ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިބޫ ސާލިޙް ރައީސް ކަމަށް އިންތިހާބު ކުރެވުނުތާ ދެ އަހަރު. އޮތީ އުންމީދެއްތަ؟ ނޫނީ ނާ އުންމީދެއްތަ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަރިހު ކުރީގެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން
ޝެއާރކޮށްލާ ކަހަލަދޯ؟

2013 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި ވެރިކަން ކުރައްވަމުން ގެންދެވި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަން 2018 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހު ދިވެހި ރައްޔިތުން ނިމުމަކަށް ގެނެސް އިބްރާހިމް މުހައްމަދު ސާލިހުއާއި ދިވެހި ދައުލަތުގެ ހުންގާނު ހަވާލުކުރީ ވަރަށް ފޮނި އުންމީދުތަކަކާއި ހުވަފެންތަކެއް ދެކިގެންނެވެ. ސުވާލަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިބްރާހިމް މުހައްމަދު ސާލިޙް އިންތިހާބު ކުރެވުނުތާ ދެ އަހަރު ފުރިގެން ދިޔައިރު ރައްޔިތުން އުންމީދު ކުރި ވަރަށް ރައީސް ސާލިޙްގެ ސަރުކާރަށް މަސައްކަތް ކުރެވިފައިވޭތޯއެވެ.؟ ޖަވާބު ވަރަށް ސާފެވެ. މެނިފެސްޓޯގައި ހުރި ވަޢުދުތައް ފުއްދުނު މިންވަރަށް ވުރެ ސަރުކާރަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ ކަންކަން ގިނައެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓެއްގެ ގޮތުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އިބްރާހިމް މުހައްމަދު ސާލިހުގެ ކޯލިޝަނުން ކާމިޔާބް ކުރެއްވީ ދިވެހި ރައްޔިތުންނަށް ޖަޒީރާ ވަންތަ ދިރުއުޅުމެއް ހޯދައިދީ. އިގްތިސާދު ނަގައި ކަޅަށް ޖަހައި، ފަހުރުވެރި ދިވެހި އާއިލާއެއް ބިނާކޮށްދިނުމާއިއެކު އޯގާތެރި ސަރުކާތެއްގެ ވެރިކަން ރައްޔިތުންނަށް ކޮށްދެއްވާނެ ކަމަށް ވަޢުދުވެ ވަޑައިގެންނެވެ. އެހެން ނަމަވެސް މިއިން އެއްވެސް ވަޢުދެއް ރައްޔިތުން އުންމީދު ކުރި މިންވަރާއި ގާތަށް ވެސް ފުއްދައި ދިނުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވުނު ކަމަކަށް ދެންނެވޭކަށް ނެތެވެ.

ރައީސް ސާލިހު ރައްޔިތުންނަށް ވިއްކި މެނިފެސްޓޯގައި ދައުލަތް ހިންގުމުގެ ސިޔާސަތުގައި ބުނެފައިވާ ގޮތުގައި ކަންކަން ހަމަޖެހިފައިވާ އުޞޫލުތައް ރައްޔިތުންނަށް ސާފު ސީދާކޮށް އެނގޭފަދަ ހާމަކަންބޮޑު ގޮތަކަށް، ވެރިކަންހިންގުމުގެ ނިޒާމް ބައްޓަންކޮށް ހިންގުން އެމަނިކުފާންގެ ސަރުކާރުން ކުރައްވާނެ ކަމެއްގެ ގޮތުގައި ވަނީ ބުނެފައެވެ. ހަމައެހެންމެ ކޮރަޕްޝަނަށް ފުރުޞަތު ލިބޭ ކަންތައްތައް ދެނެގަނެ، އެ ފުރުޞަތުތައް ނައްތާލުމާއި ހިންގުމުގެ ދާއިރާގައާއި ދައުލަތުގެ މުޢައްސަސާތަކުގައި، ކަންކަމަށް ޒިންމާނަގަން ފަސްޖެހޭ ފަރާތްތަކާއި އަދި ކަނޑައެޅި ބަޔާންވެގެން ވަކިގޮތަކަށް ޢަމަލުކުރަންޖެހޭ އުޞޫލުތަކުގެ އިމުންބޭރުވާ ފަރާތްތައް، ޒިންމާދާރުކުރުވައި، ޒިންމާ އުފުލާ ޘަޤާފަތެއް، ދިވެހި މުޖުތަމަޢުތެރޭގައި އާލާކޮށް އަށަގެންނެވުން އެއީ ކުރައްވާނެ ކަމެއްގެ ގޮތުގައި ރައީސް ސާލިހު ވެވަޑައިގެންފައިވާ ވަޢުދެކެވެ.

ނަމަވެސް މިއަދު ގިނަ ރައްޔިތުން ދެއްކަމުން ގެންވާ ވާހަކައަކީ އަދި ކުރަމުންދާ ޝަކުވާ އަކީ ސަރުކާރުން ކުރަމުންދާ ކަންކަން ސިއްރު ކުރާ ވާހަކައެވެ. ގޮތް ނޭގޭ ބޮޑެތި އެއްބަސްވުންތައް ގައުމުތަކާއިއެކު ހަދާ ވާހަކައެވެ. އިންތިހާބު ކުރެވުނުތާ ދެ އަހަރު ފުރުނު ނަމަވެސް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވިތާ ދެ އަހަރު ނުފުރެނީސް އެތައް ބިލިޔަން ރުފިޔާގެ ކޮރޮޕްޝަން ސަރުކާރުގެ ތެރެއިން ހިންގި ވާހަކައެވެ. ނުވަތަ ހިންގަމުމުންދާ ވާހަކައެވެ. ހާއްސަކޮށް ގައުމު ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ވަނިކޮށް ވާނުވާ ނޭގޭ ގޮތަށް ރައްޔިތުންގެ ޓެކެސް ފައިސާ ބޭނުން ކުރާ ވާހަކައަކީ އެންމެ އަޑުހަރުކޮށް ދައްކަމުންދާ ވާހަކައެވެ.

އެގޮތުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) ކޮވިޑާއި ގުޅިގެން ހަރަދު ކުރި ގޮތާއި އަދި ކޮވިޑާއި ގުޅިގެން އެކިއެކި ފަރާތްތަކުން ދިން އެހީއަށް ވީނުވީއެއް ނޭގޭކަން އޮޑިޓް ރިޕޯޓުތަކުން ވަނީ ހާމަވެފައެވެ. އަދި ކޮވިޑާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ސިއްހީ ސާމާނުތައް ގެނައުމުގައި ހެލްތް މިނިސްޓްރީން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެތައް ކަމެއް ކޮށްފައިވާކަން ވަނީ ހާމަވެގެން ގޮސްފައެވެ. ހަމައެހެންމެ ޓޫރިޒަމް މިނިސްޓްރީގެ އިހުތިސާސްގެ ތެރޭގައި ނެތް އެތައް ކަމަކަށް ޓޫރިޒަމް މިނިސްޓްރީން ހަރަދުކޮށްފައިވާކަން ވެސް މިހާރު ވަނީ ހާމަވެގެން ގޮސްފައެވެ. މީގެއިތުރުން ވެސް ސަރުކާރުގެ އެކިއެކި ކުންފުނިތަކުން ވެސް ކޮރަޕްޝަނަށް މަގުފަހިވާފަދަ އެތައް ކަމެއް ކުރަމުންދާކަން އެއީ މިއަދު އެންމެން ދަންނަ ބޮޑު ސިއްރަކަށް ވެއްޖެއެވެ.

ރައްޔިތުންގެ ހުރި އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތެއް ހިއްޕަވައިގެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއްގެ ސަރުކާރަށް ދެއަރު ނުވަނީސް ކޮރަޕްޝަންގެ ބޮޑެތި މޫތައް ސަރުކާރުގެ ތެރޭގައި ހުރުމެވެ. ކުރެވޭ ބޮޑެތި ތުހުމަތުތައް ނުބެލި ލަސްވުމަކީ ވެސް ރައީސް ސާލިހުގެ ސަރުކާރަށް ރައްޔިތުން ކުރާ އުންމީދު ގެއްލެން ދިމާވެފައިވާ އެއް ސަބަބެވެ. މިހާތަނަށް ފެންމަތިވި ކޮރަޕްޝަންގެ އެއްވެސް މައްސަލައެއްގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ އުފުލި އިންސާފްގެ ކުރި މައްޗަށް ގެނެވިފައި ނުވުމަކީ ސަރުކާރާއި މެދު ނުވަތަ ރައީސް ސާލިހުއާއި މެދު ރައްޔިތުން މާޔޫސް ކުރުވާ ކަމެކެވެ.

ދެން އޮތީ ރައްޔިތުންގެ ތަރައްގީއާއި ކުރިއެރުމަށް ކުރެވޭ މަސައްކަތުގެ ވާހަކައެވެ. ހަގީގަތަކީ ސަރުކާރަށް ދެ އަހަރު ފުރެން ގާތް ވެފައިވާއިރު ތަރައްގީގެ ބޮޑު އެއްވެސް މަޝްރޫޢުއެއް ކުރިއަށް ނުދެއެވެ. އެންމެ ބޮޑަށް ރައްހޔިތުން ބޭނުންވާ ކަމަކީ ބޯހިޔާވަކި ކަމެވެ. މިއަދާއި ހަމައަށް ބޯހިޔާވަހި ކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވުނު ހަމަ އެންމެ ކަމެއް ވެސް ނެތެވެ. މަސްވެރިންނަށާއި ދަނޑުވެރިންގެ ކުރިއެރުމަށް ކުރައްވަން ވިދާޅުވި ކަންކަން ކުރެވެމުންދާ ތަނެއް ނުފެނެއެވެ. ގޯދޮށު މަސް ފެކްޓްރީއާއި އެ ނޫން ވެސް ކަމެއް ކުރެވޭތަނެއް ނުފެނެއެވެ.

ދިވެހިރާއްޖޭގެ އިގްތިސާދު ނަގައި ކޮޅަށް ޖަހާނެ ކަމަށް ވިދާޅުވި ނަމަވެސް އިގްތިސާދަށް ކުރިއެރުން ލިބޭނެ އަދި ދައުލަށް އިތުރު އާންމުދަނީ ވަންނާނެ އައު ގޮތްތަކެއް މިހާތަނަށް ގެނެސްދެވިފައެއް ނުވެއެވެ. ހަގީގަތަކީ އިގްތިސާދީ ސިޔާސަތު ތަންފީޒް ކުރެވެމުން ނުދާ ކަމެވެ. ފެންނަ މަންޒަރަކީ ވަޒީފާ ނުލިބި ޒުވާނުން މަގުމަތީގައި ގިނަވެގެން އުޅޭ މަންޒަރެވެ. ވިޔަފާރިތައް ބަނގުރޫޓުވަމުންދާ މަންޒަރެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެސްއެމްއީ ބޭންކެއް ވުޖޫދު ކުރި ނަމަވެސް އޭގެ އެންމެ އެދެވޭ ނަތީޖާ ފަންނަމުންދާ ކަމަށް ދެންނެވޭކަށް ނެތެވެ.

ދެން އޮތީ އެމްޑީޕީއާއި ރައީސް ސާލިޙް ވެސް އެންމެ އަޑުހަރުކޮށް ދެއްކެވި ވާހަކައެވެ. އަދުލް އިންސާފް ގާއިމް ކުރުމުގެ ދާއިރާ ނުވަތަ ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވާހަކައެވެ. ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކުރަން ޖެހޭ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ރައީސް ސާލިޙް ވިދާޅުވި ކަމަކީ ޖުޑިޝަލް ސާވިސް ކޮމިޝަން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމެވެ. މިހާރު ޖޭއެސްސީ އެކުލެވިގެންވާ ގޮތަކީ ސިޔާސީ ނުފޫޒް ވަރަށް ބޮޑަށް ޝަަރުއީ ދާއިރާއަށް ފޯރުވޭ ފަދަ ގޮތަކަށް ކަމަށް އެމްޑީޕީން ވެސް އަދި ރައީސް ސާލިޙް ވެސް ވިދާޅުވެއެވެ. ނަމަވެސް ޖޭއެސްސީ އިސްލާހު ކުރުމަށް ނުވަތަ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް މިހާތަނަށް ރައީސް ސާލިހުގެ ސަރުކާރަށް ކުރެވުނު ހަމަ އެއްވެސް ކަމެއް ނެތެވެ. ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި މިހާތަނަށް ކުރެވުނުހާ ވެސް ކަމަކީ ސުޕްރީމް ކޯޓުގެ ބެންޗް ބަދަލު ކުރުމެވެ. އިތުރު އެހެން ވެސް ކަމެއް ކުރެވުނު މަންޒަރެއް ނުފެނެއެވެ. ހަމައެހެންމެ އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފް ހޯދައި ދޭނެ ކަމަށް ވިދާޅުވި ނަމަވެސް މިހާތަނަސް ކުރެވުނު މާ ބޮޑު ކަމެއް ނެތެވެ.

އިންސާފް ހޯދައި ދިނުމަށާއި ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް އުފެއްދި ރިޔާސީ ކޮމިޝަންތަކަށް ގާނޫނީ ބޮޑެތި ބާރުތައް ދިން ނަމަވެސް އެއްވެސް ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. އަނިޔާ ލިބުނު މީހުން އަދިވެސް އެ އަނިޔާގެ ތެރޭގައެވެ. ކެތްތެރިކަން ކޮޅުންލައިފިއެވެ. ލިބުނު ހަމަ އެއްވެސް އިންސާފެއް އުންމީދެއް ނެތެވެ. ވީ ނާއުންމީދެވެ.

ވަރަށް ގަދަ
83%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: