ވ. ސިނަމަން ވެލިފުށީ ރިސޯޓުގެ ދެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު(އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ސިނަމަން ވެލިފުށީ ރިސޯޓުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ ދެ ބިދޭސީންކަމަށާއި، އެ ދެމީހުން ޕޮޒިޓިވްވެފައިވަނީ މިމަހުގެ 10 ވަނަ ދުވަހުކަމަށެވެ. އަދި މި ދެ މީހުންވެސް ބައްޔަށް ޕޮޒިޓިވެފައިވަނީ ޢަލާމަތްތައް ފެނިގެން ޓެސްޓްކުރުމުންކަމަށް ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، މިކަމާގުޅިގެން އެ ރިސޯޓުގެ އައުޓްބްރޭކް މޮނިޓަކުރުމުގެ މަސައްކަތް އެ ސެންޓަރުން ކުރަމުންދާކަމަށެވެ. އަދި މިހާތަނަށް މި ކޭސްއާއި ގުޅިގެން އެ ރިސޯޓުގައި މަސައްކަތްކުރާ 38 ސްޓާފެއްގެ ސާމްޕަލްނަގާ ޓެސްޓްކޮށްފައިވާކަމަށާއި، އެ ހުރިހާ ސާމްޕަލެއްގެ ނަތީޖާ ނެގެޓިވްވެފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ބާކީ ތިބި ހުރިހާ ސްޓާފުންގެ ސާމްޕަލް ނެގުމުގެ ކަންކަން މިހާރުވެސް ކުރިއަށްދާކަން ޑރ. ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.

