ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަޕާނުގެ އެހީއާއެކު ގެއްލުންތައް ހައްލުކުރަން އިތުރު ބާރެއް ލިބޭނެ: މިނިސްޓަރ

ރާއްޖެއަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ޖަޕާނުން ފޯރުކޮށްދޭ 47.5 މިލިއަން އެމެރިކާގެ ޑޮލަރުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަޕާނު ސަރުކާރުން ދިވެހި ސަރުކާރަށް ދޭ  އެހީއާއެކު ރާއްޖެއަށް ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ އިގްތިސޯދީ ގެއްލުންތައް ހައްލު ކުރުމަށް އިތުރު ބާރެއް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވިއެވެ.

ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖެ އިން ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން ޖަޕާނުން ރާއްޖެއަށް ދިނުމަށް ނިންމި 47.5 މިލިއަން ޑޮލަރުގެ ލޯނެއް ރާއްޖެއަށް ދީފައެވެ. މި ލޯނަކީ 0.01 އިންޓަރެސްޓް ރޭޓުގައި ދީފައިވާ ލޯނެކެވެ. މި ލޯނު އަނބުރާ ދެއްކުމަށް ގްރޭސް ޕީރިއަޑްގެ ގޮތުގައި ހަތަރު އަހަރު ލިބޭއިރު، ލޯނު ދައްކާ ޚަލާސް ކުރަންޖެހެނީ 15 އަހަރު ތެރޭގައެވެ.

ލޯނު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ފަސް ބިލިއަން ޖަޕަނީޒް ޔެން ނުވަތަ 47.5 މިލިއަން އެމެރިކާ ޑޮލަރުގެ ލޯން އެހީއަކީ ރާއްޖޭގެ ތާރީހުގައި ވެސް އެގައުމުން ދިން އެންމެ ބޮޑު އެހީ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދެގައުމުގެ ދެމެދުގައި 1976 ވަނަ އަހަރު ހާރިޖީ ގުޅުން ގާއިމް ކުރިފަހުން ޖަޕާނުން ރާއްޖެއަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެހީތެރިކަން ދެމުންދާ ކަމަށެވެ.

އެގޮތުން 2004 ވަނަ އަހަރުގެ ސުނާމީ އާއި ގުޅިގެންވެސް ޖަޕާނުން އެކި ދާއިރާތަކުން ރާއްޖެއަށް އެހީ ދީފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

ފަންނީ އަދި އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ ދާއިރާއިންވެސް ޖަޕާނުން ރާއްޖެއަށް އެހީ ފޯރުކޮށްދެމުންދާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ، ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމާއި، ސަސްޓެއިނެބްލް ފިޝަރީޒް އަދި މުވާސަލާތީ ދާއިރާ އިންވެސް ރާއްޖެއަށް ޖަޕާނުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ކޮވިޑް-19 އާއެކު އިޖުތިމާއީ އަދި އިގްތިސޯދީ ގޮތުން ދުނިޔެއަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ ކަމަށާއި ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމަކަށްވުމުން ކޮވިޑާއެކު އިގްތިސޯދު ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގައުމުތަކުން ލިބެމުންދާ އެހީ ތަކާއެކު ދިވެހި ރާއްޖޭގެ އިގްތިސޯދު އަލުން ކޮޅަށް ޖަހާއި އާންމުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ރައްޔިތުންނަށް އެހީވުމަށް ސަރުކާރުން އެޅި ގިނަ ފިޔަވަޅުތަކުގެ ތެރޭގައި މިއަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓު 17 ޕަސެންޓު ކުޑަކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ފިޔަވަޅާއެކު މިހާލަތުގައި އިގްތިސޯދަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޖަޕާނަކީ އަބަދުވެސް ރާއްޖެއާ އެންމެ ގާތްކޮށް މަސައްކަތްކުރާ ތަރައްގީގެ ބައިވެރިޔާއެވެ.

ބުދަ ދުވަހު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ލޯނު އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ރެޒިޑެންސް ރެޕްރެޒެންޓޭޓިވް އޮފް ޖައިކާ މޯލްޑިވްސް މިޝްޔޯކީ ކަވަސާކީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: