ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި އައިމިނަތު ދިޔެ ޝަރީއަތް ނިމެންދެން ބަންދު ކުރީ ރަނގަޅަށް: ސުޕްރީމް ކޯޓު

އަންހެމީހާ ފްރޭމް ކުރީކަމަށް ބުނެ އައްޑޫގައި ކުރި އިހުތިޖާޖުތަކުގެ ތެރެއިން/ފ ޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫސިޓީ ހިތަދޫއިގައި 6 އަހަރުގެ ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ތުހުމަތުކޮށް ހައްޔަރު ކުރި އުމުރުން ދުވަސްވީ އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރު ރަނގަޅުކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

މިދިޔަ މާޗް މަހު 23 ގައި 6 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަަމަށް ފުލުހުންގެ މުއައްސަސާއަށް ހުށައެޅުނު މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ 59 އަހަރުގެ މީހެކެވެ. ނަމަވެސް އެ އަމަލު ހިންގީ އެ ކުއްޖާގެ ކާފަކަމަށް ބުނެ އައްޑޫގައި ބޮޑެތި އިހުތިޖާޖުތައްކޮށް މުޒާހަރާ ކުރި ނަމަވެސް ފުލުހުން ބުނީ އިތުރު މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ އެއްވެސް ހެއްކެއް ލިބިފައި ނެތް ކަމަށެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމުގެ އަމުރަކަށް އެދުނެވެ.

އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވެސް، ދަށު ކޯޓުގެ ހުކުމް ދެމެހެއްޓި އެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވަންދެން އަންހެން މީހާ ބަންދުގައި ބެހެއްޓުމަށް ފަހު ދައުވާ ކުރެވޭ ވަރުގެ ހެއްކެއް ނެތްކަމަށް ބުނެ ދޫކޮށްލި އެވެ. އޭރު މައްސަލަ އޮތީ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފަ އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައި ވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރަކީ އެ އަމުރަށް އެދުމުގެ ގާނޫނީ ހައިސިއްޔަތު ނެތް ފަރާތަކުން ގާނޫނާ ހިލާފަށް ހުށަހަޅާފައިވާ ފޯމެއްގެ މައްޗަށް ނެރެފައިވާ އަމުރެއްކަން ފެންނަން އޮތްއިރު ކަނޑައެޅިގެން ގާނޫނާ ހިލާފު އިޖުރާއަތެއް ރަނގަޅުކަމަށް ހައިކޯޓުން ނިންމަވާފައި ވަނީ ގާނޫނުއަސާސީގެ 20 ވަނަ މާއްދާއާ ހިލާފަށް ގާނޫނުގެ ރައްކާތެރިކަން ގެއްލޭގޮތަށް އަދި ގާނޫނުއަސާސީގެ 142 ވަނަ މާއްދާއާ 143 ވަނަ މާއްދާގެ (ރ) އާއި ހިލާފަށް ކަމަށެވެ.

އަދި އަމުރު ނެރެފައި ވަނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކުން އަމަލުކުރުމުގެ ގާނޫނުގެ 32 ވަނަ މާއްދާގައި ކޯޓުން ރިއާޔަތް ކުރުން ލާޒިމުކަމަށް ކަނޑައަޅާފައިވާ ކަންކަމަށް ރިއާޔަތް ކުރުމަކާ ނުލައިކަން ފާހަގަ ކުރުމުން ވެސް ހައިކޯޓުން އެކަމަށް އެކަށީގެންވާ ގޮތެއްގައި ރިއަޔަތް ކުރުމެއް ނެތި ނިންމަވާފައިވާކަމަށް އިސްތިއުނާފީ ނުކުތާތަކުގައި ވެއެވެ.

އޭގެއިތުރުން އަންހެން މީހާ ތަހުގީގު މަރުހަލާ އަދި ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުކުރުމަށް އަމުރު ނެރުމުގައ އަނިޔާ ލިބުނު ކުއްޖާގެ ބަހެއް ހުށަހަޅާފައި ނުވަނީސް އަދި ހުށަހެޅުނު ހެކީގެ ގޮތުގައި އެފަދަ ހެއްކެއް ނެތްކަމަށް ވެއެވެ.

މިއަދު މައްސަލައިގައި ސުޕްރީމް ކޯޓުން ބޭއްވި އަޑުއެހުމުގައި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔުއަށް އެހެން ފަނޑިޔާރުން ތާއީދު ކުރެއްވި އެވެ. އެއީ ރިޔާސަތު ބެލެހެއްޓެވި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި، ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ނިންމުމުގައި ވަނީ އަންހެން މީހާގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމުގައި އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ގޮތެއް ނިންމީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ހާއްސަ އުސޫލުތަކަކުން އަމަލު ކުރުމުގެ ގާނޫނަށް ރިއާޔަތްކޮށް، އެ ގޮތަށް ބަންދު ކުރުމަށް އެދި ދައުލަތުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށްކަމަށެވެ. 

މައްސަލައިގައި ދައުލަތުން ވެސް އަންހެން މީހާ އާއި ދެކޮޅަށް ތިން ހެއްކެއް ހުށަހެޅި އެވެ. އެއީ ކުއްޖާއަށް އަނިޔާ ކުރި ގޮތް މަންމައަށް ކިޔައިދިންކަމަށް ބުނާ ބަޔާނާއި، ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓު އަދި ސްކޫލުގައި ކުއްޖާ ބެލުމާއި ހަވާލުވެ ހުރި މީހާގެ ބަޔާނެވެ.

ދައުލަތުން އަންހެން މީހާ ބަންދުގައި ބަހައްޓައިދޭން އެދުނު ސަބަބުތަކުގެ ތެރޭގައި ހެއްކަށް ނުފޫޒު ފޯރުވުން ހިމެނެ އެވެ. އަދި އަންހެން މީހާ ތިން މާމަ ދަރިން ބަލަހައްޓާއިރު، އެ ކުދިން އަނިޔާއިން ސަލާމަތް ކުރުމަށް ބަންދުގެ އަމުރު ނެރެން ދައުލަތުން އެދުނެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ އެ ކުދިން އަނިޔާއަކުން ސަލާމަތް ކުރުމަށް ބަންދުގެ އަމުރު ނެރެން ނިންމި ނިންމުން ރަނގަޅު ކަމަށެވެ.

އަންހެން މީހާގެ މައްޗަށް ދައުވާ ކުރެވެން ނެތްކަމަށް ނިންމީ ހައިކޯޓުން އޭނާގެ ބަންދު ދެމެހެއްޓިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ. މަައްސަލައިގައި ބަޔާނެއް އާއްމުކޮށް ފުލުހުން ބުނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހެކި ވަޒަން ކުރުމަށް ފަހު، ޖިނާއީ ދައުވާއެއް ސާބިތު ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާކަމަށް އަންގައި މައްސަލަ އަނބުރާ ފޮނުވާލީ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނީ މައްސަލައާއި ގުޅުންހުރި އެންމެހައި ހެކިތައް ހޯދުމަށް މަސައްކަތް ކުރިމަށެވެ. ނަމަވެސް އިތުރު އެއްވެސް މީހެއް ނުވަތަ ބައެއްގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް އެކަށީގެންވާ ހެއްކެއް ނުވަތަ ގަރީނާއެއްވެސް ފެނިފައި ނުވާކަމަށް އެ ބަޔާނުގައި ވެއެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: