ހާއްސައެހީއަށް ބޭނުންވާ 18 އަހަރުން މަތީގެ މީހަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި، އެއީ ބުއްދީގެ ތަސައްރަފު ނުފުދޭ ކުއްޖެއްކަން ސާބިތުކޮށްދޭން ދައުލަތުން ހުށަހަޅަންޖެހޭ ލިއުމެއް ހުށަހަޅާފައި ނެތްކަމަށް ބުނެ ދަށު ކޯޓުން ބޭރު ކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅައިފިއެވެ.
2018 ވަނަ އަހަރުގެ ކުރީކޮޅު ހުށަހެޅި މި މައްސަލަ އެންމެފުރަތަމަ ކޯޓުން ބޭރުކޮށްފައިވަނީ ޖިންސީ އަނިޔާ ލިބުނީ 18 އަހަރުން މަތީގެ މީހަކަށް ވެފައި، އެއީ ބުއްދީގެ ތަސައްރަފު ނުފުދޭ މީހެއްކަން ޝަރީއަތަށް ސާބިތުކޮށްދޭ ސަރުކާރުގެ ކަމާއި ބެހޭ އިދާރާއެއްގެ ރަސްމީ ލިޔުމެއް ދައުލަތުން ހުށަހަޅާފައި ނުވާތީކަމަށް ބުނެއެވެ.
ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން އުމުރުން 18 އަހަރު ވެފައި ވިޔަސް، ބުއްދީގެ ތަސައްރަފު ނުފެދޭ މީހުންނަށް ޖިންސީ ގޯނާ ކުރުމަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުންގެ ގޮތުގައި އެ ގާނޫނުގައި ބުނެފައި ވެއެވެ. އެގޮތަށް ބަޔާންކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ހައްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައެވެ.
ދައުލަތުން މި މައްސަލައިގައި ހުށަހަޅާފައިވަނީ ޖިންސީ ގޯނާ ލިބިފައިވަނީ ބުއްދީގެ ތަސައްރަފު ނުފުދޭ ކުއްޖަކަށްކަން ސާބިތުކުރަން ސައިކޮލޮޖިކަލް ސާވިސަސް ޓްރެއިނިން އެންޑް ރީސާޗްއިން ތައްޔާރުކޮށްފައިވާ ސައިކޮލޮޖިކަލް ރިޕޯޓެކެވެ.
ހައިކޯޓަށް ހުށަހެޅި ހަމައެކަނި އިސްތިއުނާފީ ނުކުތާގައި ދައުލަތުން ބުނެފައިވަނީ އެއީ ސަރުކާރުގެ ކަމާއި ބެހޭ އިދާރާއެއްގެ ރަސްމީ ލިޔުމެއްކަން ނުވަތަ ސަރުކާރު ގަބޫލު ކުރާ ލިޔުމެއްކަން އެނގެން ނެތްކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ އެ ގާނޫނުގެ 60 ވަނަ މާއްދާގެ (ހ) އާއި ހިލާފަށް ކަމަށެވެ.
މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ދަށު ކޯޓުން ކުރި ހުކުމަށް ވަނީ ތާއީދުކޮށްފައެވެ. ހައިކޯޓުން ކުރި ހުކުމުގައި ވެސް ބުނެފައިވަނީ އަނިޔާ ލިބުނީ 18 އަހަރުން މަތީގެ ސިކުނޑީގެ އުނިކަން ހުންނަ ކުއްޖަކަށްކަން ސާބިތު ކުރަން ދައުލަތުން ރިޕޯޓެއް ހުށަހެޅިޔަސް، އެ ރިޕޯޓް ތައްޔާރުކުރީ އެކަން ކުރަން ސަރުކާރުން ރަސްމީކޮށް ބަލައިގެންފައިވާ އިދާރާއަކުން ކަން އެނގޭނެ ލިޔުމެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ހައިކޯޓުން މައްސަލަ ނިންމި ގޮތާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާތީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
”މި މައްސަލަ ހައިކޯޓުން ނިންމެވި ގޮތާމެދު ހިތްހަމަނުޖެހޭތީ ސުޕްރީމް ކޯޓަށް ހުށަހަޅައިފިން. ހުށަހެޅި ލިޔުމާބެހޭ ސުވާލެއް، ދެބަސްވުމެއް އޮތް. ނިޒާމުގެ ތެރެއިން ޙައްލު ހޯދޭނެ. އަޅުގަނޑުމެން ދާނީ ސާބިތުކަމާއެކު، އިންޞާފު ޤާއިމު ކުރުމުގައި ކުރިއަށް“ ޝަމީމް
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 158 ވަނަ މާއްދާގައި އޮންނަނީ ”ހިތްހަމަނުޖެހޭނަމަ“ އިސްތުނާފު ކުރުމުގެ ހައްގު އޮތްކަމަށެވެ.
ޝަމީމް ވިދާޅުވީ މައްސަލައަށް ނިޒާމުގެ ތެރެއިން ހައްލު ހޯދޭނެ ކަމަށާއި ދައުލަތުން ގޮތް ދޫނުކޮށް، އިންސާފު ގާއިމުކުރުމުގައި ސާބިތުކަމާއެކު ކުރިއަށް ދާނެ ކަމަށެވެ.
ރިޕޯޓު ބަލައިގަންނާނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާއެއްގެ ރަސްމީ ލިޔުމެއް ނުވަތަ ސަރުކާރު ގަބޫލު ކުރާ އެހެން އިދާރާއެއްގެ ލިޔުމެއް ހުށަހެޅުމުންކަމަށް ހައިކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާކަމަށް ވެސް ހުކުމުގައި ވެއެވެ. އަދި އެ ފަދަ ލިޔުމެއް އެ މައްސަލައިގައި ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށް ހައިކޯޓުގެ ހުކުމުގައި ވެސް އެވެ.
ހައިކޯޓުގެ އެ ނިންމުން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އަދި ކޯޓުގެ ހުކުމުގައި އެކަން ފާހަގަކޮށް ބުނެފައިވަނީ އެއީ އަދި ބާތިލުކޮށްފައި ނުވާ ނިންމުމެއް ކަމަށެވެ. އަދި ހައިކޯޓުގެ ނިންމުމަށް އަމަލު ނުކޮށް ދައުލަތަށް އެ ހުއްޖަތް ނުދެއްޖޭނެކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ.

