ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާއަކީ ސަރުކާރުން ކުޅެމުން އަންނަ ސިޔާސީ ޑްރާމާއެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
ކުރީގެ ސަރުކާރުން ޒިކުރާ މިސްކިތް އިމާރާތް ކުރުމަށް ބަޔަކާއި ހަވާލުކުރީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ ޒިޔާދުގެ މައްޗަށް އުފުލައި، ދައުވާކުރަން ކްރިމިނަލް ކޯޓަށް ވަނީ ފޮނުވައިފައެވެ.
އިދިކޮޅު ޕީޕީއެމް – ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޒިޔާދުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ރައީސް ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މައްޗަށް ދައުވާތައް އުފުލުމަކީ ސަރުކާރުން ކުޅެމުން އަންނަ ސިޔާސީ ޑްރާމާތަކެއް ކަމަށެވެ.
ޒިޔާދުގެ މައްޗަށް ކުރި ދައުވާއަކީ ހުރިހާ ގޮތަކުން ވެސް ސަރުކާރު ފެއިލްވެ އަދި ރައްޔިތުންގެ ފާޑުކިޔުން އަމާޒުވުމުން އުފައްދައިގެން އުޅޭ ދައުވާއެއް ކަމަށް ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
އިދިކޮޅުން ބުނާ ގޮތުގައި ކޮރަޕްޝަންގެ ތުހުމަތުކޮށް، ދައުވާ ކުރުމަށް ސަރުކާރުގެ ފަރާތުން ފޮނުވާފައިވާ މައްސަލައަކީ އެއްވެސް އަސާސެއް އަދި އަސްލެއް ނެތް ނެތް ކަމެއްގައި، އުފަން ކުރުވާފައިވާ މައްސަލައެކެވެ.
އިދިކޮޅުގެ އިސްވެރިންނަށް ދައުވާ ކުރަނީ ކޮޗިން ފެރީގެ މައްސަލައާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައިގެ އިތުރުން ކޮވިޑް މެނޭޖްކުރުމުގައި ސަރުކާރު ފެއިލްވުމުން ރައްޔިތުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވުމުން އެކަމަކުގެ ފޯކަސް ގެއްލުވާލުމަށް ކަމަށްވެސް އިދިކޮޅުން ބުނެއެވެ.
ޑރ. ޒިޔާދަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވަނީ މި މަހުގެ 18 ވަނަ ދުވަހެވެ. ޕީޖީން ބުނެފައިވަނީ، ޒިކުރާ މިސްކިތުގެ މަޝްރޫޢުގައި ދައުލަތަށް ގެއްލުންވާ ގޮތަށް 30 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.

