ޝަރީއަތް ނިމެންދެން ”ވާނުވާ“ ގައިި ތިބޭ މީހުންގެ ބަންދު ރިވިއު ނުކުރިޔަސް، އެ މީހުން ބަންދުން ދޫކުރަން ނުޖެހޭނެ ކަމަށާއި އެކަމަކު އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅިދާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު ކޮންމެ 30 ދުވަހަކުން އެ މީހެއްގެ ބަންދު ރިވިއު ކުރަންޖެހޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ. އެހެން ނަމަވެސް ކުށެއްގެ ތުހުމަތުގެ ބަންދުގައި ހުރި އެ މީހާގެ ބަންދު ރިވިއު ނުކުރުމުން ދެން ވާނެ ގޮތެއް އެ ޤާނޫނުގައި ބަޔާންކޮށްފައި ނެތެވެ. އަދި ސުޕްރީމް ކޯޓުގައި މިއަދު ކުރިޔަށް ގެންދިޔަ އަޑުއެހުމުގައި ޤާނޫނީ ވަކީލު މަހުފޫޒް ސައީދު ވެސް ވަނީ އެ ނުކުތާ ނަންގަވާފައެވެ.
ބަންދު ރިވިއުނުކުރި ހަތަރު މައްސަލައެއް ހައިކޯޓަށް ހުށަހަޅައިގެން، އެ މަރުހަލާ ކުރިޔަށް ގެންގޮސްފައި ވެއެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ތިން މައްލައިގައި ބަންދު ރިވިއު ނުކުރިޔަސް، ބަންދުން ދޫކުރަން ނުޖެހޭނެކަމަށް ނިންމިއިރު އަނެއް މައްސަލައިގައި ހައިކޯޓުން ނިންމާފައިވަނީ އެ ހާލަތުގައި އެ ބަންދެއް ޤާނޫނާއި ހިލާފުވާނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ އިސްތިއުނާފަށް ހުށަހަޅާފައި ވަނީ ދޫކުރަން ނުޖެހޭނެ ކަމަށް ނިންމި ތިން މީހުންގެ މައްސަލައެވެ.
އިސްތިއުނާފުގެ ހުކުމް އިއްވާ ސުޕްރީމް ކޯޓުން މިއަދު ބުނެފައިވަނީ، ކުށެއްގެ ތުހުމަތު ކުރެވޭ މީހެއް ބަންދުގައި ބެހެއްޓޭނީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހަތަރު ހާލަތުން ކުރެ ހާލަތެއް މެދުވެރިވެގެން ކަމަށެވެ. އަދި ބަންދު ރިވިއު ނުކުރާ ކަމަށް ބުނެ ބަންދުން ދޫކުރަން ޖެހުމަކީ ގާނޫނު މަގްސަދެއް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ.
ހުކުމުގައި ބުނެފައިވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރަން ނެރޭ އަމުރު ބާތިލް ނުކުރަނީސް، އެ މީހުން ބަންދުން ދޫވާނެ ކަމަށް ޖިިނާއީ އިޖްރައާތުގެ ގާނޫނު މާނަ ނުކުރެވޭނެ ކަމަށެވެ. ހުކުމުގައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނައި ހިލާފުވާ ކޮންމެ ފަހަރަކު މުޅި މައްސަލަ ބާތިލުވެ، ބަންދުގައި ހުންނަން ޖެހޭ މީހާ ދޫކޮށްލަން ޖެހޭނެ ހާލަތެއް މެދުވެރިއެއް ނުވާނެ ކަމަށެވެ. ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ގިނަ އިޖްރައާތުތަކަކީ މުޅި މައްސަލައަށް އަސަރު ނުކުރާނެ ފަދަ އިޖްރައާތުތަކެއް ކަމަށާއި ބަންދުގެ މައްސަލަތައް ރިވިއު ކުރުމަކީ ވެސް އެފަދަ އިޖްރައާތެއްގެ ގޮތުގައި ހުކުމްގައި ވަނީ ފާހަގަކޮށްފައެވެ.

