ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިރީހަކަށް އަހަރުވީ ބިދޭސީންގެ މައްސަލައަށް ޙައްލެއް ލިބިދާނެކަމުގެ އުންމީދު އައުކޮށްދިނީ ރައީސް ޞާލިޙްގެ ސަރުކާރުން

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ----
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތަކުގެ ވާހަކަތައް ހޮޅުއަށިއަށީގައި، ސައިހޮޓާތަކުގައި އަދި އެނޫން ވެސް އެތައް މަޖިލީސްތަކެއްގައި ދެކެވޭ ވާހަކަތަކެއްގެ ގޮތުގައި އޮންނަތާ 30 ވަރަކަށް އަހަރުވީއެވެ. އެ މައްސަލަތަކަކީ މައްސަލަތަކެއްގެ ގޮތުގައި ދެކިގެން އެ ކަންކަން ޙައްލުކުރުމަށް ފޫގަޅައިލި ސަރުކާރެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ނޫނީ ނެތެވެ. މިހެން ދަންނަވަން ޖެހޭ ސަބަބަކީ، އެ ކަންކަމާމެދު ފިޔަވަޅެއް އަޅާފައިވާތަން ފެންނާން ނެތުމެވެ. މި ސަރުކާރާ ޖެހެންދެން ރާއްޖެ އަންނަ ބިދޭސީ މަސައްކަތްތެރިންގެ ޢަދަދު ދިޔައީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ. ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ޢަދަދު ވެސް ދިޔައީ އަހަރުން އަހަރުން ގުނަވަމުން މައްޗަށެވެ.

އެ މީހުންނަށް އިހާނެތިކޮށް ހިތާ މައްސަލަތަކާއި ބިދޭސީންގެ އެކޮމަޑޭޝަންގެ ހާލަތުގެ ވާހަކަ ދައްކާނެ ވެސް ކަމެއްނެތެވެ. އެންމެ ފަހުން ބިދޭސީން އަމިއްލައަށް އެހެން ބިދޭސީންނަށް ގެސްޓްހައުސް ހިންގައި ހިސާބަށް ކަންކަން އޮތީ ގޮސްފައެވެ. ރާއްޖޭގައި ތިބީ ކިތައް ބިދޭސީ މަސައްކަތްތެރިންކަމެއް ވެސް ހިތުލަފައަކަށް ނޫނީ އެނގޭނެ ގޮތެއް ނެތެވެ. ބިދޭސީ މަސައްކަތްތެރިން ގިނަވެ ބިދޭސީ މަސައަކަތްތެރިން ނެތީ ކޮންދާއިރާއެއްގައި ބާވައޭ ހިތައް އަރާހިސާބަށް ކަންކަން އޮތީ ގޮސްފައެވެ. ކޮންސްޓްރަކްޝަން މަސައްކަތުން ފެށިގެން ރިޒޯޓްތަކާއި ދަނޑުބިންތަކާއި މަސްދޯނިތަކާއި ކުޑަމިނުން ރާބަދި ހިފައިންގެން ރާކުރަން ރުކަށް އަރަން ވެސް ތިބީ ބިދޭސީންނެވެ.

ބިދޭސީންނާ ގުޅޭ ކަންކަން މި ބަޔާންކުރިފަދަ ހާލަތެއްގައި އޮއްވައި ރައީސް ޞާލިޙްގެ ސަރުކާރުން ވަނީ ސުމަކުން ފަށައިގެން އަލުން ނިޒާމުތައް ޤާއިމުކޮށްދީ އެންމެ ދެ އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލައަށް ވަށާޖެހޭ ޙައްލެއް ގެނައުމުގެ މަސައްކަތް ފަށައި ކާމިޔާބީތަކެއް ޙާޞިލްކޮށްފައެވެ. އެ މަނިކުފާނުގެ ސަރުކާރުން މި މައްސަލައަށް ދެއްވާ ޚާއްޞަ ސަމާލުކަން ދޭހަވާ އެއްކަމަކީ ރާއްޖެއަށް މަސައްކަތްކުރުމަށް ނެގެވިފައިވާ ފަރާތްތަކާ ގުޅިގެން ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ‘ހައި ލެވެލް ނެޝަނަލް ޓާސްކް ފޯސް” އެއް އެކުލަވާލައްވާފައި ވުމެވެ.

ސުމަކުން ފަށައިގަތުން

އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައި އޮތް ބިދޭސީންގެ ރެޖިސްޓްރީގެ ކަންކަން ހަރުދަނާކޮށް ސަރުކާރުން ފުރަތަމަ ވެސް ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޢަދަދު ދެނެގަނެ ބިދޭސީންގެ ދަފުތަރެއް އެކުލަވާލާފައެވެ. “ހަރަހެރި” ގެ ނަމުގައި ޕޯޓަލްއެއް އިފްތިތާޙުކޮށް ފެށި މި މަސައްކަތުގެ ދަށުން މާލޭގެ އިތުރުން ރަށްރަށުގައި ދިރިއުޅޭ ބިދޭސީން ވެސް މި ޕޯޓަލްގެ ތެރެއިން ރަޖިސްޓްރީ ކުރުވުމުގެ ޒިންމާ އެ ރަށްރަށުގެ ކައުންސިލްތަކާ ހަވާލުކުރިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން މިހާރު ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ފުރިހަމަ ޢަދަދުތައް ދެނެގަތުމަށް ވަނީ މަގުފަހިވެފައެވެ. ހަމަ އެހެންމެ އެތައް ބަޔަކު، ހުންނަންޖެހޭ ލިޔެކިޔުންނެތި ޤަވާޢިދާ ޚިފާލަށް އުޅެމުންދާކަމަށާއި އެ މީހުންގެ އަތުގައި އެއްވެސް ލިޔެކިޔުމެއް ނެތްނަމަވެސް ރާއްޖޭގައި މަސައްކަތްކުރުމަށް ފަހި މާޙައުލެއް އޮތްކަން އެނގުމާއެކު ދެންފެށީ މަސައްކަތްތެރިން ޤަވާޢިދުގެ ތެރެއަށް ވެއްދުމުގެ މަސައްކަތެވެ.

ރިޕެޓްރިއޭޝަން އަދި ރެގިއުލަރައިޒޭޝަން

ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަ މަސައްކަތްތެރިންގެ މައްސަލަ ޙައްލުކުރުމުގައި ކުރީގެ ސަރުކާރުތަކުން ގެންގުޅުނު އުސޫލަކީ އެ ފަދަ މީހުން ހިފައި ހައްޔަރުކޮށް އަދަބުދީ ނުވަތަ ޑީޕޯޓްކޮށްލުމުގެ އުސޫލެވެ. ނަމަވެސް މި ސަރުކާރުން ދުށީ މިއީ އެއަށްވުރެ މާ ފުޅާ، ބޮޑު މައްސަލައެއްގެ ގޮތުގައެވެ. ބައެއް ބިދޭސީން ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅެން މަޖުބޫރުވެފައި ވަނީ އެ މީހުނާ ހަވާލުވެ މަސްޢޫލިއްޔަތު ނަގަންޖެހޭ ފަރާތްތަކުގެ އިހުމާލާ ވެސް އެކުގައެވެ. އެހެންކަމުން މި ސަރުކާރުން ކަމާގުޅޭ ޤަވާޢިދުތައް ހަރުދަނާކޮށް ބިދޭސީ މަސައްކަތްތެރިންނާ ހަވާލުވެފައިވާ ފަރާތްތައް ޒިންމާދާރުކުރުވުމުގެ މަސައްކަތް ވެސް ފެށިއެވެ.

ހަމަ އެހެންމެ އަމިއްލައަށް އެދިގެން ޤަވާޢިދުގެ ތެރެއަށް ވަނުމުގެ ފުރުޞަތު ވަރަށް ބޮޑަށް ފުޅާކޮށް، ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން ވެސް ޤަވާޢިދުގެ ތެރެއަށް ވައްދައިގެން އެކި މަސައްކަތްތަކަށް މީހުން ރެކްރޫޓްކުރެވޭނެ ފަސޭހަގޮތްތަކެއް ހޯދައިދީފިއެވެ. މި ކަންކަން ޙާޞިލްކުރުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީއިން ވަނީ މި އަހަރުގެ ތެރޭގައި ރާއްޖޭގައި މަސައްކަތްކުރުމަށް ގެންނަ ބިދޭސީ މަސައްކަތްތެރިންނާ ބެހޭ ޤަވާޢިދަށް ބޮޑެތި އިޞްލާޙުތަކެއް ގެނެސް އަދި އިސްލާޙުގެ ދަށުން ޖުމްލަ 7 އުސޫލެއް އެކުލަވާލާ އެތައް ކަމެއް ހަރުދަނާކޮށްފައެވެ.

ސަރުކާރުން ފެށި ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ކާމިޔާބުކަން ދައްކުވައިދޭ އެއް ހެއްކަކީ އެ ޕްރޮގްރާމަށް ލިބުނު ތަރުޙީބެވެ. ޤަވާޢިދުގެ ތެރެއަށް ވަދެ ރެޖިސްޓްރީވާން އެދިގެން އައި ބިދޭސީންގެ ކިޔުތައް ދިގުވެ، އެންމެފަހުން ޤައުމީ ބޯޅަދަނޑު ފުރައިލިއެވެ. ދިގު ކިޔޫތައް ހަދައިގެން މަސައްކަތް ފަށަން ޖެހުނެވެ. އިކޮނޮމިކް މިނިސްޓްރީން ބުނާ ގޮތުގައި މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 41 ހާހެއްހާ މީހުން ޤަވާޢިދުގެ ތެރެއަށް ވަނުމަށް އެދިފައިވާއިރު އޭގެ ތެރެއިން 5000 މީހުން ވަނީ ރެޖިއުލަރައިޒް ކުރެވިފައެވެ. އަދި އިތުރު މީހުން ރެގިއުލަރައިޒް ކުރުމުގެ މަސައްކަތް ދަނީ ހުއްޓުމެއް ނެތި ކުރިއަށެވެ.

ސުމާރެއް ނެތް ގޮތެއްގައި ބިދޭސީ މަސައްކަތްތެރިން ރާއްޖެ އެތެރެވަމުން އަންނަނިކޮށް އެކަން ހުއްޓުވައިދިނީ 2019 ވަނަ އަހަރު މި ސަރުކާރުން ކަނޑައެޅި މޮރެޓޯރިއަމްގެ ދަށުން އެއް ޤައުމަކަށް ނިޞްބަތްވާ 150،000 އަށްވުރެ ގިނަ ބިދޭސީންނަށް ނުތިބެވޭގޮތަށް ނިންމި ނިންމުމެވެ. އެއާއެކު އެ ވަގުތަށް ރާއްޖޭގައި މަސައްކަތްކުރަމުންދިޔަ ބަނގްލަދޭޝްއަށް ނިޞްބަތްވާ މަސައްކަތްތެރިންގެ ޢަދަދު އެ ޢަދަދަށްވުރެ އިތުރުވުމުން ބަންގްލަދޭޝްގެ އަންސްކިލްޑް މަސައްކަތްތެރިންނަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ދިނުން ހުއްޓާލިއެވެ.

މި ބަދަލާއެކު ސެޕްޓެންބަރު 2019 އިން ފެށިގެން އޮކްޓޫބަރު 2020 އާއި ހަމައަށް ބަންގްލަދޭޝައަށް ނިސްބަތްވާ ފަރާތްތަކަށް އެމްޕްލޯއިމަންޓް އެޕްރޫވަލްދީފައި ވަނީ އެންމެ 1743 ފަރާތަކަށެވެ. ހަމަ އެހެންމެ އޯގަސްޓް 2020 ގައި ވަޒީފާގެ ޤާނޫނަށް ގެނެވުނު ހަ ވަނަ އިޞްލާހާއެކު އެއް ވަގުތެއްގައި އެއް ޤައުމަކަށް ނިޞްބަތްވާ 100،000 އަށްވުރެ އިތުރަށް ބިދޭސީ މަސައްކަތްތެރިންނަށް ރާއްޖޭގައި ނުތިބެވޭގޮތަށް ނިންމި ނިންމުން ވެގެންދިޔައީ ބިދޭސީ މަސައްކަތްތެރިން އެތެރެވަމުންދިޔަ މިންވަރު ކޮންޓްރޯލްކުރުމަށް ސަރުކާރުން އެޅި މުހިންމު އިތުރު ފިޔަވަޅަކަށެވެ.

ޤާނޫނީ ގޮތުން ގެނެވުނު ބަދަލުތަކާއެކު މި އަހަރު 20،000 ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމަށް އަމާޒުހިފާފައިވާއިރު މިހާތަނަށް ރިޕެޓްރިއޭޝަން ޕްރޮގްރާމުގެ ދަށުން 7338 ބިދޭސީން ޤައުމަށް ފޮނުވައިލާފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލައިލުމުން އެނގެއެވެ. ހަމައެހެންމެ މި ޢަދަދުތައް މަދުކުރުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްއަށް ނިޞްބަތްވާ މީހުންގެ ތެރެއިން މި އަހަރު ރާއްޖެއިން ފުރައިގެން ގޮސްފައިވާ ގާތްގަނޑަކަށް 15،000 ފަރާތެއްގެ އެމްޕްލޯއިމަންޓް އެޕްރޫވަލް މިހާރު ވަނީ ކެންސަލް ކޮށްފައެވެ.  މިއީ އަދި ހަމަ އެންމެ ނަޒަރަކުން ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތަކާ ގުޅޭގޮތުން ސަރުކާރުން ޙާޞިލްކޮށްފައިވާ ކަންކަމަށް ނަޒަރު ހިންގާލުމުން ފެނުނުހާ ކަންކަމެވެ. އަދި ފިޔަވަހިތަކާއި ފިޔަވަޅުތައް އޮތީ ކުރިޔަށެވެ. ނަމަވެސް މިހާރު ވެސް އެ ވަނީ އުންމީދީ ބަދަލެއް ގެނެސްދީފައެވެ.

ބިދޭސީންނަށް އެހީތެރިވާން ވެސް ނުކުތީ ސަރުކާރު

ބިދޭސީ މަސައްކަތްތެރިން ރާއްޖެ އެތެރެވަނީ ކޮންމެވެސް ބައެއްގެ ހަވާލުގައި ނަމަވެސް އެ ފަރާތްތަކުގެ އަޅައިލުމެއް ނެތި ދަތި ހާލުގައި ތޮއްޖެހިފައިވާ އެކޮމަޑޭޝަންތަކުގައި އެތައް ހާސް ބިދޭސީންނެއް ދިރިއުޅެއެވެ. ކޯވިޑްގެ ކޮމިއުނިޓީ ސްޕްރެޑެއް މާލޭގައި ފެށި، މާލެ ލޮކްޑައުން ކުރުމާއި ހަމައިން މިފަދަ ތަންތަނުގެ ޙާލަތަށް ބަލައި ބަލި ފެތުރުން އިތުރަށް ކޮންޓްރޯލްކުރުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުންނާއި ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭންއާ އެއްގޮތަށް ކަންކަން ބައްޓަންކުރުމުގެ ގޮތުން އެފަދަ ހާލަތު ދަށް ތަންތަނުގައި ވަޒީފާދޭ ފަރާތުގެ އެހީތެރިކަމެއް ނެތި ތިބޭ ބިދޭސީ މަސައްކަތްތެރިން ސަރުކާރުގެ އިސްނެގުމަށް ތަރައްޤީކުރި ބިދޭސީ މަސައްކަތްތެރިންނަށް ޚާއްޞަ ފެސިލިޓީތަކަށް ސަރުކާރުގެ ޚަރަދުގައި ބަދަލުކުރެވުނެވެ. އަދި ކޯވިޑްއާ ގުޅިގެން ކަރަންޓީނުކުރުމާއި އައިސޮލޭޓްކޮށް ދޫކުރެވޭ ބިދޭސީ މަސައްކަތްތެރިން އެ މީހުންގެ ވެރިފަރާތްތަކާ ހަވާލުކުރުމާއި މީގެ ތެރެއިން ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދާ ފަރާތްތައް ސަރުކާރުން ހިންގާ އެކޮމަޑޭޝަން ފެސިލިޓީތަކަށް ގެންގޮސް އެ ތަންތަނުގައި އެ ފަރާތްތަކަށް ކެއިންބުއިމާއި ޞިއްޙީ ޚިދުމަތް ހަމަޖައްސައިދިނުމާއި އަދި ޤަވާޢިދުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ވަޒީފާ ހޯދައިދީ ރެގުލަރައިޒް ކޮށްދިނުމާއި އެނބުރި ޤައުމަށްދާން ބޭނުންވާ ފަރާތްތައް ރިޕެޓްރިއޭޓްކޮށްދިނުމުގެ މަސައްކަތް ވެސް ސަރުކާރުން ކޮށްދިނެވެ.

ބިދޭސީ މަސައްކަތްތެރިންނަށް އެކޮމަޑޭޝަން ހަމަޖައްސައިދޭ އެތައް ތަނަކީ އިންސާނުން ދިރިއުޅެން އެކަށޭނެ ތަންތަނަށް ނުވާ ޙާލަތުގައި ހުރި ތަންތަން ކަމުގައިވިޔަސް އެ ތަންތަން ވެސް ފެނުނީ މި ސަރުކާރަށެވެ. މީގެ ކުރިން އެ ކަންކަމާ ބެހޭގޮތުން ޑްރާމާތަކަށް ދާންދެން ދައްކާހެދިނަމަވެސް މި ވީހާތަނަށް އެއްވެސް ސަރުކާރަކަށް އެކަމަށް ބަދަލެއް ގެނެއެއް ނުދެވުނެވެ. މިހާރުގެ ސަރުކާރުން ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ދިރިއުޅުމަށް ވަޒީފާދޭ ފަރާތުން ‘އެކޮމޮޑޭޝަން’ ހަމަޖެއްސުމުގެ މިންގަނޑު ޢާންމުކޮށް ވަޒީފާދޭ ފަރާތްތަކަށް ވަނީ އެ މިންގަނޑަށް ފެތޭ ރަޖިސްޓްރީކޮށްފައިވާ އެކޮމަޑޭޝަންތަކުގައި ބިދޭސީން ބޭތިއްބުމަށް ލާޒިމުކޮށްފައެވެ. އަދި ސަރުކާރުގެ ކުރިއަށް އޮތް ޕްލޭނަކީ އެކްސްޕެޓް ވިލެޖެއް ޤާއިމުކޮށް ފެންވަރު ރަނގަޅު ބޯހިޔާވަހިކަން ބިދޭސީ މަސައްކަތްތެރިންނަށް އެތަނުން ހަމަޖައްސައިދިނުމުގެ ފުރުޞަތު ދިނުމެވެ.

ވަށާޖެހޭ ޙައްލަކާ ދިމާއަށް

ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިޔަށްގެންދަނީ ހަމައެކަނީ އެންމެ ދިމާއަކަށް ފޯކަސްކޮށްގެނެއް ނޫނެވެ. އެކަމާ ގުޅިގެން ހުރި ހުރިހާ މައްސަލަތަކަށް ޙައްލެއް ލިބޭނެގޮތަށް ވިސްނުން ބަހައްޓައިގެންނެވެ. ބިދޭސީ މަސައްކަތްތެރިންގެ ރެގިއުލަރައިޒް ޕްރޮގްރާމާއި ރިޕެޓްރިއޭޓް ޕްރޮގްރާމް ކުރިޔަށްގެންދާއިރު ސަރުކާރުން އަންނަނީ ދިވެހި ޒުވާނުން މަސައްކަތަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކާ ތަމްރީނުތައް އިތުރުކުރަމުންނެވެ. އަދި ދިވެހިންނަށް ޚާއްޞަ ބައެއް ދާއިރާތައް ކަމުގައިވާ މަސްވެރިކަމާއި ދަނޑުވެރިކަމުގައި ވެސް ދިވެހި މަސައްކަތްތެރިންގެ ދައުރު ފުޅާކުރުމަށް ތަފާތު އެކި ޕްރޮގްރާތައް ހިންގުމާއި އެހީތައް ފޯރުކޮށްދިނުން ފަދަ ފަސޭޙަތައް ދިވެހިންނަށް ސަރުކާރުން އަންނަނީ ފަހިކޮށްދެމުންނެވެ. އިކޮނޮމިކް މިނިސްޓްރީން ހުޅުވި ޖޮބް ޕޯޓަލްއަކީ ވެސް ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމަށް ހުޅުވިގެންދިޔަ މުހިންމު ދޮރާށްޓެކެވެ. އިތުރުކަމެއްގެ ގޮތުން ސަރުކާރުގެ ވަޢުދެއްގެ ގޮތުން އެންމެ ދަށް މުސާރަ ކަނޑައެޅުން ވެގެންދާނީ ވެސް އެންމެ އާދައިގެ ވަޒީފާތަކަށް ކުރިމަތިލާ ދިވެހިންގެ ޢަދަދު އިތުރުވެގެންދާނެ ކަމަކަށެވެ.

ބިދޭސީން މަސައްކަތްތެރިންގެ މައްސަލަތައް ޙައްލުކުރުމުގެ މަސައްކަތްތައް ކުރިޔަށްދާއިރު އެމީހުންގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަކޮށްލުމަކީ ވެސް ކޮންމެހެންވެސް މުހިންމުކަމެކެވެ. ކޯވިޑްއާ ގުޅިގެން ސަރުކާރުން ބިދޭސީންނަށް ކަންތައްތަކެއް ފަހިކޮށްދީފައިވާއިރު ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން ވެސް ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި، ވަކިން ޚާއްޞަކޮށް ބުރަ މަސައްކަތްތަކެއް ކުރަމުންގޮސްފައިވާކަން ވެސް ފާހަގަކޮށްލަންޖެހެއެވެ. ކޯވިޑްގެ ސަބަބުން ލޮކްޑައުންގައި މާލެ ސަރަޙައްދު އޮތްއިރު ޑެލިވަރީގެ މަސައްކަތްތަކަށް ވެސް ފުރާނަ އަތްމައްޗަށް ލައިގެން ނުކުތް މީހުންގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިން ގިނައެވެ. ހަމަ އެހެންމެ އެތައް ޕްރޮޖެކްޓެއް ކޮވިޑްގެ ތެރޭގައި ނުހުއްޓި ކުރިޔަށް ދިއުމުގައި ވެސް ބިދޭސީ މަސައްކަތްތެރިންގެ ޙިއްޞާ ބޮޑެވެ.

ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން މިހާރު މި ވަނީ މަސައްކަތްތަކެއް ފަށާފައެވެ. އެ މައްސަލައިގެ ވަށައިގެންހުރި ހުރިހާ މައްސަލަތަކަށް ޙައްލު ހޯދުމަށް ސަރުކާރުން ފަށައިގެން ކުރިޔަށްގެންދާ މަސައްކަތްތަކަށް ކޯވިޑްގެ ސަބަބުން ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިނަމަވެސް އެ މަސައްކަތް ދަނީ ކުރިޔަށެވެ. ކަނޑައަޅާފައިވާ ޢަދަދުތަކަށްވުރެ ދަށުގައި ބިދޭސީ މަސައްކަތްތެރިންގެ އާބާދީ ހިފަހައްޓާނެއެވެ.

ހަމަ އެހެންމެ ޤަވާޢިދާ ޚިލާފަށް ބިދޭސީ މަސައްކަތްތެރިންނަށް މަސައްކަތްކުރުމުގެ ފުރުޞަތު ބަންދުވެ ޤަވާޢިދުގެ ތެރެއަށް ހުރިހާ ފަރާތްތައް ވެއްދޭނެއެވެ. މޮނިޓަރކުރުމާއި އިންސްޕެކްޓްކުރުން ހަރުދަނާކޮށް ބިދޭސީންގެ މަސައްކަތްކުރާ ތަންތަނާއި އެމީހުން ދިރިއުޅޭ ތަންތަނުގެ ޙާލަތު އެއް މިންގަނޑެއްގައި ހިފެހެއްޓޭނެއެވެ. އަދި އެ މީހުންގެ އެކޮމަޑޭޝަންގެ މައްސަލަތަކަށް ދާއިމީ ޙައްލެއް އަދި ބިދޭސީ މަސައްކަތްތެރިންނަށް ޚާއްޞަ ވިލޭޖް ހެދުމާއެކު ލިބިގެންދާނެއެވެ. ސަރުކާރުން މިވަނީ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަތައް ޙައްލުކުރުމުގައި 2 އަހަރުގެ ތެރޭގައި ވެސް އެތައް ކާމިޔާބީއެއް ޙާޞިލުކޮށްފައެވެ. މި ސަރުކާރުން އެ މައްސަލަތައް ހައްލު ކުރާނެކަން އެވަނީ ދައްކައިދީފައެވެ. މިއީ، ކުރީގެ ސަރުކާރަކަށް ކުރެވުނު ކަމެއް ނޫނެވެ. ނަމަވެސް، މިއީ ސަރުކާރަށް އެކަނި ވާނޭ ކަމެއް ނޫނެވެ. މި ކަމުގައި އެންމެންގެ ބައިވެރިވުން ބޭނުންވާނެއެވެ. ބިދޭސީ މަސައްކަތްތެރީން ގެންގުޅޭ ކުންފުނިތަކާއި، ޢާންމު ފަރުދުންގެ ވެސް މެއެވެ. މިކަމުގައި ބޭނުންވަނީ އިޙުސާންތެރި، ޞާލިޙް ވެރިއަކާއި، ހަރުދަނާ، ހިންގުންތެރި ސަރުކާރަކާއި، އޯގާތެރި މުޖުތަމަޢެކެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: