދިނުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މޯނީޓަރ ކުރަން ޖެހޭ ސަބަބަކީ އެކައުންޓުން ތުހުމަތަކާއި ގުޅިގެން ނުވަތަ ޝައްކެއްގެ ސަބަބުން އެ މޫވް ކުރުން ނުވަތަ ޓްރާންސްފާކޮށްފާނެތީ ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އަދި މި އުސޫލަށް އަމަލުކޮށްގެން ދިޔަ ނަމަ އެންމެ ޓްރާންސެކްޝަނަކާއި އެކު ވެސް ކޯޓަށް ގޮސްގެން އެކައުންޓު ފްރީޒް ކުރުމުގެ ހުއްދަ ލިބޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

“އެހެންވީމަ ފްރީޒް ކުރުމަށް ދާ ވަގުތު ގެއްލިދާނެ ކަމަށް ދެކިގެން އެހެން ވިދަޅުވާކަމުގައި ވަންޏާ އަޅުގަނޑު ތި ވާހަކައެއް ގަބޫލެއް ނުކުރަން.” ރައީސް ޔާމީން

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ އެސެޓު ރިކަވާރ ކުރުމުގެ ވާހަކަތައް ދައްކާއިރު، އެސެޓު އޭސީސީއަށް ޓެންޑާރ ކުރެވިފައިވާ ކަމަށެވެ. އަދި ބޭންކުގައި އޭސީސީގެ ބެނިފިޓުގައި އެއް މިލިއަން ޑޮލަރު ބަހައްޓާފައިވާ ކަމަށާއި ގެއްލިދާނެ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު އޭސީސީގެ އެކައުންޓުގައި ވަނިކޮށް ދެން ގެއްލިގެން އުޅެންވީ ކޯޗެއްތޯ ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ.

އެހެން ކަމުން މީގެ ތެރޭގައި ގެއްލިދާނެ ފައިސާއެއް ނެތް ކަމަށާއި، އެސެޓު ރިކަވާ ކުރުމުގެ އެއްވެސް ގެއްލުމެއް މީގެއިން މެދުވެރި ނުވާނެ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

“އެސެޓު އެހެރީ، އޯލްރެޑީ ޕްލޭސް ވިތް އޭސީސީ. އެހެންވީމަ އޭސީސީގަ އެއް މިލިއަން ޑޮލަރު ހުއްޓާ ދެން މި ފައިސާ ހޯދަން މޮނީޓަރިން އަމުރެއް ނެރެގެން ދުއްވައިގަންނައިރު އެސެޓު ނެރެގެން ހަގީގަތުގައި މިހާރު މި އޮތް ހާލަތުގައި އެއީ މުސްތަހިއްލު ކަމެއް. އެ ފައިސާ އެހެރީ އޭސީސީގެ އެކައުންޓުގައި ބަހައްޓައިދީފައި ހުންނަތާ 08 މަހަށް ވުރެ ގިނަ ވީ ފަހުން އެކައުންޓު ފްރީޒް ކުރުމުގެ އަމުރުތަކާއި އެއްޗެހި ނިކުމެގެން މިއުޅެނީ” ރައީސް ޔާމީން

ރައީސް ޔާމީންގެ ވާހަކަތަކާއި އެކު، ފަނޑިޔާރުންގެ ބެންޗުގެ ސުވާލުތައް އަމާޒުވެގެން ދިޔައީ ދައުލަތަށެވެ. އަދި އެކައުންޓުތައް ފްރީޒް ކުރުމުގެ އަމުރަކަށް އެދުމާއި މައްސަލަ ތަހުގީގު ކުރި ފުލުހުންނާއި ގިނަ ސުވާލުތަކެއް ކުރެއްވިއެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް މިދިޔަ އަހަރުގެ މާޗް މަހު ހައި ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށް، އެކައުންޓްތައް ދޫކޮށްލައިފަ އެވެ. އަދި އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އެ ކޯޓުގެ އޭރުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުން މައްސަލައިގެ އަޑުއެހުންތައް ބޭއްވިއެވެ. އަދި ބެންޗު ބަދަލުވުމުގެ ކުރިން އޮތީ މައްސަލައިގެ ހުކުމަކާއި ހިސާބަށް ވެސް އާދެވިފައެވެ.

މިހާރު މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.

ފަނޑިޔާރު ހުސްނުއްސޫދު ވަނީ މައްސަލައިގައި މުޅި މިލްކިއްޔާތު އެކީ ފްރީޒް ކުރެވިދާނެ ކަމަށް ގަބޫލު ކުރައްވަންތޯ ދައުލަތާއި ސުވާލު ކުރައްވާފައެވެ. ސުވާލުގެ ޖަވާބުގައި ދައުލަތުން ބުނެފައިވަނީ ގާނޫނުގައި ވާ ގޮތުން ކުށް ކުރާ މީހާ އެ ލޯންޑާރ ކުރާ މުދަލަކާއި، ފައިސާ ދައުލަތަށް ނެގޭނެ ކަމަށެވެ. އެހެން ކަމުން އެފަދަ އަމުރަކަށް އެދެވޭނެ ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

ދައުލަތުގެ ރައްދާއި އެކު އަނެއްކާވެސް ފަނޑިޔާރު ސުއޫދު ފުލުހުންނާއި ސުވާލު ކުރެއްވީ އަމުރަކަށް އެދުމުގައި ބެލި ކަންތަކާއި މެދުއެވެ. އެގޮތުން އެއީ ކިހާވަރެއްގެ އަދަދެއްކަން އެސަޓައިން ކުރައްވާފައިވޭތޯ އާއި، އަމުރަކަށް އެދުމުގެ ކުރިން ހެއްދެވި “ހޯމް ވޯކް” އަކީ ކޮބައިތޯ ފަނޑިޔާރު ސުވާލު ކުރެއްވިއެވެ. ޖަވާބުގައި މައްސަލަ ތަހުގީގު ކުރި ފުލުހަކު ބުނީ، އެކައުންޓު ފްރީޒް ކުރުމަށް އެދުނީ އެކައުންޓުން ހިންގާފައިވާ މުއާމަލާތްތަކަށް ބެލުމަށްފަހު ކަމަށެވެ. އަދި ރައީސް ޔާމީނަށް އެކަށީގެން ނުވާ ވަރެއްގެ އާމްދަނީއެއް ލިބިފައިވާކަން އޭގައިން ފާހަގަ ކުރެވުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ވާހަކަތާއި އެކު ޝަރީއަތުގައި އެ ދެއްކެވި ވާހަކަތައް އަމުރުގއި ނެތީ ކީއްވެގެންތޯ ފަނޑިޔާރު ސުވާލު ކުރެއްވިއެވެ. އެހެން ނަމަވެސް ފުލުހުން ބުނީ އޭރު ހަމައެކަނި މައްސަލަ ގުޅެނީ އެއް މިލިއަން ޑޮލަރާއި ކަމަށެވެ. އަދި އެކައުންޓް ފްރީޒް ކުރުމަށް އެދިފައިވާނީ މައްސަލައިގެ ތަހުގީގެ ކުރީކޮޅުކަމަށް ވިދާޅުވިއެވެ.

ފުލުހުން ތަކަކުރާރުކޮށް އާމްދަނީ އާއި ނުބައްދަލު ފައިސާއެއްގެ ވާހަކަ ފާހަގަ ކުރުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ ދެން އެ ވާހަކަތައް އަމުރުގައި ނެތީ ކީއްވެގެން ތޯ އަނެއްކާވެސް ސުވާލުކޮށްފައެވެ.

މައްސަލައިގައި ފަނޑިޔާރު އެދުނީ ތުހުމަތު ކުރެވޭ ޖުމްލަ އަދަދާއި، އެކައުންޓު ފްރީޒް ކުރަން ޖެހޭކަމަށް ގަބޫލު ކުރެވުނު ސަބަބު ދެން އޮންނަ އަޑުއެހުމަކަށް ހުށަހަޅައި ދިނުމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: