ދިވެހި އަސްކަރިއްޔާ ކުރިއެވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އުންމީދަކީ އަންހެން ސިފައިންގެ އަދަދު އިތުރުކުރުންކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސިފައިންގެ 66 ވަނަ އަސާސީ ތަމްރީންގެ ބައިވެރިން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މުޖުތަމައެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެމިއޮންނާނީ މިންތީގެ ހަމަހަމަކަން ގާއިމްކުރެވިގެން ކަމަށެވެ. އަދި މިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ މިންތީގެ ހަމަހަމަކަން ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާކަމަށް ވިދާޅުވިއެވެ.
މިމޭރުމުން ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ މިންތީގެ ހަމަހަކަން ގާއިމްކުރުމަށް ސިފައިންގެ މުއައްސަސާގެ ތެރެއިން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ. އަދި އެކަމުގެ ހެކިތައް މިހާރުވެސް ފެންނަމުންދާކަން ފާހަގަކުރައްވާ އަންހެން ސިފައިންގެދަދު އިތުރުވަމުންދާކަން ފާހަގަކުރެއްވިއެވެ. 2016 އަދި 2017 ވަނަ އަހަރު ހިންގި ތަމްރީން ކޯސްތަކުގައި ބައިވެރިވި އަންހެން ސިފައިންގެ ނިސްބަތަކީ 5 އިންސައްތަ ކަމަށާއި 2019 ވަނަ އަހަރުގައި 11 އިންސައްތަކަމަށާއި އަދި މިއަހަރުގެ ތަމްރީނުގައި ބައިވެރިވި އަންހެނުންގެ ނިސްބަތަކީ 18 އިންސައްތަކަމަސް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ސިފައިން އަބަދުވެސް ތިބެންވާނީ އަސްކަރީ އަހްލާގާއި ސުލޫކުގެ މަތީގައި ކަމަށެވެ. އަދި ސިފައިން ވާންވާނީ އަބަދުވެސް ހަށިގަނޑާއި ފުރާނައިން ގާނޫނުއަސާސީގައިވާ ގޮތުގެމަތިން ދީނާއި ގައުމަުގެ ދިފާއުގައި ނުކުންނަ ބަޔަކަށްކަމަށް ވިދާޅުވިއެވެ.
ސިފައިންގެ ކޮންމެ މީހަކު ފެނުމާއެކު ދިވެހި ދިދައިން ލިބޭ ފިނި ހިޔަލުގެ ފޮނިކަން އިހުސާސުކުރެވެންވާނެކަމަށް މިނިސްޓރަ ވިދާޅުވިއެވެ. އަދި ރައީސް ސޯލިހު ފާހަގަކުރައްވާފަދައިން، ފާއިތުވި ދެއަހަރުގެ ތެރޭގައި ރައްޔިތުންނަށް ހޯދައިދެވުނު އެންމެ ބޮޑު ކުރިއެރުމަކީ ހަމަޖެހުމާއި ސުލްހަ މަސަލަސްކަމާއެކު އުޅެވޭނެ މާހައުލެއް ގާއިމްކޮށްދިނުންކަމަށްވެސް މިނިސްޓަރގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

