އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މަސައްކަތުގެ ފެންވަރު ދަށް ކަމަށް ބުނެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެ ކޮމިޝަނަށް ފާޑު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ އޭސީސީގެ ފަޕޯމެންސް ދަށް ކަމަށާއި އެގޮތުން މިދިޔަ ސަރުކާރުގައި ސިއްސައިގެންދާ ވަރުގެ ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާއިރު އެ މައްސަލަތައް ބެލުމަށް ކޮމިޝަނެއް ހަދައި އަދި އޭސީސީ އާއި ފުލުހުން ގުޅިގެން މަސައްކަތް ކުރާއިރު ވެސް އެކަށީގެންވާ ގޮތެއްގައި އެ މައްސަލަ ނުހިނގާ ކަމަށެވެ.
އިންތި ވިދާޅުވީ އެމްއެމްޕީއާރްސީގެ މަންފާތައް ލިބުނު މީހުންގެ މައްސަލަތައް ހިނގަމުން ނުދާ ކަމަށާއި އޭސީސީން ބަލަމުންދަނީ ކުދިކުދި މައްސަލަތައް ކަމަށެވެ. ކުދިކުދި ކަންތައްތަކުގައި ވަރަށް ފޯރިއާ އެކު ދައުވާ ކުރަން ފޮނުވަމުންދާ ކަމަށާއި އޭގެ ސަބަބުން އެ ކޮމިޝަންތަކަށް ކުރާ އިތުބާރު ކުޑަވަމުންދާ ކަމަށް އިންތި ވިދާޅުވިއެވެ.
“ކުދިކުދި މައްސަލަތައް ވެސް ފޮނުވަންވީ. އެކަމަކު އެ މައްސަލަތަކުގައި ތަހުގީގު ހިންގާފައިވާ ފެންވަރު ވަރަށް ދަށް ކަމަށް ގަބޫލުކުރަން” އިންތި ވިދާޅުވިއެވެ.
ލޭ ލޮނުޒިޔާރާތްކޮޅު ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ތަރައްޤީކޮށްފައިވާ ޕާކް (އަޑި ޕާކް) ގެ މައްސަލައިގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލައާ ގުޅޭ ގޮތުން އިންތި ވިދާޅުވީ ކުޑަ ރިސާޗެއް ހެދުމުން އެކަމުގެ ހަގީގަތް އެނގިގެންދާ ކަަމަށެވެ.
އެގޮތުން އިންތި ވަނީ މީހުންގެ ނަން ކިލަނބު ކޮށްލުމުގެ ގޮތުން ކުރާ މިފަދަ ކަންކަމަކީ އިންސާފު ގާއިމުކުރުން ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.
One Response
ބޮޑެތި އެއްޗެހި އަދި ދާނެ ކެއްކޮލަ އޭރުން ތިޔަތާކު އަގަތަޅަން ނުތިބޭނެ !