ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އާންމުން ހަތިޔާރު ގެންގުޅުމުގެ ގާނޫނެއް ބޭނުންވޭ!

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް ކުރިޔަށް ގެންދިޔަ ހަރަކާތުގެ ތެރެއިން: ފޮޓޯ - ފޭސްބުކް/ އަހުމަދު އާއިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންގެ ހައްގުތައް ނިގުޅައިގަތުމުގެ މައްސަލަތައް ގިނަވެއްޖެއެވެ. އެތައް މައްސަލައެއް މިފަހުން ފެންމަތިވެ ވެރިކަމުން ފައިބައިގެންދާ ސަރުކާރަކީ އެފަދަ އަމަލުތައް ހިންގާ މީހުން ހިމާޔަތްކުރާ ސަރުކާރެއްކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ. މައްސަލަތައް ޖެހި ގެއްލުންތައް ލިބެމުންދާނަމަވެސް އިންސާފު ގާއިމުކުރެވި މުޖުތަމައުގެ ތެރޭގައި އެފަދަ އަމަލުތައް ހިންގާ މިންވަރު މަދެއް ނުވެއެވެ.

އެހެންކަމުން، ދާދި ފަހުން އައްޑޫގައި ފެނިގެންދިޔަ ގޮތަށް ތުހުމަތުކުރެވޭ މީހާ ސަރުކާރުގެ ބެލުމުގެ ދަށުން ސަލާމަތުގެ އައްސޭރިއަށް ރައްކާވެވަޑައިގެންނެވިއިރު، މައުސޫމަކުގެ ބޮލުގައި އެތައް ބަދުނާމެ އެޅި އަނިޔާތަކެއް ލިބިގެންދާ ހިސާބަށް ރާއްޖޭގެ ކަންކަން ބޮއްސުންލައިގެން ދިއުމުން މިކަމާއިމެދު ރައްޔިތުން ހޭލުންތެރިކުރުވުން މުހިންމެވެ. ހަމަ އެފަދައިން ގައުމެއްގެ ސަރުކާރުވެސް މިހާރު ކަން ހުރި ހިސާބުން ވެދާނެ ގޯސްތަކުގެ މައްޗަށް ހޭލުންތެރިކުރެވިފައި އޮތުން މުހިންމެވެ.

ޖެންޑާރ މިނިސްޓްރީގެ 2023 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބެލުމުންވެސް ރާއްޖޭގައި ޖިންސީ ގޯނާކުރުމުގެ މައްސަލަ ބޮޑުވަމުންދާ މިންގަނޑުތައް ސާފުވެއެވެ. 2023 ވަނަ އަހަރު ދެބައިވީއިރު ކުޑަކުދިންނާއި ގުޅޭ 1500 މައްސަލައެއް ހުށައެޅިފައިވެއެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުން ބައެއް މަސް މަހު 300 އަށްވުރެ ގިނަ މައްސަލަ ހުށައެޅިފައިވެއެވެ. މި މައްސަލަތަކުގެ ތެރޭގައި ގިނައީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކެވެ.

މުޖުތަމައެއްގައި މިފަދަ މައްސަލަތައް ޖެހޭ މިންވަރާއި ކަމާއި ބެހޭ ފަރާތްތަކަށް އަންގައި ހުށައެޅިގެންދާ މިންވަރާއި ވަރަށްވެސް ތަފާތެވެ. ހިނގާ މިންވަރާއި ބަލާއިރު ހުށައެޅިގެންދާ މައްސަލަތައް އިންތިހާ މަދުއިރު ބެލޭ މައްސަލަތައް އެއަށްވުރެވެސް މަދުވުމަކީ ހިތާމަހުރި ކަމެކެވެ. އެތައް ފަހަރެއްގެ މަތިން މައްސަލަ ދިގުލައިގެންގޮސް ކޮންމެވެސް ސަބަބަކާއި ގުޅިގެން އަނބުރާ ގެންދިޔަ ކަންވެސް ފާހަގަކުރެވިފައިވާއިރު ދައުވާ ކުރުމަށް ފޮނުވޭ އަދަދާއި ބަލައި ސާބިތުކުރެވި ހުކުމް ކުރެވި ތަންފީޒުކުރުމާއި ހިސާބަށް ވާސިލުވެވޭ މައްސަލަތައް މަދުކަމަށްވުމުން ބިރުވެރިކަމެއް އާލާވެ އިންސާފު ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދުވެއްޔާއިމެދު ވަރަށްވެސް ގިނަ ސުވާލުތައް އުފެދެއެވެ. ބައެއް ފަހަރު ގިނަ ދުވަސްވެ މައްސަލަ ނުބެލޭ ހިސާބަށްވެސް ދެއެވެ، އެ ހިސާބުން އަނިޔާތައް ލިބުނު މީހާއަށް އިންސާފުގެ ދޮރުތައް ބަންދުވާފަދައެވެ.

އެހެންކަމުން މިފަދަ ކުށްތައް ކުރާ ފަރާތްތައް ގާނޫނީ އިމުގެ ތެރެއިން ޖަވާބުދާރީ ކުރެވޭނެ ޔަގީން މަގުތަކެއް ކޮށިފައި އޮތުން އަދި އެކަން ކުރެވިގެންދާކަން ކަށަވަރުކުރުން ރާއްޖެ ފަދައިން ތަރައްގީވަމުންދާ ގައުމެއްގައި ކޮންހެންވެސް ބޭނުންތެރިއެވެ. ނޫން ނަމަ މިހާރު މައްސަލަ އޮތް ހިސާބުން އެހެނިހެން ގައުމުތަކުގައިވެސް ފެނިގޮސްފައިވާ ފަދައިން ރާއްޖޭގައިވެސް ރައްޔިތުންގެ ހައްގުތައް ހާއްސަ ގޮތެއްގައި ކުޑަކުދިންނާއި ދުވަސްވީ މީހުންގެ ހައްގުތައް ކަށަވަރުކުރުމުގައި ދައުލަތް ފެއިލްވުމުން އާންމުން އަނބިދަރީންނާއި މައިން ބަފައިން ރައްކައުތެރިކުރުމުގެ މަސަައްކަތްތައް އަމިއްލަ އަތް މައްޗަށް ނަގާ މަންޒަރުތައް ފެނިގެންދިއުމަކީ ދުރުތާ ހިޔާލެއް ނޫނެވެ.

އެހިސާބުން ނުކުންނާނެ ނަތީޖާތައް އެންމެނަށްވެސް އަންދާޒާ ކުރެވޭނެއެވެ. ރައްޔިތުން މެދުގައި މައްސަލަތަކަށް އިންސާފު ގާއިމުކުރުމަށް ކިޔަނީ ވިޖިލާސްޓީ ޖަސްޓިސްއެވެ. އެފަދަ ކަމެއް ދާދި ފަހުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ފެނިގެންދިޔައެވެ. އާންމުން ނުކުމެ ކުޑަކުއްޖަކަށް ޖިންސީ ގޯނާއެއް ކުރުމަށް މަސައްކަތްކުރި މީހަކު އަތުލައިގަނެ އަނިޔާކުރިއެވެ. އިތުރަށް ގޯސްވެގެން ނުދިޔައީ އެކި ޖީލުތަކުގެ ދެމެދު ކަންކަމަށް ރިއެކްޓުކުރުމުގަޔާއި މިޒާޖުގައި ހުންނަ ތަފާތުތަކުގެ ސަބަބުންނެވެ.

މިއަދު ހަރު އުމުރު ފުރައިގައި ތިބި ޖީލުތައް އެތަނުގައި ލޭ އޮހޮރުވުމެއް ނުފެށިނަމަވެސް، ޒުވާނުންގެ ޖީލުތަކަކީ ކުޅި މަޖަލުގެ ތެރޭގައިވެސް މައްސަލަތައް ޖެހި އަތް ފައި އިސްކުރާ ބައެއް ކަމަށް ފެނިގެންދާތީ، ކޮންމެ މީހެއްގެވެސް ލޭކެކިގެންދާނެ މިފަދަ މައްސަލައެއްގައި ކަންކުރާނީ ވަރަށްވެސް ތަފާތުކޮށްކަން ޔަގީނެވެ.

ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ޖެހުނު މަޝްހޫރު އިންސާފާއިމެދު ސުވާލު އުފެދޭ މައްސަލަތަކަށް ބަލާއިރު، ފިރިހެން ދަރިއަށް ޖިންސީ ގޯނާކުރި މީހަކު ހިފަހައްޓައި ކަޓަރެއް ބޭނުންކޮށްގެން ގުނަވަން ބުރި ކުރި މަންމައެއް 2013 ވަނަ އަހަރުގައި ޖަލަށް ލުމަށް ހުކުމް ކުރި މައްސަލައާއި ތުއްތު ދަރިފުޅަށް ޖިންސީ ގޯނާކުރަނިކޮށް އަތުލައިގަނެވުމުން ކުއްޖާގެ ބައްޕަ އެ މީހާ ތަޅާ މަރާލި މައްސަލައެއްވެސް މީޑިއާތަކުން ފާހަގަކުރެއެވެ. މީޑިއާތަކުން ބުނާގޮތުން ޓެކްސަސްގައި ޖެހުނު މި މައްސަލައިގައި ހަމަލާދިން މީހާ މަރާލުމަށްފަހު ކަމާއިބެހޭ ފަރާތްތަކަށް ގުޅީވެސް ކުއްޖާގެ ބައްޕައެވެ. އަދި އެ ސަރަހައްދުގެ ގާނޫނު އޮންނަ ގޮތުން އޭނާ ޖަލަށް ދާކަށް ނުޖެހޭކަމަށާއި އެކަމާއި ގުޅިގެން އެއްވެސް ގާނޫނީ މައްސަލައެއް ކުރިމަތިނުވާކަމަށް ބުނެފައިވެއެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު މިފަދަ މައްސަލަ ހިނގީ ކެމެރާތައް ކުރިމަތީގައެވެ. ބަފަޔަކުވަނީ އޭނާގެ ފިރިހެން ދަރިއަށް ޖިންސީ ގޮތުން ހަމަލާ ދިން މީހާ ކޯޓަށް ގެންދިއުމަށްޓަކައި ކަމާއި ބެހޭ ފަރާތްތަކުން މަސައްކަތްކުރަމުންދިޔައިރު ލިބުނު ފުރުސަތެއްގައި ބަޑި ޖަހާ މަރާލާފައެވެ. އޭނާ އެކަން ކުރީ ކެމެރާމަނެއް އެތަނުގައި އެވަގުތު މަންޒަރު ވީޑިއޯކުރަމުންދަނިކޮށެވެ. އެހެންނަމަވެސް ކޯޓުތަކުން އޭނާއަށް ހުކުމް ކުރީ އިތުރު ކުށެއް ނުކުރާ ހިނދު ޖަލަށް ދާން ނުޖެހޭނެ ގޮތަށް 7 އަހަރު ހޭދަކުރުމަށެވެ. މިހެން ގޮސް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެއް ޒާތެއްގެ މިފަދަ ކޭސްތައް އެބަހުރިކަން ފާހަގަކުރެވެއެވެ.

މިއިން ކޮންމެ ގައުމެއްގައިވެސް މިފަދަ އެތައް ކަމެއް ދިމާވުމުގެ ކުރިން ގަދަވެގެންދިޔަ އަޑަކީ ޖިންސީ ފުރައްސާރަތަކުން ސަލާމަތްކުރުމުގައި ސަރުކާރުތަކުގެ މަދަދަށް އެދި ގޮވާލި އަޑެވެ. ރާއްޖޭގައިވެސް ދިވެހި ރައްޔިތުން ވަނީ މި ބިރުވެރި މައްސަލައަށް ހައްލެއް ގެނައުމަށް ގޮވާލައި ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައެވެ. އެހެންނަމަވެސް މައްސަލަތައް ދަނީ ބޮޑުވަމުންނެވެ. އެފަދަ ހުތުރު އަމަލުތަކަށް އަރައިގަތުން ގިނަވަމުންދަނީ އެޅެންޖެހޭ ފިޔަވަޅުތައް އަޅައި ކުށްކުރާ މީހުންނަށް ކޮންމެ ފަހަރެއްގައިވެސް އަދަބު ލިބިގެންދާނެކަން ކަށަވަރުކުރެވިފައިނުވާތީ އެކަމުން ހިތްވަރެއް ލިބިގެންދާތީކަން ޔަގީނެވެ.

އެހެންކަމުން ކަމުން ރާއްޖޭގައިވެސް މާދަމާ މިގޮތަށް ރައްޔިތުން ހައްގުތައް ކަށަވަރުކުރަންޖެހިދާނެބާއޭ ފެންނަ މަންޒަރުތަކުގެ ސަބަބުން ހިތަށް އަރައެވެ. އިސްވެ ދެންނެވި ފަދަ ގޮތަށް ނޫނަސް ރައްޔިތުންގެ ތެރޭގައިވެސް ހައްގުތައް ކަށަވަރުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހެއެވެ. ރާއްޖޭގައި ދީން ހުއްދަކުރާ އިމުގެ ތެރެއިން ޖިންސީ ކަންކަމާއި ބެހޭގޮތުންވެސް ފުރިހަމަ މައުލޫމާތު ދެވެންޖެހެއެވެ. ރައްޔިތުންނަކީ ނަފްސުގެ ރައްކައުތެރިކަން ކަށަވަރުކުރެވޭ ބައެއްކަމަށް ވާން އެބަޖެއެވެ. އެ މަގުން ކަންކަން ކުރުމަށްޓަކައި ސެލްފް ޑިފެންސް ދަސްކުރުން ފަދަ ކަމެއް ކުރެވިދާނެއިރު، ޖިންސީ އަދި އެ ނޫންވެސް ހަމަލާއަކުން ރައްކައުތެރިވުމުގައި ގާނޫނީ ގޮތުން އަމަލުކުރެވޭނެ ހާލަތާއި ގޮތްތައްވެސް ދެނެގަތުން އިންތިހާ މުހިންމެވެ.

މިއަދު ރާއްޖޭގެ ހާލަތު ބަދަލުވެ ގޯސްވެފައިވާކަން ފެނިގެންދާ އެއް ހެއްކަކީ ފުލުހުން ކަރަންޓު ބަޑިއެއް ގެންގުޅުމެވެ. ކަރަންޓު ނަމަވެސް ހަތިޔާރެއް ބޭނުންކުރަން މަޖުބޫރުވެއްޖެކަން ޔަގީނެވެ. އެހެންނަމަވެސް ދިފާއު ވެވޭނީ ދިފާއުވާ މީހާ އަތުގައި ޓޭޒަރު އޮވެގެންކަމަށްވުމުންނާއި ކަމެއް ދިމާވުމަށްފަހު ފުލުހުން ސީނަށް އައިސް އައިސް ޓޭޒަރު ހިފައިން އުޅެގެން ކްރައިމް ޕްރިވެންޝަންގެ މަގުސަދު ހާސިލުވެގެން ނުދާކަމަށްވުމުން އެ ބޭފުޅުންނަށް ޓޭޒަރު ހުއްދަކުރީ ނަފްސުގެ ރައްކައުތެރިކަން ކަށަވަރުކުރުމުގެ މަގުސަދާއި އެހެނިހެން މަގުސަދުތައްވެސް ހާސިލުކުރުމަށްކަމަށް ބެލެވެއެވެ.

އެހެންކަމުން އެންމެ ކުޑަމިނުން ދިވެހި ރައްޔިތުންގެ ތެރެއިން ކުށަކަށް އަރައިގަނެފައިނުވާ މީހުންނަށް ނަމަވެސް ފުލުހުންގެ މުއައްޒިފުންނަށް ދީފައިވާ ފަދައިން ނަފްސު ރައްކައުތެރިކުރުމުގެ ވަސީލަތްތައް ގާނޫނީ އިމުގެ ތެރެއިން ކަނޑައަޅައި ލިބިދޭންޖެއެވެ. އަދި ރާއްޖޭގެ ރައްޔިތުން އަޅުވެތިކަމުގެ ތެރެއަށް ވެއްޓިދާނެކަމުގެ ބިރު އޮތްކަމަށް ބުނަމުންދާތީ އާއި ހަގީގަތުގައިވެސް މި ޒަމާނުގައި ބޭރު ގައުމެއްގެ ސިފައިން އައިސް ހެދުނު ގޮތެއް ހަދާލާއިރު ހުސް އަތާ ރައްޔިތުންނަށް ކުރެވޭނެ އެއްކަމެއްވެސް ނެތްކަަން ފަލަސްތީނުގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކުން ސާފުވާކަމަށްވުމުން ރާއްޖޭގައިވެސް އާންމުން ހަތިޔާރު ގެންގުޅުމުގެ ގާނޫނެއް ފަރުމާކޮށް، ރައްޔިތުންނަށް ނަފްސުގެ ރައްކައުތެރިކަން ފުރިހަމައަށް ލިބިދޭންޖެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: