ނެގެޓިވް ޕީސީއާރު ނަތީޖާއަކާއެކު ދިވެހިންނަށް ރިސޯޓަށް ދެވޭ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއް ދީފައެވެ.
އެޗްޕީއޭއިންކުރި އިއުލާނެއްގައި ބުނީ އަލަށް ގެނެވުނު ބަދަލަށް ޢަމަލުކުރަން ފަށާނީ މިމަހުގެ 20 ވަނަ ދުވަހުން ފެށިގެންކަމަށެވެ.
އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނުގައި ބުނީ ހުއްދަ ލިބިގެން ކުރު މުއްދަތުގެ މަސައްކަތްތަކަށް ރިސޯޓުތަކަށް ދަތުރުކުރާ މީހުންނާއި ލޯކަލް ޓޫރިސްޓުންގެ ގޮތުގައި ރިސޯޓުތަކަށް ޗުއްޓީއަށްދާ ފަރާތްތަކުން ދަތުރަށް ފަށާއިރު 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާ އެއް އޮތްނަމަ ރިސޯޓަށް ދެވޭނެ އެވެ.
މިގޮތަށް ރިސޯޓުތަކަށް ދަތުރުކުރާ ފަރަތްތަކުގެ ހުރުމާއި ކެއުން ހަމަޖެހިފައި ހުންނަންވާނީ، ރިސޯޓު މުވައްޒަފުންނާއި ވަކިން ކަމަށް ވެސް އެޗްޕީއޭގެ އުސޫލުގައިވެ އެވެ. އަދި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެފަދަ ފަރާތްތަކުން އަމަލުތައް ބެހެއްޓުމަށް ވެސް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފަ އެވެ.

