ލ. ވަޑިނޮޅި ކައިރީ އެން ހިފަން އުޅެނިކޮށް ތޫނު އެއްޗެއްސާއި އެކު ”ފަސްކުރި“ ދޯންޏަށް އެރި މައްސަލައާ ގުޅިގެން 26 މީހަކަށް ދައުވާކޮށްފިއެވެ.
ފަސްކުރި ދޯންޏަށް ތޫނު އެއްޗިއްސާއެކު ބަޔަކު އަރާފައިވަނީ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ ލ.އަތޮޅު އެތެރެވަރިން ވަޑިނޮޅު ކައިރީގައި އޮއްވައެވެ. މިމީހުންގެ މައްޗަށް ދައުވާ އުފުލައި މައްސަލަ ވަނީ ލ. ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައެވެ.
ޕީޖީ އޮފީހުގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މިމައްސަލައިގަ ދައުވާކޮށްފައިވާ އެންމެންގެ މައްޗަށް ކޮށްފައިވަނީ ބިރުދެއްކުމުގެ ކުށުގެ ދައުވާ ކަމަށެވެ.
މި ހާދިސާ އާއި ގުޅިގެން ދޯނީގެ ވެރިފަރާތް ކަމަށްވާ އިދުރީސް ހުސެއިން ލ.ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ކޯޓުން ވަނީ ދޯނީގެ ވެރިފަރާތާއި ދޯނި ހަވާލުކުރުމަށް އަންގައި ވަގުތީ އަމުރެއް ނެރެފައެވެ.

