ޤަވާއިދާއި ޚިލާފަށް ބިދޭސީން ގެންގުޅުނު މައްސަލާގައި ރިޒް ކުންފުނީގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ބުނީ ރިޒް ކުންފުނީގެ މައްޗަށް ތުހުމަތުކުރެވޭ ހިއުމަން ޓްރެފިކިންގެ މައްސަލާގައި ދަޢުވާކުރުމަށް މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ޕީޖީއަށް ފޮނުވާފައިވާކަމަށެވެ.
ރިޒް ކުންފުންޏަކީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ ކުންފުންޏެކެވެ.
މުސާރަ ނުދޭ މައްސަލައާ ގުޅިގެން ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންތަކެއް ވެގެން ވަނީ އެތަނުގައި ތިބި ދިވެހިންތަކެއް މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ރަހީނުކޮށްފަ އެވެ.
އެ މައްސަލައާ ގުޅިގެން 19 ބިދޭސީއަކު ހައްޔަރުކުރިއިރު އެމީހުންގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން ވަނީ އެކަން ހިނގާދިޔަ ގޮތް ވަރަށް ސާފުކޮށް ކޯޓުގައި ކިޔައިދީފަ އެވެ.
އެގޮތުން މުސާރަ ހޯދުމަށް އާދޭސްކުރުމުން، ބިރު ދައްކައި މަރުގެ އިންޒާރުދިން ކަމަށް އެމީހުން ވަނީ ބުނެފަ އެވެ. މުސާރަ ނުލިބޭތާ ހަ މަސް ދުވަސްވާތީ އެކަމުގެ ޝަކުވާކުރުމުން، މުސާރަ ނުދޭނެ ކަމަށް ބުނެ އެރަށަށް ބަޔަކު ފޮނުވައި، އެ މީހުންނަށް ބިރު ދައްކާފައިވާ ކަމަށާއި މުސާރަ ނުދީ އެމީހުން ފޮނުވާލާނީ މާލެއަށް ކަމަށް ވެސް ބުނެފައިވާ ކަމަށް އެމީހުން ވަނީ ކޯޓުގައި ބުނެފަ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ބުނެފައި ވަނީ ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީ އާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

