މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށް އަންގައިފިއެވެ.
އެޗްޕީއޭ އިން ބުނީ ފިޔަވަޅު އަޅާފައިވަނީ މާދަމާ އިން ފެށިގެން ހަފްތާއެއްގެ މުއްދަތަށް ކަމަށެވެ. މިއީ ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މިގޮތަށް އެޗްޕީއޭއިން ނިންމާފައިވަނީ މި މަހުގެ 3 ވަނަ ދުވަހު މިސްކިތްތަކުގައި ގައިދުރުކޮށް ނަމާދުކުރަން އަންގާފައިވަނިކޮށެވެ. ކޮވިޑް ފެތުރޭ މިންވަރު ނުރައްކާތެރި މިންވަރަކަށް އިތުރުވެފައިވާއިރު އެންމެފަހުން އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ވެސް 1204 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ވަނީ ހާމަކުރައްވާފައެވެ.
މިއާއެކު ރާއްޖޭގައި މިވަގުތު ބަލި ޖެހިފައި ވާ މީހުންގެ އަދަދު 10،376 އަށް ވަނީ އަރާފައެވެ. ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ކޭސްތައް އިތުރުވަމުން އަންނައިރު، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާ މީހުންގެ އަދަދު ވެސް ވަނީ 244 އަށް އަރާފައެވެ.

