ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ލޯކަލް ޓޫރިޒަމް ފުޅާވެގެން ދިޔައީ އަޅުގަނޑުމެން ތިބި މަޖިލީހަކުން ކުރި ބުރަ މަސައްކަތުން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕްރައިމަރީގެ ކެމްޕެއިން ދަތުރެއްގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ލޯކަލް ޓޫރިޒަމް ފުޅާވެގެން ދިޔައީ އެބޭފުޅުން ތިއްބެވި މަޖިލީހަކުން ކުރެއްވި ބުރަ މަސައްކަތުންކަމަށް ރައީސުލްޖުްމހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސި ޕްރައިމަރިއަށް ތާއީދު ހޮއްދެވުމަށް ކ ގުރައިދޫއަށް ވަޑައިގެން ދެއްކެވި ވާހަކައިގައި ރައީސް ވިދާޅުވީ ކުރަމުންއެދާ ދަތުރުތަކުގެ ތެރެއިން ވަޑައިގަންނަވާ ކޮންމެ ރަށަކުންވެސް ފެންނަނީ އެމްޑީޕީއާއިއެކު ކުރިއަށްދިއުމަށް އެބޭފުޅުން އެ ކުރައްވާ މަސައްކަތުގައި ބޮޑުކޮށް ތާއީދު އޮތް މަންޒަރުކަމަށެވެ. މި ޕްރައިމަރީ ތަފާތު ބޮޑުކޮށް ކާމިޔާބުކޮށް، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމުގައި މިހާރު މާ ބޮޑު ދަތިތަކެއް ނުފެންނަ ރައީސް ވިދާޅުވިއެވެ.

ހޯދާ ކާމިޔާބުގައި އާއި ރާއްޖޭގެ ތަރައްގީއަށްޓަކައި ކުރަން ފަށާފައި ހުރި މަސައްކަތްތަކުގައި ރައްޔިތުންގެ އެއްބާރުލުމަށް ރައީސް އެދިލެއްވިއެވެ. އެގޮތުން ގުރައިދޫ ދާއިރާގެ ހުރިހާ ބޭފުޅުންގެ ދާއީދު ބޮޑުކޮށް ލިބުމަކީވެސް އެމަނިކުފާނުގެ އެދިލެއްވުމެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އަޅުގަނޑަށް ޔަގީން އިރާދަކުރެއްވިޔާ މި ދާއިރާވެސް އަޅުގަނޑުމެން މި ދެކޭ، ރާއްޖޭގެ އެކި ކަންކޮޅުތަކުން މި ފެންނަ ތާއީދާއިއެކީގައި ބޮޑުކޮށް އަޅުގަނޑުމެންނާއި އެކީގައި އޮންނާނެކަން. އެއީ އަޅުގަނޑު މިއަދު ޝައްކެއް ކުރާކަމެއްނޫން.

އެމްޑީޕީގެ ސިޔާސަތަކީ ޖަޒީރާ ރާއްޖެއެއް ތަރައްގީކުރުންކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރައްޔިތުން ދިރިއުޅޭ ކޮންމެ ރަށެއްގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދީގެން ނޫނީ ރަށަރަށުގައި ވަޒަންވެރިވެ އިގްތިސާދެއް ބިނާނުކުރެވޭނެކަމަށެވެ. އެގޮތުން އެބޭފުޅުން އެ މަސައްކަތްކުރަނީ ރަށްރަށުގައި ފެނާއި ނަރުދަމައާއި، ބަނދަރުތަކާއި، ކަރަންޓާއި އަދި މަގުތައް ހެދުމާއި، މިފަދަ އަސަސީ ހިދުމަތްތައް ފޯރުކޯށްދިނުމާއިއެކީގައި، ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ކުޅޭނެ ތަންތަން ތަރައްގީކުރުމަށްކަމަށް ވިދާޅުވިއެވެ. އަދި ސިއްހީ ހިދުމަތް ގާތުން ލިބޭނެ ގޮތް ހަމަޖައްސައިދީ، ދަރިންނަށް ތައުލީމް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަކީވެސް އެބޭފުޅުންގެ އަމާޒެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް ޕާޓީގެ އެ މުހިންމު ސިޔާސަތުތައް އެއީ ކަމުނުދާ ސިޔާސަތުތަކެއްކަމަށް ފެންނަ ބޭފުޅުން އެބަތިއްބެވިކަމަށް ވިދާޅުވެ ރައީސް އެ އިޝާރާތްކުރެއްވީ ވާދަވެރި އަނެއް ކެމްޕެއިން ޓީމު، ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމަށެވެ. އަދި އެބޭފުޅުންނަށް ކުދި ރަށް ރަށުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަކީ ބޭކާރު ކަންތައްތަކެއްގެ ގޮތުގައި ސިފަވާކަމަށް ރައީސް ވިދާޅުވިއެވެ. މިއީ އެމްޑީޕީގެ ސިޔާސަތުތަކެއް ނޫންކަމަށް ފާހަގަކުރާއްވާ، ރައީސް އެދިލެއްވީ އެކަންކަމާއި ކައިރިނުވުމަށެވެ.

ރައީސް ވިދާޅުވީ ބައެއް ބޭފުޅުންގެ ވިސްނުން ބަދަލުވެގެން ދިޔައީ ކީއްވެގެންތޯ ވިސްނުން މުހިންމުކަމަށާއި، އަދި ހަމަ ޕާޓީގެ ސިޔާސަތުތައް ތަންފީޒްކުރަނީ ކޮން ބައެއްތޯވެސް ވިސްނުން މުހިންމުކަމަށް ރައީސް ވިދާޅުވިއެވެ.

އަބަދުވެސް އެމްޑީޕީ ވަކާލާތުކުރަމުން އައީ ޖަޒީރާ ރާއްޖެއެއް ތަރައްގީކުރުމަށް، މިއަދު މުޅިން އެއާއި އިދިކޮޅަށް ވާހަކަދައްކަވަމުން ގެންދާކަމީ ހަމަ ގައިމުވެސް އެއީ އެމްޑީޕީގެ ސިޔާސަތު ކުރިއެރުވުމެއް ނޫން. ވަކިން އެހެން މަގްސަދެއް އޭގެ ފަހަތުގައި އޮވެގެން ކުރާކަމަކަށް ވެދާނެ. ތިބޭފުޅުން އެއާއި ކައިރިވެ ވަޑައިނުގައްނަވައްޗެ، އެއީ އެމްޑީޕީގެ ސިޔާސަތެއް ނޫން.

އެމަނިކުފާނު ވެރިކަމަށް ނައިސް ބޭނުންވާ މަގްސަދުތަކެއް ހާސިލްނުކުރެވޭނެކަމަށާއި، ރާއްޖެއަށް މިއަދަށްވުރެ ފަހި މާދަމާއެއްވެސް ނުލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ. މި ޕްރައިމަރިގައި ވޯޓު ދެއްވާއިރު، ވިސްނުން އެންމެ މުހިންމުކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނެ ގޮތަކާއިމެދުގައެވެ. ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ބޭނުންވާ ތާއީދު ލިބޭނެކަމާއިމެދު އެއްވެސް ޝައްކެއް ނެތްކަމަށެވެ.

ގުރައިދޫ ދާއިރާއާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ ދާއިރާގައި އޮތް ތިން ރަށުގެ ތަރައްގީއަށްޓަކައި މަސައްކަތްތަކެއް އެބަ ކުރައްވަންކަމަށާއި، ނަމަވެސް މާލެއާއި ކައިރި ރަށްތަކަކީ ގިނަ ފަހަރު އެހާ އަޅާނުލެވި ނުވަތަ ސަމާލުކަން ނުދެވި އޮންނަ ރަށްތަކެއްކަމަށެވެ. އަދި ކުރީގައި އޮތް ވިސްނުމަކީ ހުރިހާ ހިދުމަތެއް ހޮދުމަށް މާލެދިއުމުގެ ވިސްނުންކަމަށާއި، މި ރަށްތައް ތަރައްގީނުވެ އޮތީ  އެ ވިސްނުމުގެ ސަބަބުންކަމަށް ރައީސް ވިދާޅުވިއެވެ. މި ސަރުކާރުގެ ވިސްނުން މިއާއި ތަފާތުކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ރަށްތަކުގައިވެސް އަސާސީ ހިދުމަތްތައް ގާއިމްކޮށްދެއްވާނެކަމަށެވެ. އަދި ރަށރަށުގައި ދިރިއުޅެން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހޯދައިދީ، އިގްތިސާދީ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތުވެސް ހޯދައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެ ރަށްތަކަށް ވަޑައިގަތުމުން އެދުނު އެންމެ ބޮޑު އެދުމަކީ ބިން ބޮޑުކޮށްދިނުންކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މާފުއްޓާއި ގުރައިދޫގެ ބިން ވަނީ އެ އެދުމާއި އެއްގޮތަށް ބޮޑުކޮށްދެވިފައިކަމަށާއި، އަދި ހަމަ އެހެންމެ ކޮންމެ ރަށެއްގައި ޕިކްނިކް އައިލެންޑެއްވެސް ވަނީ ހިއްކާފައިކަމަށެވެ. އެ ބިމުގެ ބޭޏުންކުރާނީ ރަށު ކައުންސިލާއިއެކު މަޝްވަރާކުރުމަށްފަހުގައިކަމަށް ރައީސް ވިދާޅުވިއެވެ. މިއަހަރުގެ ތެރޭގައި ގުޅި ހިއްކުމުގެ މަސައްކަތްވެސް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެެވެ. އަދި މާފުށި ކައިތރިން ހިކާފައި އޮތް ބިން މާފުއްޓާއި ގުޅުވާލުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ލަސްތަކެއް ނުވެ މާފުށީގެ ބިމާއި، މާފުއްޓާއި ގުޅުވާލަން އެތައް ތަރައްގީކުރުމުގެ މަސައްކަތްވެސް ކައުންސިލުން އެ އެދޭ ގޮތަށް، ރައްޔިތުން އެ އެދޭ ގޮތަށް އެކަން ކުރެވޭނެ ވާހަކަވެސް މާފުށީގެ ރައްޔިތުންނަށް އަޅުގަނޑު ޔަގީންކޮށް އަރުވަން

އެދާއިރާގެ ތިން ރަށުގައިވެސް ލޯކަލް ޓޫރިޒަމް ވަރަށް ފުޅާކޮށް އެބައޮތްކަމަށާއި، އެކަން ކުރިއެރުވޭނީ ތަރައްގީކޮށްގެންކަމަށް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ކުރީގައި މާލެ ފިޔަވައި އެހެން ރަށްތަކުގައި ގެސްޓް ހައުސް ހެދުމަކީ މަނާކަމެއްކަމަށާއި، އޭގެ ފަހުން ރަށްރަށުގައި ގެސްޓްހައުސް އެލޭނެ ގޮތަށް އެ ބަދަލު ގެނައީ ކޮން ބައެއްތޯ ވިސްނަންޖެހޭކަމަށް ރައީސް ވިދާޅުވީ، ހަގީގަތް އެގިވަޑައިގަންނަވަންޖެހޭކަމަށެވެ. މިއީ 2008 ވަނަ އަހަރުގެ ކުރީކޮޅުގައި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ކުރިން ހުދު އެބޭފުޅުން މަޖިލީހުގައި ކުރި ބުރަ މަސައްކަތުންކަމަށް ރައީސް ވިދާޅުވިއެވެ.

އަތޮޅު ތެރޭގައި ލޯކަލް ޓޫރިޒމް ފުޅާކުރުމަށް ގެސްޓްހައުސް ހެދަން މަހިލީހުން ގަރާރެއް ފާސްކޮށް، ސަރުކާރަށް ލާޒިމް ކުރީ އެބޭފުޅުންގެ “އެމްޑީޕީ ކުރިއަށް” ކެމްޕެއިން ޓީމުގެ އިސް ބޭފުޅުން ތިއްބެވި މަޖިލީހަކުންކަމަށް ރައީސް ވިދާޅުވިއެވެ. މި ކަންކަން ކުރިއެރުވުމުގެ މަސައްކަތްތައް މި ސަރުކާރުން ދަނީ އަދިވެސް ކުރަމުންކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ގެންދަވަނީ ކޮންމެ ރަށަކަށްވެސް ވަޑައިގެން އެ ރަށުގެ ރައްޔިތުންނަށް ދަތިވެފައިވާ ކަންތައްތައް ފާހަގަކުރައްވާ އެކަން ހައްލުކޮށްދެއްވާނެކަމުގެ ވައުދު ވަމުންނެވެ. އެމަނިކުފާނު މިހާރު ތާއީދު ހޮއްދެއްވުމަށް ކުރައްވާ ދަތުރުގެ ތެރެއިން ދެން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އއ އަތޮޅު އަދި އދ އަތޮޅަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: