ރައްޔިތުން މިއަދު ތިބީ ގޮތް ހުސްވެފައި ކަމަށް އިދިކޮޅު ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
މިމަހުގެ ހަތަރު ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއްވެވި ރިޔާސީ ބަޔާނަށް، އިދިކޮޅުން ޖަވާބުދިނުން މިއަދުގެ ޖަލްސާގައި ކުރިއަށް ގެންގޮސްފައިވާއިރު މެމްބަރު ސަލީމް ވިދާޅުވީ، ރައްޔިތުން ތިބީ ގޮތް ހުސްވެފައި ކަމަށާއި އެކަމަށް ހައްލު ހޯދުމަށް އިދިކޮޅުގެ އެހީތެރިކަން ހޯދަން ޖެހޭ ކަމަށެވެ.
ސަލީމް ވިދާޅުވީ ގައުމެއްގެ މިނިވަންކަމާ ސިޔާދަތާ އަދި އެ ގައުމެއްގެ ހާރިޖީ ސިޔާސަތާ ވަނީ ގުޅިލާމެހިފައި ކަމަށާއި ދިވެހި ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ބެލެންސް ގެއްލި، ދިވެހިންގެ މިނިވަންކަމާ ސިޔާދަތީ ބާރުތައް އެއް ދުވަހުން އަނެއް ދުވަހަށް ދަނީ ގެއްލެމުން ކަމަށެވެ.
”ވޭތުވެދިޔަ އަހަރު ރާއްޖެ ހިންގާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން. ރައްޔިތުން ހޮވިކަމަށް ބުނާ ވެރިއަކު މާލިމީއަކަށް ހުރެގެން ވެރިކަމުގެ ނައު ދަތުރުކުރިކަމުގެ އިޙުސާސެއް ރައްޔިތުންނަކަށް ނުކުރެވޭ. ބަދަލު ހިފުމުގެ ރޫޙު އިސްކޮށްގެން، މަލްޓިޕާޓީ ޑިމޮކްރަސީގެ ނަމުގާ ރާއްޖޭގާ މިހާރު ކުރަމުން މިދަނީ ޚުދުމުޚުތާރު އާއިލީ ވެރިކަމެއް.“ ސަލީމް ވިދާޅުވިއެވެ.
ރާއްޖޭގެ ވެރިކަމުގެ މިސްރާބު ހުރީ އާރާސްތުކަމެއް ނެތް، ބަނަ ދުނިޔެއަކަށް.ޤައުމުގެ މިސްރާބު ބަދަލުކޮށް، ދިވެހިރާއްޖެ އަލުން ދިވެހިންނަށް ހޯދައިދިނުމަށްޓަކާ، ދިވެހި ރައްޔިތުންގެ ޙައްޤުގާ، ދިވެހި ރައްޔިތުންނާއެކުގާ މަސައްކަތްކުރާ ބައެއްގެގޮތުގާ އަޅުގަނޑުމެން ވާދަވެރި އޮޕޮޒިޝަން އަބަދުވެސް ތިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށް ސަލީމް ވިދާޅުވިއެވެ.

