ތަފާތު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފިއެވެ.
ފުލުުހުން ވިދާޅުވީ މި ތަކެއްޗަކީ މި ސެޕްޓެމްބަރ މަހުގެ 15 އިން 22 އަށް މާލޭ މަގުމަތިން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތިކަމަށާއި، މިތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށެވެ
މިގޮޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ، ސެޕްޓެމްބަރ 15 ވަނަ ދުވަހު ކާނޭޝަން މަގު، ރެޑްވޭވް ކައިރިން ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގޭސް ފުޅިއެކާއި، ސެޕްޓެމްބަރ 19 ވަނަ ދުވަހު އާސަހަރާ ކައިރިން ތުހުމަތު ކުރެވިގެން ހުއްޓުވި މީހެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ވެހިކަލް އެންޓަނާއެއްގެ އިތުރުން، ސެޕްޓެމްބަރ 20 ވަނަ ދުވަހު މަޖީދީމަގުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 500 ރުފިޔާގެ ހަ ނޫޓު (ޖުމްލަ 3000 ރުފިޔާ) އެވެ.
އަދި ސެޕްޓެމްބަރ 22 ވަނަ ދުވަހު މާފަންނުން ތުހުމަތު ކުރެވިގެން ހުއްޓުވި ތިން މީހެއްގެ އަތުން ފުލުހުންގެ ބެލެމުގެދަށަށް ގެނެސްފައިވާ ތިން ރޯލު ކަރަންޓު ނަރުވެސް ހިމެނެއެވެ.
ވީމާ މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން އެދެއެވެ.

