ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލަތައް ބޮޑުވެ، އެންމެފަހުން އައްޑޫ ފްލައިން ސްކޫލަށް ފިޔަވަޅު އަޅަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދާއި އެއްގޮތަށް އައްޑޫ ފްލައިން ސްކޫލް ހިންގަމުން އަންނަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) އަށް ފިޔަވަޅު އެޅުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއިން ނިންމައިފިއެވެ.

ހަޔަރ އެޑިޔުކޭޝަންއިން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލު ހޯދައިދިނުމަށް، ރާއްޖޭގައި ކިޔެވުމަށް ދޫކޮށްފައިވާ މަތީ ތައުލީމާއި ތަމްރީނުގެ ލޯނު ފުރުސަތުގައި ކިޔަވަމުން ދިޔަ ދަރިވަރުން ރާއްޖެއިން ބޭރަށް ބަދަލުވެގެން ކިޔެވުމުގެ ހުއްދަވާނީ 16 ޖުލައި 2019 ގައި ދީފައިކަމަށެވެ. އަދި ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރުމުގައި ހުރި ގޮންޖެހުންތަކަށް ފުރިހަމަ ހައްލެއް ލިބިފައި ނުވާތީ، މިނިސްޓްރީގެ މަތީ ތައުލީމާއި ތަމުރީނުގެ ލޯނު ފުރުސަތުގެ ދަށުން މިވަގުތު އޭޝިއަން އެކަޑަމީގައި ކިޔަވާ 96 ދަރިވަރުންގެވެސް ލޯނު އަނބުރާ ދައްކަން ފެށުމުގެ މުއްދަތު، ކޯސް ނިންމޭ މުއްދަތަށް ހެކި ލިބޭނެ ލިޔެކިޔުން ދަރިވަރުން ހުށަހެޅުމުން، ކޯސް ނިންމޭ ތާރީޚަކުން ފެށިގެން 6 މަސްދުވަހަށް  އިތުރުކޮށްދީފައިވާނެ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެ އެކަޑަމީ އޮޑިޓްކުރުމަށްފަހު 2019 ވަނަ އަހަރުގެ އޭޕްރިލް މަހު އަދި މިއަހަރުގެ އޮކްޓޯބަރު މަހުވެސް ފާހަގަކޮށްފައިވާ ކަންކަމަކީ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަންކަން ކަމަށް ފާހަގަވެފައިވާކަމަށް މިނިސްޓްރީއިން ބުނެއެވެ.

އަދި 2019 ވަނަ އަހަރުގެ އޭޕްރިލްއިން ފެށިގެން މިއަހަރުގެ އޮކްޓޯބަރާއިދެމެދުވެސް މިކަންކަން ރަނގަޅުކުރުމަށް އެދެވޭ މިންވަރަށް މަސައްކަތްކޮށްފައިނުވާތީ، ކަމާގުޅޭ އިދާރާތަކުގެ މަޝްވަރާއާއިއެކު، ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދާއި އެއްގޮތަށް އެކަޑަމީއަށް ފިޔަވަޅުއަޅަން ނިންމީކަމަށްވެސްް ހަޔަރ އެޑިޔުކޭޝަނުން ބުނެއެވެ.

މީގެ އިތުރުން އެކަޑަމީގައި މިވަގުތު މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު ފުރުސަތުގައި ކިޔަވަމުންދާ ދަރިވަރުންނާއި، އަމިއްލަ ހަރަދުގައި ކިޔަވަމުންދާ ގިނަ ދަރިވަރުންތަކެއްވެސް ހިމެނޭތީ، އެ ދަރިވަރުންގެ ހައްގު ރައްކާތެރި ކުރުމުގެ ގޮތުން، މިއަދުން ފެށިގެން މަސައްކަތު 20 ދުވަހުގެ ތެރޭގައި މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު ފުރުސަތުގައި އެ އެކަޑަމީގައި ކިޔަވަމުންދާ 96 ދަރިވަރުންނާއި، އަމިއްލަ ހަރަދުގައި ދަރިވަރުންގެވެސް ކޯސް ނިންމުމަށް އިންޑިވިޖިއުލް އެޑިއުކޭޝަން ޕްލޭންއެއް ހެދުމަށްފަހު މިމިނިސްޓްރީއަށް ހުށަހަޅާ، މިމިނިސްޓްރީއިން އެ ޕްލޭން ތަންފީޒުކުރުމާއި ގުޅޭ ހުއްދަ ހޯދައިގެން ކުރިއަށް ގެންދިއުމަށް ވަނީ އަންގާފައެވެ. އަދި އެ އެކަޑަމީއިން ހުށަހަޅާ ޕްލޭންއެއް ކުރިއަށް ގެންދިއުމުގައި ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރެވޭނެ ކަމަށާއި މި ޕްލޭންއާ އެއްގޮތަށް އަމަލުކޮށް، ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރެވެންދެން، އިތުރު ދަރިވަރުން އެކަޑަމީގައި އެންރޯލް ނުވެވޭނެ ކަންވެސް އޭއޭއޭއަށް ވަނީ އަންގާފައެވެ.

ސިވިލް އޭވިއޭޝަނުން އޮކްޓޯބަރު މަހު ފުރިހަމަ ކުރި އޮޑިޓަށްފަހު ހުށަހަޅާފައިވާ ގޮތަށް ހަފްތާއަކު ތިން ދުވަހުގެ ބަދަލުގައި ފަސް ދުވަހަށް އޮޕަރޭޝަންސް ބަދަލުކުރުމަށްވެސް އަންގާފައިވާނެއެވެ. އަދި ދެފުށް ފެންނަ ގޮތަށް، ދުރާލާ ޝެޑިއުލްތައް ތާވަލްކޮށް ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދަން ފަސޭހަވާނެ ހެން ތަމްރީނާއި އިމްތިހާނުގައި ބައިވެރިވުމުގެ މަގުފަހުކޮށްދިނުމަ ށްވެސް ވާނީ އަންގާފައެވެ.

އެއްވެސް އެއަރކްރާފްޓަކަށް މައްސަލައެއް ދިމާވެފައިވާނަމަ، އެކަމެއް އަވަހަށް ހައްލުކޮށް، ނުވަތަ ދަރިވަރުންގެ އަތުން ނެގޭ ފީ އިތުރު ނުވާނެހެން، ގަވާއިދުތަކުގެ ތެރެއިން އެހެން އެއަރކްރާފްޓެއް ބޭނުންކޮށްގެން ނަމަވެސް، ދަރިވަރުންގެ ކިޔެވުމަށް ބުރުއެއް ނާންނަގޮތަށް ކުރިއަށް ގެންދިއުމަށް ވެސް ވާނީ އަންގާފައެވެ. އަދި އެކަޑަމީއިން ދަރިވަރުންގެ އަތުން ފީ ނަގަމުން ދަނީ ބޭރު ފައިސާއިން ކަމުގައިވާތީ، މިއީ މަނިޓަރީ ގަވާއިދާއި ހިލާފުކަމަކަށްވާތީ، މިކަން ބައްލަވައިދެއްވުމަށް އެދި މިހާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އެދިފައިވާނެ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެެވެ.

އޭޝިއަން އެކަޑަމީ އޮފް ނޮޓިކްސްއިން ހިންގަމުން އަންނަަ އައްޑޫ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލަ ދަރިވަރުންނާއި، ދަރިވަރުންގެ ބެލެނިވެރިންނާ އަދި އެ އެކަޑަމީގެ ސްޓޫޑެންޓް ޔޫނިއަންގެ ފަރާތުން މިނިސްޓްރީއާއިވަނީ ހިއްސާކޮށްފައެވެ. އަދި ސޯޝަލް މީޑިޔާއާއި މީޑީޔާގެ އކި ވަސީލަތްތައް މެދުވެރިކޮށް މިކަމުގެ ކަންބޮޑުވުންތައް އަންނަނީ ފާޅުކުރަމުންނެވެ.

އެގޮތުން ކޯހުގެ މުއްދަތު ދިގުލައިގެންގޮސް، ކޯސް ނިމޭނެ ދުވަހެއް ނޭންގުމާއި ބިދޭސީ އަދި ދިވެހި ދަރިވަރުންނާއި މެދު ތަފާތުކުރުން ގެންގުޅުންފަދަ އެތައް މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެއްވެސް ކަހަލަ ގަވާއިދެއް ނުވަތަ އުސޫލެއް ނެތުމާއި، ޗެކްރައިޑް ޝެޑިޔުލްކޮށް ނުދިނުމާއި، އެކަންކަމަށް އެދި ދަރިވަރުން އާދޭސްކުރަންޖެހުންފަދަ އެތައް މައްސަލައެއް ދަރިވަރުން ވަނީ ފެންމަތިކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: