ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑާއިއެކު އެނގިގެން ދިޔައީ ބައިނަލްއަގްވާމީ ގުޅުންތަކުގެ މުހިންމުކަން: ޝާހިދު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ ބަލިމަޑުކަމާއި އެކު ބައިނަލްއަގްވާމީ ގުޅުންތަކުގެ މުހިންމުކަން ވަރަށް ބޮޑަށް އެނގިގެން ދިޔަކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ގައުމީ އެއްބައިވަންތަކުގެ ދުވަހުގެ މުނާސަބާގައި ފޮރިން މިނިސްޓްރީއިން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ، ރާއްޖެއަށް ދިމާވި އެންމެ ހިތްދަތި އެއް ކާރިސާގެ ހަނދާންތައް އާކުރާއިރު، މިއަދުވެސް އެފަދަ ކާރިސާއަކާއި ކުރިމަތިވެފައިވާ ކަމަށެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމަށް އަލިއަޅުއްވާލައްވައި ޝާހިދު ވިދާޅުވީ، ކޮވިޑާއި އެކު ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމާއި، އެއް ބަޔަކު އަނެއް ބަޔަކަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އެނގިގެން ދިޔަ ކަމަށެވެ.

ދުނިޔޭގެ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމުގެ ސަބަބުން، އެކަމުގެ ހެޔޮ ރަނގަޅު ނަތީޖާ މިވޭތުވޭ ދުވަސްތަކުގައި ފެނިގެން ގޮސްފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއަށް 16 އަހަރު ވަނީ ފުރިފައެވެ. އެ ހިތާމަވެރި ކާރިސާއިން ގައުމަށް އަރައިގެނެވުނީ ދިވެހިންގެ މެދުގައި އޮންނަ އެއްބައިވަންތަ ކަމުގެ ސަބަަނުން ކަމަށާއި، އެކުވެރި އެތައް ގައުމަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ސުނާމީފަދަ ބޮޑު ކާރިސާއަކާއި ކުރިމަތިލީއިރު، އެފަދަ ހާލަތަކުން ކުރާނެ އަސަރު ވެސް ދެނެގަތުމަށް ފުރަތަމަ އުނދަގޫތަކެއް ވި ކަމަށް ޝާހިދުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އެ ކާރިސާގައި ދިވެހި އެތައް ބަޔަކު ނިޔާވެ، އަދި ވީނުވީއެއް ގެއްލިގެން ދިޔަ ކަމަށާއި އެތައް ބަޔަކު އުމުރު ދުވަހު ކުރި ބުރަ މަސައްކަތްވެސް ސުނާމީއާއެކު ގެއްލިގެން ދިޔަކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް، މިހުރިހާ ކަމަކާއެކު ދިވެހިންގެ މެދުގައި އޮތް ގާތް ގުޅުމާއި ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަން ހާމަވެގެން ދިޔަކަން ޝާހިދު ފާހަގަކުރެއްވިއެވެ.

”ސުނާމީ ކާރިސާއިން އަރައިގަނެވުނީ ދިވެހިންގެ އެއްބައިވަންތަކަމުން. ސުނާމީގައި ލިބުނު ގެއްލުންތަކުން އަރައިގަނެވުނީ އެކުވެރި ދައުލަތްތަކުގެ އެހީތެރިކަމާއެކު“ ޝާހިދު

މީގެ އިތުރަށް މިނިސްޓަރ ވިދާޅުވީ، ސުނާމީއާއި ގުޅިގެން ލިބުނު ގެއްލުންތަކާއެކު ހީނުކުރާވަރުގެ ބޮޑެތި އިގްތިސާދީ ގެއްލުންތަކެއް ލިބުނު ކަމަށެވެ. ޖީޑީޕީއަށް 60 އިންސައްތަ ގެއްލުންވި ކަމަށާއި ކާރިސާއަށްފަހު މަދު ވަގުތުކޮޅެއްގެ ތެރޭގައި ބޭރު ގައުމުތަކުގެ އެހީއަށް އެދުނު ކަމަށް ވިދާޅުވިއެވެ. އަދި ބޭރު ގައުމުތަކުން ރާއްޖެއަށް އަވަސް އެހީތެރިކަމެއް ފޯރުކޮށްދިންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، 24 ގަޑިއިރުގެ ތެރޭގައި ކުއްލި އިންސާނީ އެހީތެރިކަން އެކުވެރި ގައުމުތަކުން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ގެއްލުނު ގޯތި ގެދޮރާއި ދިރިއުޅުން އަލުން އިޔާދަކުރުމަށްވެސް ބޮޑެތި އެހީތަކެއް ވެފައިވާކަމަށް ވިދާޅުވިއެވެ.

އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް ބަދަލުކުރުން ޔުނައިޓެޑް ނޭޝަންސްއިން ފަސްކޮށްދިން ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފޯރުކޮށްދިން އެހީތެރިކަމާއެކު މިލިއަނުން އެހީތައް ލިބިގެން ދިޔަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެހާލަތުން އަރައިގަނެ މިއަދު މިތިބި ހިސާބުގައި ތިބުމުގައި ބޭރު ގައުމުތަކުގެ ބޮޑު އެހީތެރިކަމެއް ލިބުނުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: