ޖަޕާން ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ ކޯސްޓްގާޑާއި، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް 117 މިލިއަން ރުފިޔާގެ (7.6 މިލިއަން ޔޫއެސް ޑޮލަރު / 800 މިލިއަން ޖަޕަނީޒް ޔެން) އެހީތެރިކަން ފޮރުކޮށްދިނުމާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި މިއަދު ސޮއިކޮށްފިއެވެ.
އެހީތެރިކަން ފޮރުކޮށްދިނުމާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި މިއަދު ސޮއިކޮށްފައިވަނީ މިކަމަށްޓަކައި މިއަދު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރެއްދީ ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.
ޖަޕާން ސަރުކާރުގެ މިއެހީގެ ދަށުން ކޯސްޓްގާޑާއި، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އިތުރުން ސަބް ރީޖަނަލް ސެންޓަރުތަކާ ކޯސްޓްގާޑު އުޅަނދުފަހަރުގެ ޤާބިލްކަން އިތުރުކުރެވިގެންދާނެއެވެ. އެގޮތުން އެންމެ ފަހުގެ މުވާސަލާތީ އާލާތްތަކާއި، މީހުން ހޯދާ ސަލާމަތްކުރުމުގައި ބޭނުންކުރާނެ އާލަތްތަކުގެ އިތުރުން ކޯސްޓްގާޑަށް ބޭނުންވާ ޑައިވް އިކުއިޕްމަންޓް ހޯދޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

