ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯސެސްތަކުން ވެލިއު ބޭނުންވޭ، އެކަމަށް ދުނިޔެ ދައްކާ މަގަކީ ޕްރައިވެޓައިޒޭޝަންގެ މޮޑެލް: އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭނުން ވަނީ ހުރި ރިސޯސަސްތަކުން އެންމެ ބޮޑު ވެލިއުއެއް ލިބުން ކަމަށާއި، އެކަމަށް އެކަމަށް އޮތް މަގަކީ ޕްރައިވެޓައިޒޭޝަންގެ މޮޑެލްގެ ދަށުން ކުރިޔަށް ދިއުންކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން “ސަންގު ޓީވީ” އިން ކުރިޔަށް ގެންދިޔަ “ރައީސް ސޯލިހާއި އެކު ދެ އަހަރު” ކަވަރޭޖްގައި އަމީރު ވިދާޅުވީ ކުންފުނިތައް ޕްރައިވެޓައިޒް ކުރުމާއި ގުޅޭގޮތުން ވާހަކަދެއްކުން އެއީ އަލަށް ކުރާކަމެއް ނޫން ކަމަށެވެ. އަމީރު ވިދާޅުވީ ރައްޔިތުން ވެސް ބޭނުންވާނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެންމެ ރަނގަޅުގޮތުގައި ފައިދާވުން ކަމަށެވެ. ރައްޔިތުންނަށް އެންމެ ބޮޑު މަންފާއެއް ލިބެނީ ކޮން ކުންފުނިތަކުންތޯ އާއި، އެ މަންފާ ވަނީ ކޮންގޮތަކުން ތޯ ބަލާއިރު ރައްޔިތުންނަށް އެންމެ ބޮޑު ފައިދާއެއް ކުރަނީ އަދި ރައްޔިތުން ބޭނުންވާ ގޮތަށް ޒިންމާދާރުކަމާއި އެކު ކޯޕަރޭޓް ގަވަނަންސް އުސޫލުތަކާއި އެއްގޮތަށް ހިނގަނީ ހަމައެކަނި ސަރުކާރު ހިއްސާވާ ގޮތަށް ނޫން އެހެނިހެން ފަރާތްތަކާއި އެކީ ވެސް ހިއްސާވެގެން ކުރިޔަށް ދާ ކުންފުނިތައް ކަމަށް އަމީރު ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުގައި ލިސްޓެޑް ކުންފުނިތައް ނަންގަވާ އަމީރު ވިދާޅުވީ، ސަރުކާރަށް އެންމެ ގިނައިން ޑިވިޑެންޑު ލިބެނީ ވެސް އެފަދަ ކުންފުނިތައް މެދުވެރިކޮށް ކަމަށެވެ. މަސައްކަތް ކުރަމުންދަނީ ބޭރުގެ އެކްސްޕާޓުންނާއި މަޝްވަރާކޮށް އެފަރާތްތަކުގެ އެހީގައި ރަނގަޅު ސްޓަޑީއެއްކޮށް ކުރިޔަށް ދިއުމަށް ކަމަށް އަމީރު ވިދާޅުވިއެވެ.

މިގޮތަށް މަސައްކަތްތައް ކުރިޔަށްދާއިރު އެ ސްޓަޑީ މެދުވެރިކޮށް ރަނގަޅު ކުންފުނިތަކަކީ ކޮބައިކަން ދެނެގަނެވޭނެ ކަމަށާއި ކުންފުނިތައް ޕްރައިވެޓައިޒް ކުރެވޭނީ ކޮންގޮތަކުން ތޯ ބަލާ، ބޭރުގެ ފަރާތްތަކަށް އައިޕީއޯށް ދާނީތޯ ނުވަތަ ރާއްޖޭގައި އައިޕީއޯއަކަށް ދާނީ ތޯ ވާހަކަ ދެކެވޭނެ ކަމަށެވެ. އެހެން ނޫނީ ސްޓަޑީސްތަކުން ސްޓްރެޓެޖިކް ޕާޓްނާއެއް ހޯދާނީތޯ ދެނެގަނެވޭނެ ކަމަށެވެ.

“ދެން އަޅުގަނޑުމެން މި ބަލަނީ، ބޭރުގެ އެކްސްޕާޓުންގެ އެހީގައި ސްޓަޑީއެއްކޮށްގެން… ރަނގަޅަށް ސްޓަޑީއެއްކޮށްގެން ކޮންކޮން ކުންފުނިތަކެއް ތޯ އަޅުގަނޑުމެންނަށް ޕްރައިވެޓައިޒް ކުރެވޭނީ ކޮން ގޮތަކަށް ތޯ. ބޭރުގެ ފަރާތްތަކަށް އައިޕީއޯކަށް ދާނީ ތޯ، ނުވަތަ ރާއްޖޭގައި އައިޕީއޯއަކަށް ދާނީ ތޯ. ސްޓްރެޓެޖިކް ޕާޓްނާރ އެއް ހޯދާނީ ތޯ. ނިމޭއިރު އަޅުގަނޑުމެން ބޭނުން ވަނީ ހުރި ރިސޯސަސްތަކުން އެންމެ ބޮޑު ވެލިއުއެއް ލިބުން. އެ ވެލިއު ލިބޭނެ ގޮތަކީ ނުވަތަ ދުނިޔެ ދައްކާ ހަގީގަތަކީ އަޅުގަނޑު ދެކޭ ގޮތުން ޕްރައިވެޓައިޒޭޝަންގެ މޮޑެލްގެ ދަށުން ކުރިޔަށް ދިއުން” އަމީރު

އަމީރު ވިދާޅުވީ ސީދާ ސަރުކާރުން ކަންކަމަށް ވަދެގެން ކުރިޔަށް ގެންދާނަމަ އެއީ ވަރަށް “އިންއެފިޝިއެންޓް” ކަމެއް ކަމަށެވެ. އަދި އެހެން ނޫނީ ކޮރަޕްޝަނަށް އޮންނަ ހިރާސްތަކަށް ވެސް މަގުފަހިވެގެން ދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން އާމްދަނީ ހޯދަން އަންނަ އަހަރަށް ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ސަރުކާރު ކުންފުނިތައް ޕްރައިވެޓައިޒް ކުރުން ވަނީ ހިމަނާފަ އެވެ. ހިއްސާ ވިއްކައިގެން 462.6 މިލިއަން ރުފިޔާ އަންނަ އަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ސަރުކާރުން ލަފާ ކުރެއެވެ.

ސަރުކާރު ކުންފުނިތައް ޕްރައިވެޓްއިޒް ކުރުމުގެ ކުރިން އިތުރު ދިރާސާ ތަކެއް ކުރަން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް ވަނީ ލަފާދީފައެވެ. 2021 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓާއި ގުޅޭގޮތުން އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމް ވިދާޅުވީ ބަޖެޓުގައި، އަންނަ އަހަރު ޕްރައިވެޓައިޒް ކޮށްގެން އާމްދަނީ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު، މިކަމުން ދިގު ރާސްތާގެ މަންފާއެއް ލިބޭނެ ކަމަށް ބެލެވެނީ އެ ކުންފުންޏަށް ލިބޭ ފައިދާއަށް ބިނާ ވެގެން ކަމަށެވެ.

އެހެން ނަމަވެސް އެ މައްސަލައިގައި ހިއްސާ ވިއްކުމާއި ގުޅޭގޮތުން އަމީރު ވިދާޅުވެފައި ވަނީ އެއީ ކުންފުނިތައް “ވިއްކާލުން” ނޫން ކަމަށާއި، ޕްރައިވެޓައިޒް ކުރުމުގެ ސަބަބުން ކުންފުނިތަކުގެ ހިންގުން ހަރުދަނާވެ ކޮރަޕްޝަނަށް އޮންނަ މަގު ކުޑަ ކުޑަ ވެގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: