މި މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ފަޅުތެރޭގައި އޮތް ކަންނެލިން ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އިސް މީހާ މިއަދު ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރަން ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުން ދޫކޮށްލީ ގއ. ވިލިނގިލި/ލައިޓްހައުސް، ޝަހީބް އިބްރާހިމް (42އ) އެވެ. އޭނާ އަކީ ޕީއެންސީގެ ކައުންސިލް މެމްބަރެކެވެ.
ޝަހީބް ދޫކޮށްލާފައިވަނީ، އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކޯޓަށް ޙާޞިރުކުރުމުންނެވެ. ޝަހީބް ދޫކޮށްލާފައިވަނީ ހެކި ހުރެގެން ފުރަތަމަ ފަހަރަށް މުއްދަތު ދިނުމަށްފަހު، ތަޙްޤީޤަށް މިހާރު އިތުރަށް ލިބިފައިވާ ހެއްކާއެކު މިއަދު ކޯޓަށް ހުށަހެޅުުމުން ކަމަށް ފުލުހުން ބުނެއެވެ.
ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މި މައްސަލައިގައި 7 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން އިސްކޮށް އުޅުނުކަމުގެ ތުޙުމަތުގައި ހައްޔަރުކުރި 2 މީހެއްގެ މަޢުލޫމާތު ފުލުހުން ވަނީ އާއްމުކޮށްފައެވެ. އެއީ ހއ. ހޯރަފުށި ވައިލެޓްވިލާ، ޢުމުރުން 48 އަހަރުގެ އަޙުމަދު މޫސާއާއި ޝަހީބް އެވެ.

