ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
އެ އޮޕަރޭޝަންތައް ހިންގާފައިވަނީ ށ. މިލަންދުއާއި އދ. މާމިގިލީގައެވެ.
ފުލުހުންނ ބުނީ މާލެއިން މިލަންދުއަށްދާ ދެ މީހަކު އެރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް އާންމުފަރާތަކުން މިލަންދޫ ޕޮލިސް ސްޓޭޝަނަށް ދިން މައުލޫމާތަކާ ގުޅިގެން މި ނޮވެމްބަރ 9 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ މީހަކާއި 28 އަހަރުގެ މީހެއްކަމަށެވެ.
މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.
މިލަންދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި، އެރަށު ބަނދަރުމަތިން އެ ދެމީހުން ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓާއި، ބަނގުރާ ފުޅިއެއް ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންނ ބުނީ މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު 26 އަހަރުގެ މީހާއަށް ދީފައިވާއިރު 28 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާކަމަށެވެ.
ފުލުހުންނ ބުނީ އދ. މާމިގިލީގައި ހިންގި އޮޕަރޭޝަނަކީ މާމިގިލިން އެ އަތޮޅު ހަންޏާމީދުއަށް މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސާއި މާމިގިލީގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ.
އެ އޮޕަރޭޝަނުގައި 54 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ.
މި ނޮވެމްބަރ 9 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި މާމިގިލި ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ކަރުދާސްކޮޅު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި ދެ މައްސަލަވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

