ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ވާ ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާ ނައިބް ރައީސް ފައިސަލް ނަސީމް ބައްދަލު ކުރައްވައިފިއެވެ.
މިއަދު ކުރިޔަށް ގެންދިޔަ އެ ބައްދަލުވުމުގައި ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޕްރޮޕޯސަލް އަދި އެ މަރުކަޒު ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު އެހޮސްޕިޓަލުގެ އިސް ވެރިން ވަނީ ފައިސަލް އާއި ހިއްސާ ކުރައްވާފައެވެ. އެގޮތުން، އެ މަރުކަޒު ގާއިމުކުރުގެ އަމަލީ މަސައްކަތާއެކު، އެ ތަނަށް ބޭނުންވާނެ މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރުމާއި، އަންނަ އަހަރު މަރުކަޒު ހުޅުވުމަށް ކުރަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފައިސަލް ވަނީ ތައްޔާރުކުރެވިފައިވާ ޓައިމްލައިންއާ އެއްގޮތަށް މަރުކަޒުގެ މަސައްކަތް ކުރިއަށް ގެންދިޔުމުގައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ކަމާގުޅޭ އިދާރާތަކުން ހޯއްދަވާނެކަމުގައި ވިދާޅުވެފައެވެ. އަދި މި ފަދަ މަރުކަޒެއް ބިނާކުރުމުގައި ކުދިންގެ ހެދިބޮޑުވުމަށް ބޭނުންވާ ހުރިހާ ފަރުވާއެއް އެއްތަނަކުން ލިބޭ ވަށާޖެހޭ އޮނިގަނޑެއް ތައްޔާރުކުރުމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބް ރައީސް ހުޅުމާލޭ ހޮސްޕިޓަލަށް މިއަދު ކުރެއްވި ޒިޔާރަތުގައި އެ މަނިކުފާނު ވަނީ އައު މަރުކަޒު ގާއިމުކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު ބައްލަވާލައްވާފައެވެ. މިއަދުގެ މަޝްވަރާތަކުގައި ފައިސަލްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ، ޑރ. މުސްޠަފާ ލުތުފީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ޑރ. އަބްދުލްމަލިކާއި، ހުޅުމާލޭ ހޮސްޕިޓަލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

