ދިވެހި ރާއްޖޭގެ ކޯޓުތައް އިސްލާހުވަނީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުންކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ރިޔާސަތުގައި އިންނަވާ ރައީސް ނަޝިދު ވިދާޅުވީ، ކޯޓުތައް ރަނގަޅު ވަނީ މަޖިލިސް މެމްބަރުން އެ މަސައްކަތް ކުރައްވަމުން ގެންދަވާތީ ކަމަށެވެ.
މަޖިލީހުން އަންނަނީ އެމަސައްކަތް ވަރަށް ގާތުން ބަލަމުން ކަމަށާއި، ޖުޑިޝަރީ ކޮމިޓީގެ ނަޒަރުވެސް ކޯޓުތަކުން އެއްކައިރި ނުކުރާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ފަނޑިޔާރުން ނާޖައިޒު ފައިދާ ނެގުމާއި ރިޝްވަތު ނެގުމުގެ އަޑު ވަރަށް ގިނައިން އިވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިއީ ވަރަށް ދެރަ ކަމެއް ކަމަށާއި ނަމަވެސް، މިކަންކަން އިސްލާހުވަމުންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުން އެމްޑީޕީއަށް އަގުލަބިއްޔަތި ދިނީ މިކަންކަން ބަދަލުކުރުމަށް. މިހާރުވެސް ހެޔޮ ބަދަލެއް އެބައާދޭ. އެކަމަކު ކަމެއް އެކީ އެކަށް ރަނގަޅު ވާނީ ކޮން ދުވަހަކުން ކަމެއް ބުނާކަށް ނޭންގޭ
މި ސަރުކާރު ވެރިކަމަށް އައުމަށް ކުރި ކެމްޕެއިންގައި އެންމެ ގަދައަށް ދެއްކި އެއް ވާހަކައަކީ ޖުޑިޝަރީ އިސްލާހު ކުރުމުގެ ވާހަކައެވެ. އަދި ޖުޑިޝަރީ އިސްލާހު ކުރުމުގެ ބޭނުމުގައި ސުލޫކީ މައްސަލަތަކުގެ ގޮތުގައި ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލައި، ބައެއް ފަނޑިޔާރުން ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ.
އިދިކޮޅު ކޯލިޝަނުން ފާހަގަކުރާ ގޮތުގައި ޖުޑިޝަރީ ދާއިރާ އިސްލާހުވުމުގެ ބަދަލުގައި މިހާރު ވަނީ ސިޔާސީވެފައެވެ. އެގޮތުން ކޯޓުތަކުގައި ތިއްބަވާ ފަނޑިޔާރުން ޖޭއެސްސީދެކެ ބިރުގަންނަކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.
ސުލޫކީ މައްސަލައެއް ވައްދަފާނެކަމުގެ ބިރު ނުވަތަ ފަނޑިޔާރު ކަމުން ވަކި ކޮށްފާނެކަމުގެ ބޮރު ފަނޑިޔާރުންގެ މެދުގައި އޮންނަކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުން ބޭނުންވާ ގޮތަށް ކަންކަން ކުރަން، ތިން މަރުޙަލާގެ ކޯޓުތަކުގައި ތިބި ފަނޑިޔާރުންނަށްވެސް ބިރު ދައްކަމުންދާކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތު ކުރެއެވެ.

